(ހޮނިހިރު ދުވަހުގެ ބައިތަކާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ)
****
ފުލުހުންގެ ޖީޕުގައި ފުލުސްއޮފީހަށް ދިޔައިރު ރާމިޔާއަށް އިހުސާސް ކުރެވުނީ ސަންދޯކެއްގެ ތެރޭގައި އިނދެވުނު ހެންނެވެ. ބޭރުގައި، ހޫނުގަދަ އިރުގެ ދޯދިތައް ތާރުމަގަށް އެޅެމުންދިޔަ ނަމަވެސް، އޭނާގެ މޭތެރޭގައި ވަނީ ގަނޑުފެންފަދަ ފިނިކަމެއް ހިފާފައެވެ. އެކަމުގެ ސަބަބުން އޭނާގެ ފުއްޕާމޭގައި ނޭވާ ވަނީ ގަނޑުވެފައެވެ. ގޮނޑީގެ އަރިމަތީގައި އޭނާގެ އިނގިލިތައް ބާރަށް ހިފަހައްޓާލައިގެން އިން އިރު، އިނގިލީގެ ހުޅުތައް ހުރީ ހުދުވެފައެވެ. އަދި އެ އަތް ދިޔައީ ބާރަށް ތުރުތުރު އަޅަމުންނެވެ. ހޫނު ކަރުނަތައް މެދުނުކެނޑި އޭނާގެ އޮމާން ކޯތާފަތްމަތިން ފައިބަމުން ދިޔައިރު، ބޭރުން ފެންނަމުންދިޔަ ފެހި އަދި އަޅިކުލައިގެ މަންޒަރުތައް ވަނީ ފުސްވެފައެވެ.
ކޮންމެ ހިތުގެ ވިންދެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ބިރުވެރި ނާމާން ތާޅަފިއްޔެއް ފަދައިންނެވެ. އޭނާގެ މޭމަތި އަވަސް އަވަހަށް އަރާ ފައިބަމުން ދިޔައީ ނޭވާ ހާސްވާ ފަދަ ބިރުވެރިކަމެއްގެ ތެރޭގައެވެ.
"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ.. ޕްލީސް ސޭވް މީ.. ޕްލީސް ސޭވް އަސް…" ރާމިޔާގެ ހިތް ރޮމުން ދިޔައެވެ. އޭނާގެ ނަފްސާނީ ހަމަޖެހުން ދިޔައީ ބިރުވެރިކަމުގެ ބަރުދަނުގެ ދަށުވެ ކުދިކުދިވަމުންނެވެ. "އަހަރެންގެ ދިރިއުޅުން މިފަދަ ބިރުވެރި ހުވަފެނަކަށް ބަދަލުވީ ކިހިނެއް؟ ކީއްވެގެން؟ އަހަރެން މާޒީ ވަޅުލަން ވަރަށް މަސައްކަތް ކުރިން… އަހަރެން ހިމާޔަތް ކުރުމުގެ ބަދަލުގަ މަރު އިޚްތިޔާރު ކުރި މީހަކު ދޫކޮށްފަ ދިޔަ ލެޔާއި ތުރާލާއި ދަރަނިތައް ފޮރުވަން އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު މިހާރު، އެވްރީތިން އިޒް ލުކިން ސޯ ހޯޕްލެސް.. އައި ފީލް ލައިކް މިހާރު ދެން އަހަރެންގެ ދުވަސް މި ދިޔައީއޭ.. މި ދިރިއުޅުމުގެ އެއްވެސް އުންމީދެއް ނެތް.. ހިތުގައި އަނދަމުންދިޔަ ކުޑަކުޑަ އުންމީދުގެ ހުޅުކޮޅުވެސް ދެން މާ ލަސްތަކެއް ނުވެ ނިމިދާނެހެން އިހުސާސްކުރެވެނީ.. އައި ހޭވް ނެވަ ފެލްޓް ދިސް ހޯޕްލެސް….. މިހާރު އެމީހުން އެވަނީ އަހަރެންގެ ހަޔާތުގަ ހުރި ކުޑަކުޑަ އަލިކަމުގެ ތެރެއިންވެސް ދަމާ ނެރެފަ… އަހަރެންގެ ބައްޕައަށް މިކަން އެނގިއްޖެ ނަމަ… ބައްޕަ ވަރަށް ދެރަވާނެ.. ބައްޕަ ވަރަށް ހިތުގަ ޖެހޭނެ… ބައްޕަގެ ހިތްވެސް ހުއްޓިދާނެ… އަހަރެންގެ ފުށުން އަހަރެންގެ އާއިލާއަށް ވަރަށް ގިނަ ތުރާލާ ހިތާމަޔާ ހިތްދަތިކަން ލިބިއްޖެ… ދެން އިތުރަށް އަހަރެންގެ ފަރާތުން ބައްޕައާ ބޭބެ ހިތުގަޖެހޭ ފަދަ ކަމެއް ދިމާވެއްޖީޔާ އަހަރެން ޚުދު އަހަރެންވެސް ދިރިހުއްޓާ މަރުވާނެ…"
"ރާމިޔާ… އަހަރެންގެ އަޑު އަހާބަލަ. އަހަންނަށް ބަލާބަލަ، އާދޭސްކޮށްފަ މިބުނީ…" ރާމިޔާގެ ކައިރީގައި އިނދެ މާހިރު މަޑުމައިތިރިކަމާއެކު ބުންޏެވެ. އޭނާގެ އަޑަކީ ރާމިޔާގެ ހިތުގައި އުފެދިފައިވާ ތޫފާނީ ފިނިކަމުގެ ތެރެއިން ލިބުނު އުންމީދީ ހޫނުކަމެކެވެ. އޭނާގެ ތުރުތުރު އަޅަމުންދިޔަ އަތާ ކައިރިއަށް މާހިރުގެ ދިގު އިނގިލިތައް ގެންދިޔައީ، އޭނާއަށް ހިތްވަރު ދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ރާމިޔާގެ އަމިއްލަ މިނިވަންކަމަށް އިހުތިރާމް ކުރަމުންނެވެ. ރާމިޔާގެ ހިތް ކުދިކުދިވަމުންދާ މަންޒަރު ބަލަން ހުރި މާހިރުގެ ކަޅު ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ލޯތްބާއި ހަމްދަރުދީއެވެ. "ފުންކޮށް ނޭވާލާ، ރާމިޔާ. އާދޭސްކުރަން. ތި ހިތަށް އުފުލަން ނުޖެހޭ ބުރައެއް ނުއުފުލާ. އަހަރެމެން އެއްވެސް ކުށެއް ނުކުރަން. ތެދަކީ އެއްވެސް ދޮގަކަށް ފޫއަޅުވާނުލެވޭނެ އައްޑަނައެއް. މާތް ﷲ އަހަރެމެންނަށް ނަސްރުދެއްވާނެ.. ހާސްނުވޭ.. އަހަރެންވެސް މިހުރީ އެއްނު… ރާމި އެކަނިން މިކަމާ ފޭސްކުރާކަށް ނުޖެހޭނެޔޭ… ރާމިޔާއަށް ދިމާވާ ކޮންމެ މިކަހަލަ ހާލަތެއްގަވެސް އަހަރެން ރާމިޔާއާއެކީ ހުންނާނަން… އެމީހުން ޔޫއަށް އަނިޔާ ކުރިޔަކަ ނުދޭނަން…"
"އަހަރެންގެ ހިތުގަ މިވާ އުދާސްތައް މެހެސޫސްކުރެވޭ ނަމަ މާހިރްވެސް ތިހެނެއް ނުބުނާނެ… ޔޫ ވިލް އޯލްސޯ ލީވް މީ.. މާހިރްވެސް އައި ދެކެ ނަފްރަތުކުރާނެ…" ރާމިޔާގެ ހިތަށް އެރިއެވެ. އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް އިތުރުވީ އޭނާގެ ހިތުގައި އުފެދުނު ކުށްވެރިކަމުގެ އިހުސާސްގެ ސަބަބުންނެވެ. މާހިރުގެ އެ އިޚްލާޞްތެރި، ސާފު ދެލޮލަށް ބަލާލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. "އަހަރެންގެ ފަހަތުން ދުވާ ބިރުވެރި މަޚްލޫޤުންގެ ކިބަޔަކުން ތެދަކަށް އަހަރެމެންނެއް ސަލާމަތެއް ނުކުރެވޭނެ. މާހިރް ތިހުރީ އަހަރެންގެ ބަދުނަސީބު ތަޤުދީރުގެ ކުރިމަތީގަ… އަހަރެންގެ ކައިރީގައި ހުރެގެން، އަހަންނަށް ތި ދޭ ހޫނުކަމުގެ ސަބަބުން، މާހިރްއަށް ނޭނގިނަމަވެސް އެމީހުންނަށް ތި ދެވެނީ ދައުވަތެއް… އައި ވޯންޓް ޓު ޓެލް ޔޫ އެވްރީތިން… ހުރިހާ ވާހަކައެއްވެސް ކިޔައިދޭން ބޭނުން…ލަފްޒުން ލަފްޒަށް… އެކަމަކު އަހަރެންގެ ހިތްވަރެއް ނެތީތީ، އެއްވެސް މީހެއް ކައިރީގަ ކިހިނެއް ހުރިހާ ވާހަކަތަކެއް ކަން އޮތް ގޮތަށް ހަގީގަތަށް ކިޔައިދޭނީ…"
އެމީހުންގެ ކުރިމަތީގައި ހުރި ހަނި ގޮނޑީގައި އިނީ ގާޔޫ އާއި އޭނާގެ އެކުވެރިޔާއެވެ. އެއްވެސް ދެރަވުމެއް ނުވަތަ ހިތާމައެއް ފާޅުކުރުމުގެ ބަދަލުގައި، ގާޔޫ އިނީ ގޮނޑީގައި ލެނގިލައިގެން، އޭނާގެ ތުންފަތްމަތީގައި ނުލަފާ، ކާމިޔާބީގެ ހިނިތުންވުމެއް ވެރިކޮށްގެންނެވެ. އޭނާގެ ތޫނު، މަކަރުވެރި ދެލޯ ހުއްޓިފައި ހުރީ ރާމިޔާގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑަށެވެ. އޭނާ ރާމިޔާގެ ތަދުތައް ބަލަމުން ދިޔައީ މަލަކުން ފޮނިބޮއިގެން ހިތްފުރިފައި އިން މާބުރެއް ހެންނެވެ. އޭނާގެ ކައިރީގައި އިން އަނެއް އަންހެން ކުއްޖާ ބޯ އަރިކޮށްލައިގެން އިނީ އެއްވެސް ހަމްދަރުދީއެއް ނެތި، އެމީހުން ވަރަށް ފަސޭހަކަމާއެކު ރޯކޮށްލި ހައިޖާނުގެ ތެރޭގައި ހިތްހަމަޖެހިގެންނެވެ. ގާޔޫ އޭނާގެ ފޯނު ނަގައި ސްނެޕްޗެޓު ހުޅުވައިލުމަށްފަހު ރާމިޔާ ރޮމުންދިޔަ މަންޒަރު ރިކޯޑުކޮށްލިއެވެ. އަދި އޭނާގެ ހުރިހާ ރައްޓެހިންނަށް ފޯވާޑުކޮށްލިއެވެ.
ޖީޕު އައިސް ފުލުސް އޮފީހުގެ ބިޔަ، ބިރުވެރި އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު، ޑްރައިވަރު އޭގެ އިންޖީނު ނިއްވާލިއެވެ. އަދި ދަގަނޑު އަޑުފަށްގަނޑަކާއެކު ޖީޕުގެ ފަހަތު ދޮރުތައް ހުޅުވާލިއެވެ.
އިރުގެ ގަދަ އަލިކަން ޖީޕުގެ ތެރެއަށް އެޅި، ފުލުސް އޮފީހުގެ ދޮރުމަތި ފެނުމާއެކު، ރާމިޔާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާގެ ފައިތިލަ ޖީޕުގެ ތަޅުންގަނޑުގައި ތަތްވިއެވެ. އޭނާގެ މުޅި ހަށިގަނޑުގައި ބިރުވެރިކަން އިންތިހާއަށް އުފެދުނެވެ.
"ނޫން… އާދޭސްކުރަން…" ރާމިޔާ ރޮމުން، ކުޑަކުއްޖަކު ފަދައިން ގިސްލަމުން ޖީޕުގެ ކަނަކަށް ބޮނޑިވިއެވެ. އޭނާގެ ހުދުކުލައިގެ ދެލޯ ބިރުން ބޮޑުވެފައިވާއިރު، މާހިރުގެ އަތްކުރީގައި ބާރަށް ހިފަހައްޓާލިއެވެ. "މާހިރު، އާދޭސްކުރަން… އަހަރެން ސަލާމަތްކޮށްދީ… އަހަންނަކަށް އެތަނަކަށް ނުވަދެވޭނެ. ނުދެވޭނެ! އާދޭސްކުރަން، އަހަރެން މިތަނުން ގެންގޮސްދީ… އަހަރެން ވަރަށް ބިރުގަނޭ… އާދޭސްކުރަން…"
މާހިރު ވަގުތުން ރާމިޔާގެ ކުރިމައްޗަށް އަރައި، ބޭރުން އަންނަ ގަދަ އަވިންނާއި ދުނިޔޭގެ ފިނި ނަޒަރުތަކުން އޭނާ ނިވާކޮށްދިނެވެ. "އަހަރެން މިހުރީ ރާމިޔާ. އަހަރެން މިހުރީ ހަމަ މިތާ" މާހިރު ވަރަށް ލޯތްބާއެކު ބުންޏެވެ. އޭނާގެ އަޑުގައި ހުރި އަސަރުން އަމިއްލަ ހިތަށްވެސް ތަދުވަމުންދިޔައެވެ. "އަހަރެން ރާމިޔާގެ އަތަކުން ދުލެއް ނުކުރާނަން."
ރާމިޔާއަށް އެއްވެސް ހަރަކާތެއް ނުކުރެވެނީސް، ގާޔޫ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
"އޯހް، މި ދައްކާ ކުޅިވަރެއް ބަލާބަލަ!" ޖީޕުން ފައިބަމުން، ވިހަގަދަ ނަޒަރަކުން ރާމިޔާއަށް ބަލާލަމުން ގާޔޫ މަލާމާތްކުރިއެވެ. "ރާމިޔާ ތިއީ އެހާ މައުސޫމު މީހެއް ނަމަ، ކީއްވެ ތިހާ ބިރުން ތި އުޅެނީ.. ޕްލަސް ތި ތުރުތުރު އަޅަނީ ކީއްވެ؟ ވީ އޯލް ނޯ އޭ ތީ ޑްރާމާއެއްކަން ހަމަ ކަންކަން ކޮށްފަ ރެކިގަންނަން ވެގެން…"
ދެން ގާޔޫ އޭނާގެ މޫނު ފުލުހުންނާ ދިމާލަށް އަނބުރާލިއެވެ. އަދި ފުލުހުންގެ ހިތުގައި ޝައްކު އުފެއްދުމުގެ މަގްސަދުގައި، އޭނާގެ އަޑު އާދަޔާ ހިލާފަށް ބާރުކޮށްލިއެވެ. "އޮފިސަރު ބައްލަވާ! ކުށެއް ނެތް އަންހެނަކު މިގޮތަށް ރޮއި އާދޭހެއް ނުކުރާނެ! އޭނާ ބިރުން އެއުޅެނީ އޭނާގެ އަސްލު ސޫރަ ފަޅާއަރަން އުޅޭތީ! އޭނާއަކީ ކާކުކަން ހަނދާން ނައްތާނުލައްވާ… މީނާއަކީ ނަން މަޝްހޫރު ގޭންގްސްޓަރެއްގެ ހުވަފަތް އަނބިމީހާ! އޭނާ އުޅުނީ އެތައް ދުވަހެއް ވަންދެން ކުށުގެ އަނދިރި ދުނިޔޭގަ! މި ދައްކާ މައުސޫމު ކަމަކީ ހުސް ދަޅަ! ރާމިޔާ ކަލޭ ކޮންހާ ޑްރާމާއެއްތަ ތި ޖައްސަނީ… ކަލޭ ތީ އަމިއްލައަށްވެސް ގޭންގްސްޓަރެއް، ކަލޭގެ ލޯބިވެރިޔާ ސަލާމަތްކުރަންވެގެން މަޒްލޫމަކަށް ވެގެން މިއޮތްހާ ދުވަހު އުޅުނީ!"
"އިނަސް އިޒް އިނަފް!"
އިންވެސްޓިގޭޓިންގ އޮފިސަރުގެ ގުގުމާލި އަޑާއެކު އެ ބަހުސް ހުއްޓުނެވެ. އޭނާ ކުރިއަށް ޖެހިލައި، ގާޔޫއަށް ހަރުކަށި ނަޒަރަކުން ބަލާލުމަށްފަހު، ރާމިޔާއާއި މާހިރާ ދިމާލަށް ބަލާލިއެވެ. އެއަށްފަހު ވެރިވި ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ހަމައެކަނި ދުރުން އިވޭ ޓްރެފިކްގެ އަޑާއި ރާމިޔާގެ ގިސްލުމުގެ އަޑެވެ.
"މިއީ ފުލުހުންގެ ރަސްމީ ތަހުގީގެއް، މަގުމަތީ ކުޅޭ ޑްރާމާއެއް ނޫން!" ވަށައިގެންވާ މާހައުލު ފިނިކޮށްލި ފަދަ، އެއްވެސް ދޫދިނުމެއް ނެތް ހަރުކަށި ރާގަކަށް އޮފިސަރު އަމުރުކުރިއެވެ. "ތިޔައިގެ ތެރެއިން އެކަކުވެސް ދެން ބާރަށް ހަޅޭއްލަވާ އަޑުއިވޭކަށް އަހަރެން ބޭނުމެއް ނޫން. ތިޔަ ތިބީ ފުލުހުންގެ މަރުކަޒުގައި. އަމާންކަން ނަގާލައި، އެއްބާރުލުން ނުދީފިނަމަ، ކަލޭމެން އެންމެންގެ އަތުގައި ބިޑިއަޅުވާ، ގަދަކަމުންވެސް އިންޓެރޮގޭޝަން ރޫމަށް ވައްދާކަށް އަހަރެމެން ފަހަކަށް ނުޖެހޭނަން!"
އޮފިސަރުގެ އެ ބިރުވެރި އިންޒާރުގެ ބަރުދަން އިހުސާސްވުމާއެކު، ރާމިޔާ އޭނާގެ އަނގަމަތީގައި އަތްއަޅައި، ބިރުން ނުކުތް ގިސްލުމުގެ އަޑު ކަނޑުވާލިއެވެ. މާހިރު ވަރަށް އޯގާތެރިކަމާއެކު ރާމިޔާގެ ބުރަކަށީގައި އަތްބާއްވައި، ހިތްވަރުދެމުން، ޖީޕުން ބާލައިގެން ފުލުސް އޮފީހުގެ ބިރުވެރި ހިޔަނިތަކުގެ ތެރެއަށް އޭނާ ގެންދިޔައެވެ.
މައިލްތަކެއް ދުރުގައި، ބާރުގަދަ އިންޖީނެއްގެ އަޑު މެންދުރުފަހުގެ ހަމަހިމޭންކަން ފޫއަޅުވާލަމުން ދިޔައިރު، ޒުނާމް އޭނާގެ ކާރު ހައިވޭގައި ދުއްވަމުން ދިޔައީ އިންތިހާ ބާރުމިނުގައެވެ. އޭނާގެ އަތްތިލަ ހުންގާނުގައި ބާރަށް ހިފަހައްޓާފައި ހުރުމުން އިނގިލިތަކުގެ ހުޅުތައް ހުރީ ހުދުވެފައެވެ. ކާރުގެ ތެޅުމުން ދައްކުވައިދެނީ އޭނާގެ ހިތުގައި އުފެދިފައިވާ ވަރުގަދަ ތޫފާނެވެ.
އޭނާގެ ނޭވާ ހުރީ ކުރުވެ، ބަރުވެ، އަދި ހަމަނުޖެހިފައެވެ. އާންމުކޮށް ކެތްތެރިކަމާއި ހަމަޖެހުން ފެންނަ އޭނާގެ ކަޅު ދެލޮލުން މިހާރު ފެންނަނީ ބިރުވެރިކަމާއި ތަދުލިބޭ ފަދަ ހާސްކަމެކެވެ. ލަތިކާގެ ސޫރަ އޭނާގެ ސިކުނޑީގައި ބީހެމުން ދިޔައެވެ. ދިހަ އަހަރުގެ ދިގު ކޯމާއަކަށްފަހު، ހޮސްޕިޓަލް ކޮޓަރިއެއްގައި އެއްވެސް ހަރަކާތެއް ނެތް އޭނާގެ ނިކަމެތި ހަށިގަނޑާއި، މަޑުމަޑުން ފެއިލްވަމުންދާ ގުނަވަންތަކެވެ.
ދިހަ އަހަރު… އޭނާގެ ސިކުނޑި ހަޅޭއްލަވައިގަތެވެ. އެ ހިތި ހަގީގަތް އޭނާގެ ރޫހު ކޮށާލީ ތޫނު ވަޅިއެއް ފަދައިންނެވެ. މި ކުށްވެރިކަމުގެ ބަރު އިހުސާސްގެ ދަށުގައި އަހަރެން ދިރިއުޅޭތާ ދިހަ އަހަރު ވެއްޖެއެވެ. އޭނާގެ ދިރިއުޅުން ފުނޑުފުނޑުވީ އަހަރެންގެ ސަބަބުންނެވެ… އެދުވަހު ލަތިކާ އަހަރެންނާ ބައްދަލުކުރަން ނުދިޔަ ނަމަ ލަތިކާ އެ އެކްސިޑެންޓާ ކުރިމަތިލާކަށް ނުޖެހުނީސް ކަންނޭނގެއެވެ. މިހާރު އަހަރެންނަށް ކުރެވެނީ އޭނާގެ ފުރާނަ އަހަރެންގެ އިނގިލިތަކުގެ ދޭތެރެއިން ވެލި ފޭދިގެންދާ ފަދަ އިހުސާސެކެވެ. އޭނާ މަރުވެއްޖެނަމަ… އަހަރެންގެ އަޑު ނީވި އޭނާގެ ލޯ އަބަދަށްމެ މަރާލައިފިނަމަ، އަހަރެން ދެން ނޭވާލާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ޒުވާންކަމުގެ ލޭ އަހަރެންގެ އަތުން ދޮވެލާނީ ކިހިނެއް ހެއްޔެވެ؟
ކުއްލިއަކަށް، އޭނާގެ މިހާރުގެ ދިރިއުޅުމުގެ ހިޔަނި، ފިނި އަދި ވޭނީ ގޮތަކަށް ސިކުނޑިއަށް ވެރިވިއެވެ.
ޖޫލީ…
ހިތްހަލާކުވެފައިވާ ފުން މާޔޫސީއަކާއެކު އޭނާގެ ތުންފަތުން ފުން ނޭވާއެއް ބޭރުވިއެވެ. ގޭގައި ހުރިއިރު ޖޫލީގެ މޫނުމަތިން ފެނުނު ފިނިކަމާއި، އޭނާގެ ތޫނު އަދި އިހުތިރާމް ކުޑަ ބަސްތަކުގެ ހަނދާން އޭނާގެ ހިތް އިތުރަށް ކޮށާލިއެވެ. ޖޫލީއަށް ހަގީގަތް އެނގިއްޖެނަމަ އަހަރެންނާ މެދު ދެކޭނީ ކިހިނެއް ބާވައެވެ؟ އޭނާގެ ހިތް ބާރުވެ، ނޭވާލާން އުނދަގޫވާ ފަދަ އިހުސާސެއް ކުރެވުނެވެ. ޖޫލީ ހީކުރާނީ އަހަރެން މިއަދު މިދަނީ އާދައިގެ ޒުވާބަކާ ހެދި ކަމަށެވެ… އަހަރެންގެ ހަށިގަނޑުތެރޭގައި މި އުފުލާ އަނދިރި ކަށްވަޅެއް ފަދަ ސިއްރެއް ޖޫލީއަކަށް ނޭނގޭނެއެވެ. ލަތިކާގެ ވާހަކަ އެނގިއްޖެނަމަ… އަހަރެންގެ ލޯތްބަށްޓަކައި އެހެން އަންހެނަކު އޭނާގެ މުޅި ދުނިޔެ ގުރުބާންކުރިކަން އެނގިއްޖެނަމަ… ޖޫލީގެ ހިތް މަޑުވާނެ ހެއްޔެވެ؟ ނޫނީ އަހަރެންނާ މުޅިން ވަކިވާނީ ހެއްޔެވެ؟ މާފުކުރޭ ޖޫލީ… މި އަނދިރި ސިއްރު ޖޫލީއަށް ސިއްރުކުރެވުނީތީ ވަރަށް ބޮޑަށް މާފަށް އެދެމެވެ. އެކަމަކު އޭނާ އެކަނިމާއެކަނި މަރުވާން ދޫކޮށްލެވޭކަށް އަހަރެންނަކަށް ނެތެވެ… އެއްގޮތަކަށްވެސް ނެތެވެ. އަހަރެން ލަތިކާ ދެކެ ޖޫލީއަށްވުރެ ބޮޑަށް ލޯބިވާތީކީއެއް ނޫނެވެ. އެހެނަސް އެއީ އަހަރެންގެ މާޒީގެ އެންމެ މުހިންމު އެއް ސަފުހާކަމުގައި ވާތީއެވެ. އެއްވެސް މީހަކަށް، އަދި ލަތިކާއަކަށްވެސް ޖޫލީ ދެކެ އަހަރެން ވާ ލޯތްބެއް ނުދެވޭނެއެވެ.
ޒުނާމް ވަރަށް އަވަސް އަދި ކެތްތެރިކަން ކުޑަ ހަރަކާތަކާއެކު ތިރިއަށް އަތްލައި، ޕަސެންޖަރު ސީޓުގައި އޮތް އޭނާގެ ސްމާޓްފޯން ނަގައި ނިވާލިއެވެ. އެއާއެކު އެ ފޯނުގެ ސްކްރީން މުޅިން އަނދިރިވެގެން ދިޔައެވެ. އެއަށްފަހު، ސެންޓަރ ކޮންސޯލް މަތިން ގުދުވެލައި، ޑޭޝްބޯޑުގެ ދަށުން އޭނާގެ އިނގިލިތަކުން ހޯދަމުން ދިޔައީ މީގެ މަސްތަކެއް ކުރިން އެ ކާރުގައި ޖޫލީ ހަރުކުރި ކުޑަ، ކަޅު ކުލައިގެ ޖީ.ޕީ.އެސް ޓްރެކިންގ ޑިވައިސްއެވެ. ވަރަށް ބާރުލާފައި ދަމައިގަނެ، އޭނާ އޭގެ ނަރުތައް ކަނޑާލިއެވެ.
މަގުގެ އަރިމަތީގައި އޮތް ބޯ، ޖަންގަލި ގަނޑެއް ކައިރިން ސިކުންތެއްގެ ހިނދުކޮޅަކަށް ކާރުގެ ދުވެލި މަޑުކޮށްލުމަށްފަހު، ޒުނާމް ކާރުގެ ކުޑަދޮރު ތިރިކޮށްލައި، އެ ޓްރެކިންގ ޑިވައިސް އެ ބޯ ގަސްތަކުގެ ތެރެއަށް އެއްލާލިއެވެ. އެއާއެކު، އޭނާގެ ކާރާއި ޖޫލީއާއި އޮތް އެންމެ ފަހުގެ މާއްދީ ގުޅުން ކެނޑި، އެ ޑެވައިސް ގަސްތަކުގެ ތެރެއަށް ގެއްލިއްޖެއެވެ.
އޭނާ ކާރުގެ އެކްސެލެރޭޓަރަށް ބާރަށް ފިތާލައި، އާންމުކޮށް ދުއްވާ މަގުތަކާ މުޅިން ތަފާތު މިސްރާބަކަށް ކާރު ދުއްވާލިއެވެ. އޭނާ ބޭނުންވީ އޭނާ ދިޔަ މަގު އެނގޭނެ އެއްވެސް ނިޝާނެއް ފަހަތަށް ދޫނުކުރުމަށެވެ. އޭނާގެ މާޒީގެ ހިތާމަތަކުގެ ހިޔާވައްސަށް އެއްވެސް މީހެއްގެ ލޯ އަމާޒުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އެވަގުތު، ރަށުގެ އަނެއްކޮޅުގައި، ކާރެއްގެ ދޮރު ބާރަށް ލެއްޕުނު އަޑު އެ ހިމޭން ސަރަހައްދުގައި ގުގުމާލިއެވެ.
ޖޫލީ އޭނާގެ ކާރު ކައިރީގައި ހުއްޓިގެން ހުރިއިރު، ކޯތާފަތް މަތިން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އަދި އޭނާގެ ނޭވާ ހުރީ ކުރުވެފައެވެ. ވައިރޯޅިތަކުގެ ސަބަބުން އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ހޭވި، ތެތް ހަމުގައި ތަތްލާފައެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާ ފަދަ ބާރު ހިތާމައެއްގެ ސަބަބުން އޭނާގެ މޭގަނޑު ދިޔައީ ތެޅެމުންނެވެ.
މެންދުރުގެ ގަދަ އަވީގައި ޒުނާމް ބާރު ދުވެލީގައި ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ޖޫލީގެ ކިބުރުވެރިކަން މުޅިން ފުނޑުފުނޑުވެ، ބިރުވެރި ހަގީގަތެއް އޭނާއަށް އިހުސާސް ކުރެވުނެވެ. އެއީ އޭނާއަށް ޒުނާމްގެ ކެތްތެރިކަން ކޮޅުންލާވަރު ކުރެވިއްޖެ ކަމެވެ. އޭނާގެ ފިނި ބަސްތަކާއި، ހަރުކަށި ވާހަކަތަކާއި، އަދި ނިމުމެއް ނެތް ދިފާއީ އަމަލުތަކުގެ ސަބަބުން، އޭނާދެކެ ލޯބިވި އެ އޯގާތެރި ފިރިމީހާ އެންމެ ފަހުން އޭނާއާ ދުރަށް ދާން މަޖުބޫރުވީހެން ޖޫލީއަށް އިހުސާސްވާން ފެށިއެވެ.
"ޒުނާމް… އާދޭސްކުރަން…" އޭނާ މަޑުމަޑުން ރޮމުން ބުންޏެވެ. ތުރުތުރުލާ އަތަކުން ކާރުގެ ތަޅުދަނޑި ނެގި ވަގުތު ދެ ފަހަރަކު ހޫނު ތާރުގަނޑު މައްޗަށް ތަޅުދަނޑި ވެއްޓުނެވެ. އެންމެ ފަހުން ކާރުގެ ތަޅު ހުޅުވާލެވުނެވެ.
އޭނާ އަވަސްއަވަހަށް ޑްރައިވަރު ސީޓަށް އަރައި، ދޮރު ބާރަށް ލެއްޕިއެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް، ތަޅުދަނޑި ޖަހައި އިންޖީނު ސްޓާޓްކޮށް، ރާސްރޫސް ލާފައި ނައްޓާލިއެވެ. ދަމާފައި އޮތް ދުނިދަނޑިއަކުން ދޫކޮށްލި ތީރެއް ފަދައިން އޭނާގެ ކާރު ގޯތިތެރެއިން ނުކުމެގެން ދިޔައެވެ.
"ވެއަރ އާ ޔޫ ޒުނާމް؟ އަހަރެން ކައިރީ ދާ ތަނެއް ވެސް ނުބުނެ ކޮން ތާކަށްތަ ތި ދިޔައީ؟" ބާރުބޮޑު މަގުތަކުގެ ތެރެއިން ދުއްވަމުން ދިޔައިރު، އޭނާގެ ހިތް ރޮމުން ސުވާލު ކުރަމުން ދިޔައެވެ. "އަހަރެން ގަސްތުގައެއް ނޫން ޒުނާމް… ﷲ ގަންދީ ބުނަން، އަހަރެން އެ ނުބައި ބަސްތައް ބުނީ ގަސްތުގައެއް ނޫން! އާދޭސްކުރަން އަހަރެން ދޫކޮށްނުލާ… އަހަރެން އެކަނި ދޫކޮށްނުލާ… އަހަރެންގެ ހިތަކަށް އިތުރު ކެކުޅުމެއް ކެތެއް ނުވާނެ… ތިޔަގޮތަށް އަބަދުގެ އަބަދަށް އަހަންނާ ވަކިވެގެން ދާނެ ކަމުގެ ހިޔާލުވެސް އަހަންނަށް ކެތެއް ނުކުރެވޭނެ!"
ބިރުގަތްވަރުން ޖޫލީގެ ބުއްދި މުޅިން ފުސްވިއެވެ. ޒުނާމް އާންމުކޮށް ގޮސްއުޅޭ ތަންތަނަށް ދިއުމުގެ ބަދަލުގައި، ޖޫލީ ކުއްލިއަކަށް ކާރުގެ ހުންގާނު ވާތަށް އަނބުރާލައި، މުޅިން ނުބައި މިސްރާބަކަށް، ނުދަންނަ ގޯޅިގޯޅި ގިނަ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ކަޅު ދެލޮލުން ކޮންމެ ދުއްވާ އެއްޗަކަށާއި މަގުގެ ކޮންމެ ކައިރިފަށަކަށް ބަލަމުންދިޔައީ، ކޮންމެވެސް ތަނަކުން ޒުނާމްގެ ކާރު ފެނިދާނެކަމުގެ ފަހު އުންމީދުގައެވެ.
ޒުނާމްގެ އެއްވެސް ނިޝާނެއް ނުފެނި ހޭދަވާ ކޮންމެ މިނެޓަކީ ޖޫލީގެ ފުއްޕާމޭގެ ތެރެއަށް ހަރާލެވޭ ތޫނު ހަންޖަރެއް ފަދަ އިހުސާސެއް ކުރެވޭ ކަމެކެވެ. ކާރުގެ ތެރޭގައި އޮތް ހިމޭންކަން ކަންފަތް ބައްވާހާ ގަދައެވެ. އެ ހިމޭންކަން މެދުކަނޑާލަނީ ހަމައެކަނި އޭނާގެ ގިސްލުމުގެ އަޑާއި ހިތުގެ ބާރު ތެޅުމުގެ އަޑުންނެވެ.
ކުއްލިއަކަށް، އޭނާގެ ސްމާޓްފޯނުގެ ބާރު ރިންގްޓޯނުގެ އަޑު އެ ބަރު ހިމޭންކަން ފޫއަޅުވާލައި، ކާރުގެ ބިއްލޫރިތަކުގައި ޖެހި ގުގުމާލިއެވެ.
ޖޫލީގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ. އޭނާގެ ނޭވާ ކަރުގައި ތާށިވިއެވެ. އަދި އުންމީދުގެ އަލިކަމެއް އޭނާގެ ބަނަވެފައިވާ ސިކުނޑިއަށް ވެރިވިއެވެ. "ޒުނާމް!" އޭނާއަށް ބާރަށް ބުނެވުނެވެ. އަދި ގުޅަނީ ކާކުތޯ ބަލާލުމެއްވެސް ނެތި އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނެވެ.
"ޒުނާމް! އާދޭސްކުރަން، ތިހުރީ ކޮންތާކު؟!" ފޯނުގެ އަނެއްކޮޅުން މީހަކު ވާހަކަދެއްކުމުގެ ކުރިން އޭނާ ރޮމުން ބުންޏެވެ. "އާދޭސްކޮށްފައި ބުނެބަލަ ތިހުރީ ކޮންތާކުކަން، އަހަރެން މިދަނީ ތިތަނަށް"
"ޖޫލީ؟ ހޭއި… ޖޫލީ، ހަމަޖެހިބަލަ! މިއީ ޒުނާމް އެއް ނޫނޭ.. އޭމް ޔުއަރ ބެސްޓީ، ގިނީ!"
އޭނާގެ އެކުވެރިޔާގެ އެ ދަންނަ، އުފާވެރި އަޑާއެކު ޖޫލީގެ އުންމީދުގެ ނާޒުކު ރޮދިފަށް ކެނޑިގެން ދިޔައެވެ. ކުއްލިއަކަށް ލިބުނު އެ ހަގީގަތުގެ ސަބަބުން އޭނާގެ މޫނުމަތިން ކުލަވަރު ފޭދި، މުޅި މޭތެރެ ހުސްވި ފަދަ އިހުސާސެއް ކުރެވުނެވެ. އަލުން ކަރުނަތައް ބަންޑުންވެ، ދެލޮލުގައި ދިލަ ނަގައިގަތެވެ.
"ގި-ގިނީ…؟" ޖޫލީއަށް ބުނެވުނެވެ. އޭނާގެ އަޑު ތުރުތުރުއަޅާ ބަލިކަށި ސިއްރުލަވަޔަކަށް ބަދަލުވިއެވެ. އޭނާ އަތުގެ ނުފުށުން ކަރުނުން ތެމިފައިވާ ކޯތާފަތް ފޮހެލަމުން، މަގުމަތީގައި ކާރު ސީދާކޮށް ދުއްވޭތޯ މަސައްކަތް ކުރިއެވެ.
"ޖޫލީ، ރަނގަޅުތަ؟ ތިހާ ބާރަށް ތިރޮނީ ކީއްވެ؟" ގިނީ ސުވާލުކުރިއެވެ. އޭނާގެ ރާގު އާދައިގެ ގާތްކަމުން ކުއްލި ކަންބޮޑުވުމަކަށް ބަދަލުވިއެވެ. "ކަމެއްވީތަ؟ ހީވަނީ ހިތްކުދިކުދި ވެފައި ހުރިހެން…"
ޖޫލީ ކުޑަ ހިނދުކޮޅަކަށް ލޯ މަރާލިއެވެ. އަދި ކަރުގައި ތާށިވެފައިވާ ހިތާމައިގެ ހިތި ރަހަ ދިރުވާލިއެވެ. އޭނާގެ ކައިވެނީގައި ޖެހިފައިވާ ރޫޅުންތައް ހާމަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ފިރިމީހާ ފޮށިތައް ބަންދުކޮށްގެން އެއްވެސް ހަބަރެއް ނެތި ދިޔަ ބިރުވެރި ހަގީގަތް ދުލުން ބުނާކަށް އޭނާއަކަށް ކެތެއް ނުވިއެވެ.
"ނޫން… ނޫން، ގިނީ، އަހަރެން… އަހަރެން ރަނގަޅު،" ޖޫލީ އިތުރުފުޅު ހެއްދެވިއެވެ. އޭނާގެ އަޑު އިހުސާސްތަކުގެ ބަރުދަނުގެ ދަށުވެ ބިންދައިގެން ދިޔައެވެ. އޭނާ ކަރުކެހިލުމަށްފަހު އަޑު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މޭ އޭރުވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. "އަހަރެން… ކާރުގެ ބިއްލޫރި ތިރިކޮށްގެން ދުއްވަނިކޮށް ލޮލަށް ކުޑަ ހިރަފުސްކޮޅެއް ވަނީ. އަހަރެން ރަނގަޅު، ހަމަ އަސްލަށްވެސް."
ފޯނުލައިނަށް ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމެއް އައެވެ. ޖޫލީގެ ހިތުގައިވާ ބަޔާންކުރަން ނޭނގޭ ފަދަ ތަދު ގިނީއަށް އިހުސާސްވީކަން ސާފެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ވަރަށް އޯގާތެރިކަމާއެކު އެކަމާ ކުރިމަތިލާށެވެ.
"އޯހ… ނަސީބެއްނު.. އައި ރިއަލީ ގޮޓް ޕެނިކްޑް.." ގިނީ މަޑުމައިތިރިކަމާއެކު ބުންޏެވެ. "ސޯ އައި ކޯލްޑް މިއަދު ހަވީރު މިގޭގަ އޮތް، އަލާޔާގެ އުފަންދުވަހުގެ ޕާޓީގެ މަތިން ހަނދާންކޮށްދޭން! އަލާޔާ ބޭބީ ހީވަނީ އެހެން ކަމެއްހެން.. މިވީ އިރުކޮޅުގަވެސް ފަސްދޮޅަސް ފަހަރަށް އަހައިފި ކޮބާހޭ ޖިންނި ދައްތަ، ޖިންނި ދައްތަ އަންނަނީ ކޮން އިރަކުންހޭ…. ޔޫ މިއަދު ހަބަރެއްވެސް ނުވާތީ މި ހިތަށް އެރީ އަނެއްކާ ހަނދާން ނެތުނީބާއޭ… ހަނދާން ނެތުނީކީ ނޫން ދޯ؟ އަންނާނަމޭ ބުނެ ވައުދުވީމެއްނު."
ޖޫލީ ފުން، ތުރުތުރުލާ ނޭވާއެއްލިއެވެ. އޭނާގެ ސިކުނޑި ވަނީ ހާސްކަމުގެ ތެރޭގައެވެ. އޭނާގެ ހިތުގެ އެއްބައި ބޭނުންވީ ކާރު މަގުގެ އެއްފަރާތުގައި މަޑުކޮށްލުމަށްފަހު، ހިތްފުރޭވަރަށް ރޮއިގަންނާށެވެ. ނަމަވެސް، އޭނާގެ ކިބައިގައި ހަރުލާފައިވާ ޒިންމާދާރުކަމުގެ ސިފައާއި، ރޫޅެމުންދާ އަމިއްލަ ދިރިއުޅުން ދުނިޔެއަށް ސިއްރުކުރުމަށް އޮތް ބޭނުންތެރިކަމުގެ ސަބަބުން، އަމިއްލަ ނަފްސަށް އިޝާރާތްކޮށް ބޯޖަހާލަން މަޖުބޫރުވިއެވެ.
"ހަވް ކުޑް އައި ފޮގެޓް މައި މަންކީ ބޭބީގެ ބާތުޑޭ…. ރޭގަ ދަންވަރު ސީދާ 12 ގަ ބޭނުންވި ވިޝް ކުރަންވެސް .. އެކަމަކު އަލާޔާ ބޭބީ އެގަޑީ ނިދާފަ އޮންނާނެތީ ބޭނުންނުވީ ވީޑިއޯ ކޯލެއް ކޮށްގެން ހޭލައްވާލަން… " ޖޫލީ މަޑުމަޑުން ބުންޏެވެ. އޭނާގެ ހިތުގެ ތެރޭގައި ތޫފާނެއް އުފެދިފައިވީ ނަމަވެސް، އެ އަޑުގައި އިޚްލާޞްތެރިކަމާއި ފުން އިޙްތިރާމެއް ވިއެވެ. "އަހަރެން ވަރަށް ސާފުކޮށް ހަނދާން އެބަހުރި. ކަންބޮޑުނުވޭ… އަހަރެން ދާނަން. ގަޑިއަށް ތިޔަގެއަށް ދާނަން."
"އޯކޭ… އަހަރެމެން މިތިބީ ޖޫލީގެ އިންތިޒާރުގައި. ބީ ސޭފް އިނގޭ؟ ޒުނާމްވެސް ގޮވައިގެން އިނގޭ އަންނަން ވާނީ…"
"އާނ… އޭމް އޮން މައި ވޭ…." ފޯނު ކަނޑާލުމުގެ ކުރިން ޖޫލީ މަޑުމަޑުން ބުންޏެވެ.
އޭނާ ފޯނު ތިރިކޮށްލާފައި އުނގުމަތީގައި ބޭއްވިއެވެ. ފުސްވެފައިވާ ދެލޮލުން އޭނާއަށް ފެންނަން އޮތީ ކުރިމަތީގައި އޮތް ނިމުމެއް ނެތް ހުޅުވިފައިވާ މަގެވެ. ބޭރު ދުނިޔެ އިރުގެ އަލިން އުޖާލާވެފައިވީ ނަމަވެސް، އޭނާގެ ހިތުގެ ތެރެއަށް ވެރިވަމުންދިޔައީ ބިރުވެރި، ފުން އަނދިރިކަމެކެވެ. އެއީ އޭނާ ލޯބިވާ ކޮންމެ އެއްޗެއް އޮޔާލާފާނެ ފަދަ ބާރުގަދަ އަނދިރި ރާޅުބާންޏެކެވެ.
****
ގަފޫރު ގެއަށް އައި ފަހުން އެންމެ ބަހެއްވެސް ބުނެފައެއް ނުވެއެވެ. އޭނާ ގެއަށް ވަދެގެން އައީ ކޮންމެ ފިޔަވަޅަކީވެސް އޭނާގެ ހަށިގަނޑުގައި ބާކީ ހުރި ހަކަތައަށްވުރެ ބޮޑު ހިތްވަރެއް ބޭނުންވާ ކަމެއް ފަދައިންނެވެ. މަޑުމަޑުން ގޮސް ކޮޓަރީގެ ކަނެއްގައި ހުރި ބާ ލަކުޑި ގޮނޑީގައި އިށީނދެ، ބިމަށް ނަޒަރު ހުއްޓާލައިގެން އެ އިން ގޮތަށް އިނީއެވެ. އެއީ ބުނާނެ ވާހަކައެއް ނެތް މީހެއްގެ ހިމޭންކަމެއް ނޫނެވެ. އެއީ އޭނާގެ ހިތް އެތައް މިލިއަން ކުދިކުދި ބައިތަކަކަށް ކުދިކުދިވެ، އެންމެ ފުރަތަމަ ނަގާނީ ކޮން އެތިކޮޅެއްކަންވެސް ނޭނގިފައި ހުރި މީހެއްގެ ހިމޭންކަމެވެ. ފާއިތުވި އަށާވީސް އަހަރު ވަންދެން އޭނާގެ ހިތުގައި އެންމެ އުންމީދެއް ރައްކާކޮށްފައިވީ ކޮންމެ ތޫފާނަކުން ސަލާމަތްކޮށްފައިވާ ކުޑަކުޑަ ހުޅުކޮޅެއް ފަދައިންނެވެ. އެއީ ކޮންމެވެސް ތަނެއްގައި، ކޮންމެވެސް ގޮތަކުން ދޮންދީދީ ދިރިހުރި ކަމުގެ އުންމީދެވެ. ފަހަރުގައި އޭނާ އާ ދިރިއުޅުމެއް ބިނާކުރީ ކަމަށް ވެދާނެއެވެ. ފަހަރުގައި އޭނާގެ އާއިލާއެއް އޮތީ ކަމަށް ވެދާނެއެވެ. ފަހަރުގައި އޭނާ ލާ ކޮންމެ ނޭވާއަކާއެކު ގަފޫރުދެކެ ނަފުރަތު ކުރަނީ ކަމަށް ވެދާނެއެވެ. އެކަމަކު މަދުވެގެން އޭނާ ދިރިހުންނާނެ ކަމުގެ އުއްމީދު އޮތެވެ.. މަދުވެގެން ކޮންމެވެސް ދުވަހަކުން ތަގުދީރު އެ ދެމީހުން ބައްދަލުކުރުވައި، އެ ދުވަހަކުން ހުރިހާ ކަމެއް ސާފުކޮށްދެވޭނެ ކަމުގެ ފުރުސަތެއް އޮތެވެ. އެތައް އަހަރެއް ވަންދެން އޭނާގެ ހިތުގައި އެތައް ހާސް ފަހަރަކު އެ ވާހަކަތައް ވަނީ ފަރިތަކޮށްފައެވެ. ދޮންދީދީގެ ފައިބުޑަށް ވެއްޓި މާފަށް އެދި، އޭނާގެ ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދާކަމަށް ބުނާނެ ގޮތް އޭނާ ވަނީ ތަސައްވަރުކޮށްފައެވެ. މިއަދު، މަދު ބަސްކޮޅަކުން އެ އުންމީދު އަބަދުގެ އަބަދަށް ވަޅުލެވިއްޖެއެވެ.
ފާތުމަ ކޮޓަރީގެ ދޮރުމަތީގައި ހުރެ އޭނާގެ ބޭބެއަށް ބަލަހައްޓައިގެން ހުންނަތާ ބައިގަޑިއިރެއްހާ އިރު ވެއްޖެއެވެ. އޭނާގެ މުޅި ހަޔާތުގައިވެސް ބޭބެ މިފަދަ ހާލެއްގައި ހުއްޓައެއް ނުދެކެއެވެ. މަންމަ ނިޔާވި ދުވަހުވެސް އެންމެންނަށް ހިތްވަރުދީ ހެދީ ގަފޫރެވެ. އެކަކަށްފަހު އަނެކަކަށް މުސީބާތްތައް ކުރިމަތިވި އިރުވެސް، އޭނާ ކޮޅަށް ހުންނާނެ ހިތްވަރު ކޮންމެވެސް ގޮތަކުން ހޯދިއެވެ. ނަމަވެސް މިއަދު އޭނާގެ ކިބައިގައި އެއްވެސް ހިތްވަރެއް ނެތެވެ. އޭނާގެ ކޮނޑު ކުރިއަށްވުރެ ބަރުހެން ހީވެއެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ ހިތާމައެއް ނޫން، މުޅި އުމުރުގެ ހިތާމަ އުފުލައިގެން ހުރި ކަހަލައެވެ.
ފާތުމަ މަޑުމަޑުން ހިނގާފައި ގޮސް ގަފޫރު ކައިރީގައި އިށީނެވެ. ވަރަށް ގިނަ އިރު ވަންދެން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. "ބޭބެ ރަނގަޅުތަ؟" އޭ ބުނެ ސުވާލުކުރާ ހިނދު ލޭ އޮހޮރެން ފަށާ ފަދަ ޒަހަމްތައް ހުންނަކަން އޭނާއަށް އެނގެއެވެ. ބައެއް ތަދުތަކަށް ބަސްތައް ހޯދުމުގެ ކުރިން ހިމޭންކަން ބޭނުންވެއެވެ.
އެތައް މިނެޓެއް ފަހުން، ފާތުމައަށް ބަލާލުމެއް ނެތި ގަފޫރު ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑު ހުރީ އަމިއްލަ އަޑާވެސް ނުގުޅޭހާ މަޑުންނެވެ.
"އޭނާ އަހަރެންދެކެ ވަރަށް ނަފުރަތު ކުރާނެ ދޯ ފާތުމާ."
ފާތުމަ ގަފޫރާއި ދިމާއަށް އެނބުރުނެވެ. ނަމަވެސް ފާތުމައަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަހަރެންނަށް އަބަދުވެސް ވިސްނެނީ އޭނާގެ ފަހު ދުވަސްތަކާ މެދު. އަހަރެންނަށް ސިފަވަނީ އޭނާ އެތަނުގައި އޮވެ، އަހަރެމެންގެ ދެމެދުގައި ހިނގި ހުރިހާ ކަމެއް ހަނދާންކުރާ ތަން. އޭނާ އަހަރެންގެ ނަމަށް ބަދުދުއާ ކުރާނެ. އަހަރެން އޭނާއަށްވީ ކޮންމެ ވައުދެއް… އަހަރެންގެ އަމިއްލަ އަތުން އުވާލިކަން އޭނާ ހަނދާން ނުނެތޭނެ. އަހަރެން އޭނާއަށް ދެއްކި ކޮންމެ ހުވަފެނެއް… އަހަރެން އަމިއްލައަށް ހަލާކުކޮށްލީ. އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް އެންމެ އަނދިރި ދުވަހަށް ބަދަލުކޮށްލީ އަހަރެން. އަހަރެން އޭނާގެ މަގާމުގައި ހުރިނަމަ، އަހަރެން ކަހަލަ މީހަކަށް ދުވަހަކުވެސް މާފެއް ނުކުރެވުނީސް."
ވާހަކަ ކުރިއަށް ގެންދަން އުނދަގޫވެ، އޭނާގެ ނޭވާލުން އަވަސްވިއެވެ.
"މީހުން ބުނޭ މަރު ގާތްވުމުން، އެމީހަކަށް އެންމެ މުހިންމުވި މީހުންގެ ހަނދާންވާނެއޭ. އެއީ ތެދެއް ނަމަ…" އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. "އެއީ ތެދެއް ނަމަ، އޭނާ އަހަރެންގެ މަތިންވެސް ހަނދާންވާނެ. އެކަމަކު އޭނާދެކެ ލޯބިވި މީހެއްގެ ގޮތުގައެއް ނޫން. އޭނާއަށް ބޭވަފާތެރިވި މީހެއްގެ ގޮތުގަ."
ގަފޫރު ހިތްދަތި ގޮތަކަށް ހީނލިއެވެ. އެއީ ކެތްނުކުރެވޭ ފަދަ ވޭނަކުން އުފަންވި ހީނލުމެކެވެ.
"އެންމެ ބޮޑަށް ތަދުވަނީ ކޮން ކަމަކުންކަން އެނގޭތަ؟ އޭނާ ވަކިވެގެން ދިޔުމަކުން ނޫން. އެންމެ ބޮޑު ވޭނަކީ، އޭނާ މި ދުނިޔެ ދޫކޮށް އެދިޔައީ، އޭނާ އެންމެ އިތުބާރުކުރި މީހާ އޭނާއަށް އޮޅުވާލީ ކަމަށް ގަބޫލުކޮށްގެން ހުރެކަން އެނގޭތީ."
ފާތުމަގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އޭނާ ގަފޫރުގެ ވާހަކަ މެދުކަނޑައެއް ނުލައެވެ. އެއީ އެތައް އަހަރެއް ވަންދެން ގަފޫރުގެ ހިތުގައި ފޮރުވައިގެން އުޅުނު ވާހަކަތަކެއްކަން ފާތުމައަށް އެނގެއެވެ.
އަނެއްކާވެސް ވާހަކަދައްކަން ފެށުމުގެ ކުރިން، ގަފޫރު މަޑުމަޑުން އޭނާގެ ދެއަތުން މޫނު ނިވާކޮށްލިއެވެ.
"އަހަރެން ހިތަށް އަރާ… މާތް ﷲ އަހަންނަށް އެންމެ ފަސް މިނެޓު ދެއްވިނަމައޭ. އޭނާއާއެކު ހޭދަކޮށްލަން އެންމެ ފަސް މިނެޓު. އަހަރެން ދޮންދީދީގެ ކިބައިން މާފައް އެދޭކަށްނޫން… އެއީ އެކަމަށް އެދުމުގެ ހައްގެއް އަހަންނަށް ނެތީތީ…އެކަމަކު އަހަރެން ބޭނުންވީ ހަމައެކަނި ހަގީގަތް ހިއްސާކޮށްލަން… އަހަރެން އޭނާ ދޫކޮށްލާފައި ދިޔައީ ލޯބިނުވާތީ ނޫންކަން އޭނާއަށް އަންގައިދޭން އަހަރެން ބޭނުންވީ… އަހަރެން ދިޔައީ އެހެން އަންހެނަކު އަހަރެންގެ ހަޔާތަށް އައުމަކުން ނޫންކަން ބުނެދޭން ބޭނުންވީ. އަދި އޭނާގެ ލޯބި އަހަންނަށް ނުފުދޭތީކީވެސް ނޫން."
ގަފޫރުގެ އަޑު މުޅިން ބެދިއްޖެއެވެ.
"އަހަރެން ދިޔައީ އެ ނޫން އެހެން ގޮތެއް ނެތީމަ."
އޭނާގެ ދެއަތް ތިރިކޮށްލުމަށްފަހު، ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިނެވެ.
"މީހުން ބުނާ އެއްޗެއް އެނގޭތަ؟ އެމީހުން ބުނަނީ އެންމެ ބޮޑު ގުރުބާނީއަކީ އަމިއްލަ ފުރާނަ ދޫކޮށްލުމޭ. އެއީ ކުށްހީއެއް. އެންމެ ބޮޑު ގުރުބާނީއަކީ ތިމާގެ މުޅި ދިރިއުޅުމާ ގުޅިފައިވާ މީހާއާ ނުލައި ދިރިއުޅުން. ދޮންދީދީއަކީ ހަމައެކަނި އަހަރެން ލޯބިވި މީހެއް ނޫން. އެއީ އަހަރެންގެ މުސްތަގުބަލަށްޓަކައި ކުރި ހުރިހާ ދުއާއެއްވެސް މެ…. އެއީ އަހަރެން ދެކުނު ހުރިހާ ހުވަފެނެއްވެސްމެ. މުސްކުޅިވާ ދުވަހު އަހަރެންގެ ހިތަށް އެންމެ ފުރަތަމަ ސިފަވާ މޫނަކީ އެއީ. އޭނާ ދޫކޮށްލާފައި ދިޔުމަކީ، ހިތް ހިނގަހިނގާ އޮއްވާ އަމިއްލަ ހަށިގަނޑުން ހިތް ނަގައި ބޭރުކޮށްލުން ކަހަލަ ކަމެއް. އޭނާއާ ދުރަށް އަހަރެން އެޅި ކޮންމެ ފިޔަވަޅަކީ އަނދައަނދާ ހުރި އަލިފާން އަނގުރުތަކެއްގެ މަތީގައި ހުސްފަޔާ ހިނގުން ކަހަލަ ކަމެއް. އެކަމަކުވެސް އަހަރެން ހިނގީ، އެ ނޫން އެހެން މަގެއް އަހަންނަށް ފެންނަން ނެތީމަ."
ގަފޫރުގެ ނަޒަރު އެންމެ ފަހުން ފާތުމަގެ ދެލޮލަށް ހުއްޓުނެވެ.
"އެކަމަކު އޭގެ ނަތީޖާއަކީ ކޮބާ؟ އޭނާ މަރުވެގެން އެދިޔައީ އަހަރެން އޭނާއަށް އޮޅުވާލީކަމަށް ނިންމައިގެން. އޭނާ މަރުވީ އަހަރެން އޭނާ އެއްލައިލީކަމަށް ގަބޫލުކޮށްގެން. ފާތުމަ! ނިކަން ބުނެބަލަ… ތިމާ އެމީހަކަށްޓަކައި އެންމެހާ ގުރުބާނީއެއް ވި މީހާއަށް، އެ ގުރުބާނީވީ ކީއްވެގެންކަންވެސް ނޭނގޭނަމަ، އެއީ ކޮންފަދަ ގުރުބާނީއެއް؟"
އެއާއެކު އެ ކޮޓަރިއަށް އަނެއްކާވެސް އޮބިނޯންނަ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ފާތުމަ ވަރަށް ގިނައިރު ވަންދެން ގަފޫރަށް ބަލަހައްޓައިގެން އިނުމަށްފަހު، އެންމެ ފަހުން ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ.
"ބޭބޭ… އުއްބައްތިއެއް ވިރެމުންދާތަން ބޭބެ ދުވަހަކުވެސް ދެކުނިންތަ؟"
ގަފޫރު ހައިރާންކަމާއެކު އޭނާއަށް ބަލައިލިއެވެ.
"އެ އުއްބައްތި އޭގެ މުޅި އުމުރު ހޭދަކުރަނީ އެހެން މީހުންނަށް އަލިކަން ފޯރުކޮށްދިނުމުގަ. އެންމެންވެސް އެ އަލިކަމަށް ތައުރީފުކުރޭ. އެކަމަކު އެ އަލިކަން ފޯރުކޮށްދެމުންދާއިރު، އެ އުއްބައްތި މަޑުމަޑުން ނެތެމުން، ވިރެމުންދާ އަވަސްކަމާ މިންވަރު، އެ މަންޒަރު ބަލަން ހުންނަ މީހަކަށް ނޫނީ ފާހަގައެއް ނުކުރެވޭނެ. އެ ކޮޓަރި އަލިވެގެންދާއިރު، އެ އުއްބައްތީގެ ބައިކުޅަބައި ހުންނާނީ ވިރިފަ…. ގުރުބާނީއަކީވެސް ހަމަ އެފަދަ އެއްޗެއް. ދުރުގައި ތިބެގެން ބަލާ މީހުންނަށް ފެންނާނީ ހަމައެކަނި އެ އަލިކަން. އެ އަލިކަން ދިނުމަށްޓަކައި އެ އުއްބައްތިން ގުރުބާންކުރަންޖެހުނީ ކޮންއެއްޗެއްކަމެއް އެމީހުންނަކަށް އެއްގޮތަކަށްވެސް ނުފެންނާނެ."
ފާތުމަ އިރުކޮޅަކަށް މަޑުޖެހިލުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
"ބޭބެ ތިއީ އެ އުއްބައްތިއަކީ…. ދުނިޔެއަށް ފެނުނީ ބޭބެ ނުކުމެގެން ދިއުމުން ވެރިވި އަނދިރިކަން އެކަނި. އެކަމަކު ކޮންމެ ސިކުންތަކު ބޭބެގެ ހިތުން އުނިވަމުންދިޔައީ ކޮންއެއްޗެއްކަމެއް އެކަކަށްވެސް ނުފެނުނު."
ގަފޫރު މަޑުމަޑުން ބޯހޫރާލިއެވެ.
"އެކަމަކު ދޮންދީދީއަކަށް އޭގެން އެއްވެސް ކަމެއް ނޭނގޭނެ.."
ފާތުމަ ޖަވާބުދިނުމުގެ ކުރިން އިރުކޮޅަކަށް ތިރިއަށް ބަލައިލިއެވެ.
"ބޭބެ… ބޭބެ ގާތު ބުނާނެ ހިއްވަރު އަހަރެންގެ ނެތިގެން އުޅޭ ވާހަކައެއް އެބައޮތް."
އެއާއެކު ގަފޫރު ވަގުތުން ފާތުމަގެ ދެލޮލަށް ބަލައިލިއެވެ.
"ތި ބުނީ ކީކޭ؟"
އެ ބުނަން އުޅޭ ބަސްތައް ބުނަން ޖެހިލުންވާ ފަދައިން، ފާތުމަ ފަސްޖެހުނެވެ.
"ދޮންދީދީ ބޭބެ ދެކެ ނަފުރަތުކުރީކަމަށް ގަބޫލުކޮށްގެން ބޭބެ ތި ހުރީ އަށާވީސް އަހަރު ވަންދެން."
ގަފޫރު އިސްޖަހާލިއެވެ.
"އޭނާ ނަފުރަތު ނުކޮށް ހުންނާނީވެސް ކިހިނެއް؟"
ފާތުމަ އޯގާތެރިކަމާއެކު ގަފޫރުގެ ތުރުތުރުއަޅަމުންދިޔަ އަތުގައި ހިފާލިއެވެ.
"ނޫން ބޭބެ… އަހަރެން ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ…"
އޭނާ ފުން ނޭވާއެއްލުމަށްފަހު ކުރިއަށްގެންދިޔައެވެ.
"ދޮންދީދީއަށް ބޭބެ ދެކެ ނަފުރަތުކުރާނެ ފުރުސަތެއް ދުވަހަކުވެސް ނުލިބޭނޭ…"
ގަފޫރު ނުހަނު ހައިރާންކަމާއެކު ކަންބޮޑުވެފައި ބަލައިލިއެވެ.
"ތި ބުނަނީ ކީކޭ؟"
"ބޭބެމެންގެ ކައިވެނި ރޫޅުނު ރޭ… ދޮންދީދީ ހޭނެތިގެން ވެއްޓުނީ."
ގަފޫރު އެސްފިޔަޖަހާލުމެއް ނެތި އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
"އެ ލިބުނު ސޮކަކީ އޭނާގެ ހަށިގަނޑަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވި. ހަމަ އެރޭ އޭނާ ހޭނެތުނީ." ގަފޫރު އޭނާއަށް އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި، ހުރި ގޮތަށް ބަލަހައްޓައިގެން ހުއްޓެވެ. ފާތުމަގެ ކޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
"އޭގެ ފަހުން ދުވަހަކުވެސް އޭނާއަށް ރަނގަޅަށް ހޭވެރިކަމެއް ނުލިބޭ."
"އައްބާސްވެސް ކިޔާދިނެއްނު… ޑޮކްޓަރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި. އާއިލާއިން ރޭދުވާލު ދުއާކުރި. އޭނާ ހޭއަރާނެ ކަމަށް އެންމެން އުންމީދުކުރި. އެކަމަކު އޭނާ އޮތީ ހޭނެތިފައި."
ގަފޫރުގެ ތުންފަތް ބާރަށް ތުރުތުރު އަޅަން ފެށިއެވެ.
"ނޫން…"
"ދުވަސްތައް ފާއިތުވަމުން ދިޔަ."
އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ.
"ނޫން…"
"ދެން…" ފާތުމަގެ އަޑު އެންމެ ފަހުން ބެދިއްޖެއެވެ. "އޭނާ ލޯ ހުޅުވާލުމެއް ނެތި ﷲ ގެ ހަޟްރަތަށް ދިޔައީ."
ވަގުތުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ގަފޫރު ފާތުމައަށް ބަލަހައްޓައިގެން ހުރީ ނޭވާލާންވެސް ހަނދާން ނެތިފައި ހުރި ފަދައަކުންނެވެ.
ދެން، ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ކުރިއަށް ގުދުވެ، ބޯ ފަޅައިގެން ގޮސްފާނެހެން ހީވެގެން ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ.
"އެހެންވީމާ… އޭނާއަކަށް ދުވަހަކުވެސް…"
އޭނާއަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ފާތުމަ މަޑުމަޑުން ބޯ ޖަހާލިއެވެ.
"ނޫން."
"އެހެންވީމާ އޭނާއަށް އެނގުމެއްވެސް ނުވޭ؟"
"ނޫން."
"އެހެންވީމާ އޭނާއަށް ހަގީގަތެއް ނީވޭ؟"
"ނޫން."
"އެހެންވީމާ، އަހަރެންގެ ފަހު ނޭވާއާ ޖެހެންދެންވެސް އޭނާދެކެ ލޯބިވާނެ ކަމަށް އަހަރެން ބުނި އަޑެއް އޭނާއަކަށް ނީވޭ؟"
އަނެއްކާވެސް…
"ނޫން."
ކުއްލިއަކަށް ގަފޫރުގެ އަނގައިން ނުކުތް ރުއިމުގެ އަޑަކީ ފާތުމައަށް މީގެ ކުރިން ދުވަހަކުވެސް އިވުނު އަޑެއް ނޫނެވެ. އަޑު އައީ އޭނާގެ ހިތުގެ އެންމެ ފުންމިނުންނެވެ. އެއީ އަށާވީސް އަހަރު ވަންދެން ވަޅުލެވިފައި އޮތް ހިތާމަ އެންމެ ފަހުން ބޭރުވި ކަހަލަ އަޑެކެވެ.
އޭނާ ދެއަތުން މޫނު ފޮރުވައިގެން ހުރެ ބާރަށް ރޯން ފެށިއެވެ.
"ޔާ ﷲ… އޭނާ އިންތިޒާރު ކުރީ ދުވަހަކުވެސް ނުލިބުނު ޖަވާބަކަށް. އޭނާ އެ އަނދިރިގަނޑުގެ ތެރެއަށް އެ ދިޔައީ އަހަރެން ދުވަހަކުވެސް ނުދިން ޖަވާބުތަކެއް ހޯދަން އުޅެމުން ކަންނޭނގެ. އަހަރެން އަބަދުވެސް އަމިއްލަ ނަފްސަށް ބުނަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ކިޔައިދޭނަމޭ. ކޮންމެވެސް ދުވަހަކުން މާފަށް އެދޭނަމޭ. އޭނާއާ ދުރަށް އަހަރެން އެޅި ކޮންމެ ފިޔަވަޅަކީ އަހަރެންވެސް މަރުވަމުން ދިޔަ ފިޔަވަޅެއްކަން ބުނެދޭނަމޭ. އެކަމަކު ދެން އެ 'ކޮންމެވެސް ދުވަހެއް' ނާންނާނެ. ދުވަހަކުވެސް ނާންނާނެ."
ފާތުމަ ގާތަށް ޖެހިލާފައި ގަފޫރުގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
"ބޭބޭ…"
އެކަމަކު ގަފޫރު ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.
"އަހަރެން ހީކުރީ އޭނާ އެ ހުރިހާ އަހަރެއް ހޭދަކުރީ އަހަރެންދެކެ ރުޅިއައިސްގެން ކަމަށް. އަހަރެން ހީކުރީ މަރުވުމުގެ ކުރިން ހުރިހާ ވާހަކައެއް ބުނެދޭން ﷲ އަހަރެމެން ބައްދަލުކޮށްދެއްވާނެ ކަމަށް. އަހަރެން ދިރިހުރީ އެ އުންމީދުގަ. އެ ކުޑަކުޑަ އުންމީދު އަހަރެން ދިރިހުރުވީ. މިހާރު އެވެސް ބީވެއްޖެ. ބުނެބަލަ ފާތުމަ… މި ހުރިހާ އަހަރު ވަންދެން އަހަރެން ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ ވާހަކަތަކަށް ދެން ހަދާނީ ކިހިނެއް؟ މި މާފަށް އެދުން ދެން ގެންދާނީ ކޮންތާކަށް؟ ކޮން ދޮރެއްގައިތަ އަހަރެން ޓަކިޖަހާނީ؟ ކޮން މަގަކުންތަ ހިނގާނީ؟ ކޮން މަހާނައެއްގެ ކައިރީގައި ހުރެގެންތަ އަހަރެން އޭނާދެކެ ލޯބިވުން ހުއްޓާނުލާ ކަމަށް ބުނާނީ؟"
އެ ވާހަކަތައް އަޑުއަހަން ހުރި ފާތުމަގެ ހިތްވެސް ކުދިކުދިވަމުން ދިޔައެވެ. އޭނާއަށް އެނގެއެވެ، މިއީ ގާތްގަނޑަކަށް ތިން ދަހަރު ވަންދެން އޭނާ ހިފަހައްޓައިގެން ހުރި ވޭނުގެ ފެށުންކަން. އޭނާ މަޑުމަޑުން ގަފޫރުގެ ބޯ އުފުލާލީ އޭނާއާ ހަތަރުކަޅި ހަމަކުރުމަށެވެ.
"ބޭބޭ، ވާރޭ ވެހި ނިމުމުން އުޑުމައްޗަށް އަންނަ ބަދަލު ދުވަހަކުވެސް ފާހަގަ ނުކުރެވޭތަ؟ ވިލާތައް އެންމެ ފަހުން ކަހާލުމުން، އިރު އެނބުރި އަތުވާތަން ފެންނާނެ… ނަމަވެސް ހަގީގަތަކީ އިރު ދުވަހަކުވެސް ދުރަށް ނުދާކަން… އެއީ ވާރޭ ވެހޭއިރުވެސް އިރު އޭގެ މަގާމުގަ ހުންނަކަން… ހުސްއެކަނި ތަފާތަކީ ހަމައެކަނި އަހަރެމެންގެ ލޯތަކަށް ފޮރުވިފަ ހުންނަކަން….. ލޯތްބަކީވެސް ހަމަ އެފަދަ އެއްޗެކޭ….. ހާލަތްތަކާ، އޮޅުންއެރުންތަކާ އަދި ހިމޭންކަމުގެ ސަބަބުން ހަގީގަތް ފޮރުވިދާނެ… ނަމަވެސް ފޮރުވިފައި އޮތުމުގެ މާނައަކީ އެ އެއްޗެއް ނެތިދިޔުމެއް ނޫނެއްނު…"
ގަފޫރު އެހީތެރިކަމެއް ނެތް ފަދަ ގޮތަކަށް އޭނާއަށް ބަލައިލިއެވެ.
އޭނާ މަޑުމައިތިރިކަމާއެކު ކުރިއަށް ގެންދިޔައެވެ. "ދޮންދީދީއަށް ބޭބެގެ ތަފްސީލުތައް ދުވަހަކުވެސް އަޑުނީވޭ ކަމަށް ބޭބެ ތިޔަ ބުނަނީ…. ފަހަރުގައި މި ދުނިޔޭގައި އެއީ ތެދަކަށް ވެދާނެ… ނަމަވެސް އަހަރެން ގާތު ބުނެބަލަ…. ހތްތައް އުފެއްދެވި އިލާހު، އެ ހިތްތަކުގެ އެތެރޭގައިވާ އެއްޗެއް ދެނެވޮޑިގަތުމަށްޓަކައި ދުލުން ބުނާ ބަސްތަކަށް ބޭނުންވެވޮޑިގަންނަވާނެ ކަމަށް ބޭބެ ހަމަ ގަބޫލުކުރަނީތަ؟ ނުއޮހޮރޭ ކަރުނައާ، ދުލުން ބޭރުނުކުރާ ދުއާތަކާ، އަދި ހާމަނުކުރާ ލޯބިވެސް މާތް ﷲ ދެނެވޮޑިގެންވެއޭ…. އިންސާނެއްގެ ހިތުގެ ފުންމިނުގައި ވަޅުލެވިފައިވާ ކޮންމެ ސިއްރެއް އެކަލާނގެ ދެނެވޮޑިގެންވާތީ، އަހަރެމެންގެ އަޑު ފޯރާފައި ނުވިޔަސް، އެކަލާނގެ ރަހުމަތްފުޅުން އެ ހަގީގަތް ފުރާނައަކާ ހަމައަށް ފޯރުކޮށްނުދެވޭނެ ކަމަށް ބުނަން އަހަރެމެންނަކީ ކޮން ބައެއް؟"
ގަފޫރު ހިމޭނުން އިނީއެވެ. އޭނާގެ ދެ ލޮލުން އަދިވެސް ކަރުނަ ފައިބަމުން ދިޔައިރު އޭނާ އަޑުއަހަން އިނެވެ.
ފާތުމަ އޭނާގެ އަމިއްލަ ކަރުނައިގެ ތެރެއިން މަޑުމައިތިރިކަމާއެކު ހިނިތުންވެލިއެވެ.
ފާތުމަގެ ބަސްތައް އެ ކޮޓަރިތެރޭގައި ގުގުމަމުން ދިޔައެވެ. ނަމަވެސް ގަފޫރުގެ ހިތުގައި އުފެދިފައިވާ ތޫފާން މައިތިރިކުރުމަށް އެ ބަސްތަކަށް މާ ބޮޑު އެހީތެރިކަމެއް ނުލިބުނެވެ. އޭނާ އަނެއްކާވެސް ބޯ ތިރިކޮށްލައި، ތުރުތުރުއަޅަމުންދިޔަ އޭނާގެ ދެއަތަށް ހުސްކަމާއެކު ބަލަން އިނެވެ.
ގިނަ އިރުތަކެއްގެ ހިމޭންކަމަށްފަހު، ގަފޫރު އޭނާ މަޑުމަޑުން މާޔޫސީ އާހެއް ބޭރުކޮށްލިއެވެ. ވާހަކަ ކުރިއަށް ގެންދަން އުނދަގޫވެފައި ހުރި ހާލު އޭނާގެ ތުންފަތް ތުރުތުރުއަޅަމުން ދިޔައެވެ.
"މި ފާއިތުވި އަށާވީސް އަހަރު ތެރޭގަ އެތައް ހާސް ފަހަރަކު އަހަރެންގެ ހިތުގައި އެ ދުވަސް ތަކުރާރުކޮށްފިން…. އެ ހަނދާންތަކާ ނުލައި ހޭލެވުނު އެންމެ ހެނދުނެއްވެސް ނެތް…. އަދި އަމިއްލަ ނަފްސާ މި ސުވާލު ނުކޮށް ނިދޭ އެންމެ ރެއެއްވެސް ނުދޭ… އަހަރެން އެހެން ގޮތަކަށް ކަންތައް ކުރިނަމަ ވާނީ ކިހިނެއް ހެއްޔޭ ހިތަށް އަރަނީ؟ އަހަރެން މަންމަގެ އެދުމަށް އިންކާރު ކުރިނަމަ ވާނީ ކިހިނެއް ހެއްޔޭ؟ އެނޫން ގޮތަކަށް ކަންތައް ކުރިނަމަ މިއަދުވެސް އޭނާ ދުނިޔޭގައި ހުރީސް ހެއްޔޭ؟"
އޭނާގެ ލޮލުން ފާޅުވަމުންދިޔަ ކެތްނުކުރެވޭ ފަދަ ކުށްވެރިކަމުގެ އިހުސާސްތަކާއެކެކެވެ.
"މީހުން ބުނެއުޅޭ ވަގުތަކީ ކޮންމެ ޒަޚަމަކަށްވެސް އޮތް ފަރުވާއެކޭ. އެކަމަކު އެއީ ދޮގެއް. ވަގުތު ދަސްކޮށްދެނީ ހަމައެކަނި އެހެން މީހުންނަށް ނުފެންނާނޭހެން ފަރުދާއެއްގެ ފަހަތުގައި ޒަޚަމްތައް ފޮރުވާނެ ގޮތް. ޒަޚަމެއް ދުވަހަކުވެސް ފަސޭހައެއް ނުވާނެ…."
ފާތުމަ މަޑުމަޑުން ގަފޫރުގެ އަތުގައި ހިފައި، ދެއަތްތިލައިގެ ދެމެދުގައި ބާރުކޮށްލިއެވެ.
"ބޭބޭ…" އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. "މީހުންނަށް ދުވަސްވީ ގަސްގަހަކީ އެންމެ ވަރުގަދަ ގަސްގަސް ކަމަށް ހީވަނީ ކީއްވެގެންކަން އެނގޭތަ؟"
ގަފޫރު އެއްވެސް ޖަވާބެއް ނުދީ އޭނާއަށް ބަލައިލިއެވެ.
"އެމީހުންނަށް ފެންނަނީ ފަންސަވީސް ނުވަތަ ފަސްދޮޅަސް އަހަރު ވަންދެން ކޮޅަށް ހުރި ގަހެއް، އަދި އެ ގަހުގެ ވަރުގަދަކަމަށް އެމީހުން ތައުރީފުކުރޭ. އެމީހުން ހަނދާން ނެތެނީ އެ ގަސް ވަރުގަދަވީ ދިރިއުޅުން އޭގެ މައްޗަށް އޯގާތެރިވީމައެއް ނޫންކަން. އެ ގަސް ވަރުގަދަވީ އެ ގަސް އުފުރާލަން އައި ކޮންމެ ތޫފާނަކާއި، ކޮންމެ ހަނަފަސްކަމަކާއި، ކޮންމެ މޫސުމަކުން ސަލާމަތްވީތީ. އެ ގަހުގެ ގަސްގަނޑުގައި ހުރި ކޮންމެ ލަކުނަކީ އެ ގަސް ވެއްޓެން ކައިރިވި ނަމަވެސް، ކޮންމެވެސް ގޮތަކުން ކޮޅަށް ހުރިކަމުގެ ހެއްކެއް."
އޭނާ ކުރިއަށް ދިއުމުގެ ކުރިން ކުޑަހިނދުކޮޅަކަށް މަޑުޖެހިލިއެވެ.
"ބޭބެ އަމިއްލަ ނަފްސަށް ބަލާއިރު ތިޔަ ފެންނަ ތަސްވީރެއްނޫން މަށަށް ފެންނަނީކީ.. އަހަރެން ބޭބެއަށް ބަލާއިރު މި ފެންނަނީ، ނިމުމެއްނެތް ބަރުދަނެއް، ހިތުގައި އެއްވެސް ހަސަދަވެރިކަމެއް ނުބާއްވައި، އަށާވީސް އަހަރު ވަންދެން އުފުލި މީހެއް. އެއީ ބޭބެ ބަލިކަށިވުމެއް ނޫން، ބޭބޭ. އޭގެ މާނައަކީ ބޭބެ ތިޔަ އުފުލަމުންދަނީ އެންމެ މީހެއްގެ ކޮނޑަށް ކެތްވާވަރަށްވުރެ މާ ބަރު ބުރައެކޭ."
ގަފޫރު ވަގުތުން ބޯހޫރުވާލިއެވެ.
"ނޫން ފާތުމަ. އަހަންނަކީ ރަނގަޅު މީހަކަށް ނަހަދާ. އަހަރެން އެކަމެއް ހައްގެއް ނޫން. ރަނގަޅު މީހުންނެއް އަހަރެން ކަންތައްކުރި ގޮތަށް ކަންތަކެއް ނުކުރާނެ… ރަނގަޅު މީހުންނެއް، އެމީހުންނަށް ފުރާނައިން އިތުބާރުކުރި އިންސާނާ ހިތްހަލާކުވެގެން ވެއްޓެން ދޫކޮށްލާފައެއް ނުދާނެ. އެންމެ ބޭނުންވި ވަގުތު ރަނގަޅު މީހުންނެއް ލޯބިވާ މީހުން ދޫކޮށެއް ނުދާނެ…"
އޭނާގެ އަޑު އަނެއްކާވެސް ބެދޭގޮތްވިއެވެ.
"ލޯ މަރާލާ ކޮންމެ ފަހަރަކު އަހަންނަށް ފެންނަނީ އޭނާ. މިއަދު މީހުން އެ ސިފަކުރި ގޮތަކަށް ނޫން. އަހަންނަށް ފެންނަނީ އަހަރެން ފެންނަ ކޮންމެ ފަހަރަކު ހިނިތުންވެލާ ދޮންދީދީ. އަހަރެންވީ ކޮންމެ ވައުދަކަށް އިތުބާރުކުރި ދޮންދީދީ. ކޮންމެ ކަމެއް ދިމާވިޔަސް އަހަރެމެން ދެމީހުން އެކުގައި ކުރިމަތިލާނަމޭ ބުނި ދޮންދީދީ."
އޭނާ ވާހަކަ ދެއްކުން ހުއްޓާލައި، ދެލޮލުގައި އަތްއެޅިއެވެ.
"އަދި އަހަރެން ކުރީ ކީއް؟ އޭނާގެ ދިރިއުޅުމުގައި އައި އެންމެ ބޮޑު ތޫފާނާ އެކަނި ކުރިމަތިލާން އަހަރެން އޭނާ ދޫކޮށްލީ."
އޭނާ އަނެއްކާވެސް އަތް ތިރިކުރަންދެން ފާތުމަ ކެތްތެރިކަމާއެކު މަޑުކުރިއެވެ.
އޭނާ ގަފޫރުގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
"ނާކޮޅެއްގެ މީހަކު ގަދަ ކަނޑެއްގެ ތެރޭގައި ތާށިވެއްޖެނަމަ، އެންމެ ފުރިހަމަ މިސްރާބު އިޚްތިޔާރު ކުރުމުގެ ފުރުސަތެއް އޭނާއަކަށް ނޯންނާނެ. އޭނާ އިޚްތިޔާރު ކުރާނީ އޭނާގެ އޮޑީގައި ތިބި މީހުން ސަލާމަތް ކުރެވިދާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ މިސްރާބެއް. ފަހުން، ތޫފާން މައިތިރިވުމުން، އަތިރިމަތީގައި ރައްކާތެރިކަމާއެކު ތިބޭ އެންމެން ބުނާނެ، 'އޭނާ ޖެހޭނީ ވާތަށް އަނބުރާލާށޭ، ނޫނީ ކަނާތަށް އަނބުރާލާށޭ.' އެމީހުން އެ ވާހަކަ ދައްކަނީ ހަމައެކަނި ރައްކާތެރިކަމުގެ ތެރެއިން ލިބޭ ބުއްދިވެރިކަމާއެކު. އެކަމަކު ރާޅުތަކުގެ ތެރޭގައި އޭނާ ޣަރަގުވަމުން ދިޔައިރު، އެ ބުއްދިވެރިކަމެއް އޭނާއަކަށް ނުލިބޭ."
ގަފޫރު އިސްޖަހާލިއެވެ.
"ތިކަން ކުރަން ޖެހުނީ މަޖުބޫރުވެގެންނޭ ތިބުނަނީ، އަހަރެން އެކަން ގަބޫލުކުރަން، ސަބަބަކީ އަހަރެންނަށް ބޭބެ އެނގޭތީ. ކޮންމެ އެއްޗެއް ގުރުބާން ކުރަން ޖެހުނަސް، ދޮންދީދީ ދޫކޮށްނުލާ ސަލާމަތް ކުރެވޭނެ ކުޑަވެސް މަގެއް އޮތްނަމަ، ބޭބެ އެ މަގަކުން ދިޔައީސް. ބިއްލޫރި ތަޅައިގެން ގޮސްފައި ހުރި ތަނެއްގެ މަތިން ފިރުކިފައި ދާން ޖެހުނަސް، ބޭބެ އެކަން ކުރީސް."
ގަފޫރު ލޯ މަރާލިއެވެ. އަދި އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
"އަހަރެން އެކަން ކުރީމުސް."
"އަހަރެންނަށް އެނގޭ."
"އަހަރެން ކަނޑުތައްވެސް ހުރަސްކުރީމުސް."
"އަހަރެންނަށް އެނގޭ."
"އޭނާއާ ކައިވެނި ކުރެވޭނެ ނަމަ، އަހަރެން މި ދުނިޔޭގެ ކޮންމެ މީހެއްގެ ގާތުގައި އާދޭސް ކުރީމުސް."
"އަހަރެންނަށް އެނގޭ."
"އަހަރެންގެ އަމިއްލަ ފުރާނަ ދޭން ޖެހުނަސް، އެވަރުން ފުދޭނަމަ އަހަރެން އެކަންވެސް ކުރީމުސް."
"…އޭނާ ނިޔާވިއިރު، ކީއްވެބާ އަހަރެން ދިރިހުންނަން ދޫކޮށްލެއްވީ؟"
ގަފޫރުގެ ކޮނޑު ތުރުތުރުލާން ފެށިއެވެ.
"އަހަރެން ސުވާލުކުރިން، އެ ލޯބި އަހަރެންގެ އަތުން ބީވެގެންދާނެކަން މިންވަރުކުރައްވާފައިވާއިރު، ކީއްވެހޭ އަހަރެންގެ ހިތުގައި އެ ލޯބި ޖެއްސެވީ؟"
ފާތުމަގެ ލޯ ކަރުނުން ފުރުނެވެ، އެކަމަކު އޭނާ ގަފޫރާ ދިމާއަށް އެއްޗެކޭ ނުބުނެއެވެ.
"ބޭބެއަށް އެނގޭތަ… ބައެއް ފަހަރު އަހަރެމެން ލޯބިވާ އެއްޗެއް އެކަލާނގެ އަހަރެމެންގެ އަތުން ނަންގަވަނީ، އެހެން ނޫންނަމަ އެއަށްވުރެ މާ އަގުބޮޑު އެއްޗެއް ގެއްލިދާނެތީއޭ."
ގަފޫރުގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.
"އަހަންނަކަށް ނުވިސްނުނު."
"މިއަދު ތިކަން ވިސްނޭކަށް ނުޖެހޭ…"
ފާތުމަ މަޑުމައިތިރިކަމާއެކު ހިނިތުންވެލިއެވެ.
"އިންދާ ކޮންމެ އޮށަކީ އިންދާ ދުވަހު ގަހަކަށްވާ އެއްޗެއް ނޫނޭ ބޭބޭ. ބައެއް ހަގީގަތްތައްވެސް ހެދިބޮޑުވުމަށް ވަގުތު ބޭނުންވާނެ ބޭބޭ…."
ގަފޫރު ގޮނޑީގައި ލެނގިލައިގެން އިނދެ ދުރަށް ނަޒަރު ހުއްޓާލިއެވެ.
"އެހެންވީމާ، ކީއްވެގެންބާއޭ ބޭބެއަށް ކަންކަން ސާފުކޮށްދޭން ފުރުސަތު ނުލިބުނީ ކިޔާފައި ސުވާލުކުރުމުގައި ބާކީ އޮތް އުމުރު ހޭދަނުކުރާތި…. އޭގެ ބަދަލުގައި، ހުރިހާ ވަންހަނާވެފައިވާ ހަގީގަތްތަކެއް ހާމަވާނެ ދުވަހު، ބޭބެގެ ހިތުގައި ހިމޭނުން އުފުލި ހުރިހާ ކަމެއް ދޮންދީދީއަށް އެނގޭނެ ގޮތް މެދުވެރިކުރެއްވުން އެދި ދުއާކުރުމުގައި ވަގުތު ހޭދަކުރޭ…."
ގަފޫރު އަނެއްކާވެސް ލޯ މަރާލިއެވެ.
ފާތުމަގެ ވާހަކަތައް ހިމޭންކަމުގެ ތެރެއަށް ފެތުރިގެން ދިޔުމަށްފަހު ވެސް، ގަފޫރު ވަރަށް ގިނައިރުވަންދެން އިށީނދެގެން އިނެވެ. އޭނާގެ ނޭވާލުން ހަމައަކަށް އެޅުނު ނަމަވެސް، ހިތުގައި އުފެދިފައިވާ ރިހުން ދިޔައީ ފުންވަމުންނެވެ. އޭނާ މަޑުމަޑުން ސީލިންގާ ދިމާއަށް ބަލައިލީ، އެތަނުގެ ފުރަގަހުގައި ފޮރުވިފައިވާ ޖަވާބުތަކެއް ހޯދަން އުޅޭ ފަދައަކުންނެވެ. ދެން، އޭނާއަށް ނޭނގި ނަމަވެސް، ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ފާތުމައަށް އެނގޭތަ؟" އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. "ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ކޮބައިތޯ މީހުން ގާތު އަހައިފިނަމަ، ބައެއް މީހުން ބުނާނީ އެއީ މުދަލޭ. އަނެއް ބަޔަކު ބުނާނީ އެއީ ދަރިންނޭ. އަދި ބައެއް މީހުން ބުނާނީ އެއީ ދިގު އުމުރެކޭ. އެކަމަކު އެ އެންމެން އެ ހަދަނީ ދޮގު. ﷲ އިންސާނެއްގެ ހިތަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތަކީ، އެމީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެ ފަދަ ބައިވެރިއަކު މިންވަރުކުރެއްވުން."
އޭނާގެ އަޑު މަޑުވިއެވެ.
"ދޮންދީދީއަކީ މަގޭ ހިތުގެ ހަމަޖެހުން."
އޭނާގެ ތުރުތުރުއަޅާ ދެއަތަށް އޭނާ ބަލައިލިއެވެ.
"އޭނާ މަގޭ ގާތުގައި ހުރި އިރު، އަހަރެން ދުވަހަކުވެސް މުއްސަނދިކަމަކަށް ބޭނުމެއް ނުވޭ. ބޮޑެތި ގަނޑުވަރުތަކަކަށް ނުވަތަ އަގުބޮޑު މުދާތަކަކަށް އަހަރެން ހުވަފެނެއް ނުދެކެން. މުސްތަގުބަލާ މެދު އަހަރެން ވިސްނާ ކޮންމެ ފަހަރަކު، ފެންނަނީ ހަމައެކަނި އެންމެ ކަމެއް. ބުރަ ދުވަހަކަށްފަހު އަހަރެން ގެއަށް އަންނައިރު، އޭނާ އަހަރެންގެ އިންތިޒާރުގައި ހުންނަ މަންޒަރު. އަހަރެމެން ދެމީހުން އެކުގައި މުސްކުޅިވާ މަންޒަރު. ގޯތިތެރޭގައި އަހަރެމެންގެ ދަރިން ދުވެލާފައި އުޅޭ މަންޒަރު. އިރުއޮއްސޭ ވަގުތު އެ މަންޒަރުބަލަން އަތިރިމަތީގައި ތިބޭ މަންޒަރު.."
އޭނާގެ ކޯތާފަތް މަތިން ކަރުނައެއް ފޭދިގެން ދިޔައެވެ.
"އަހަރެންގެ ހިތުގެ ތެރޭގައި އޭނާއާއެކު މުޅި އުމުރުގެ ދިރިއުޅުމެއް ބިނާކުރިން."
ގަފޫރު ލޯ މަރާލިއެވެ. ފާތުމަ ވާހަކަ ދައްކަން ފެށިއެވެ.
"ލޯތްބަކީ ހަމައެކަނި ދިރިތިބި ދެމީހެއްގެ ދެމެދުގައި އޮންނަންޖެހޭ އެއްޗެއް ނޫން. އެއީ ތެދެއް ކަމުގައިވާނަމަ، އަހަރެމެންގެ މައިންބަފައިން މިދުނިޔެ ދޫކޮށްދާ ދުވަހު އެމީހުންދެކެ ލޯބިވުން ހުއްޓާލީސް. އަހަރެމެންގެ ދަރިން ދުރު ރަށަކަށް ދަތުރުކުރާ ކޮންމެ ފަހަރަކު އެކުދިންދެކެވެސް ލޯބިވުން ހުއްޓާލީސް. އަހަރެމެންނާ ވަކިވެފައިވާ މީހުންގެ މަތިން ހަނދާންކުރުންވެސް ހުއްޓާލީސް."
އޭނާ، ގަފޫރުގެ ހިތާ ދިމާލުގައި އަތް ބާއްވާލިއެވެ.
"ހަށިގަނޑާއި ވަކިވެ ދިޔަޔަސް، ލޯތްބެއް މަރެއް ނުވާނެ…. ލޯބި ދެމިއޮންނާނެ ހަމަ ﷲ އެ ލޯބި އުފެއްދެވި ތަނުގަ…ހިތުގެ ތެރޭގަ…"
ގަފޫރު ހިމޭނުން ހުއްޓެވެ.
"އާނ، ދޮންދީދީގެ ހަށިގަނޑު ﷲ ގެ ހަޟްރަތަށް އެނބުރި ހިނގައްޖެ. އެކަމަކު އޭނާއަށްޓަކައި ބޭބެގެ ހިތުގައި އެކަލާނގެ ލެއްވި ލޯބި އަދިވެސް އެބައޮތް… ބައެއް މީހުންނަށް ލޯތްބަކީ މިލްކުކުރުން ކަމަށް ހީކުރެވޭ. އެމީހުން ހީކުރަނީ މީހަކުދެކެ ލޯބިވުމަކީ އަބަދުގެ އަބަދަށް އެމީހަކު ގާތުގައި ބެހެއްޓުން ކަމަށް. ނޫން. ބައެއް ފަހަރު އެންމެ ސާފު ލޯތްބަކީ، އަނެކާގެ ހިތްހަމަޖެހުމަށްޓަކައި ދުޢާކުރުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ނޭދި ވާ ލޯބި…. އަދި ވާހަކައެއް ބުނަންތަ… މަލެއް ގެންދިޔުމަށްފަހުވެސް، އެ މަލުގެ މީރުވަސް އެ ބަހައްޓާފަ ހުރި ތަނެއްގަ ވަރަށް ގިނައިރު ވަންދެން ހުންނަކަން ފާހަގަކުރެވުނުތަ؟"
ގަފޫރު މަޑުމަޑުން ބޯޖަހާލިއެވެ.
"އެ މާ އެތަނުގައި ނެތް ކަމުގައި ވިޔަސް، އޭގެ ވަސް މުޅި ފަޒާގައި ހިފާފައި ހުރޭ. ބޭބެގެ ހަޔާތުގަ އެ މަލަކީ ދޮންދީދީ… އޭނާގެ އޯގާތެރިކަމާ، ހިނިތުންވުމާ، އޭނާ ދޫކޮށްފައި ދިޔަ ހަނދާންތައް… އެއީ ބޭބެގެ ހިތުގައި އަދިވެސް ދިރިހުރި މީރުވަސް. ތެދަށް ބުނެބަލަ، އެ ވަސް ފޮހެލެވޭނެ އެއްވެސް މީހަކު ހުރެދާނެތަ؟"
ގަފޫރު ސިއްރުސިއްރުން ބުންޏެވެ. "ނޫން."
"…އަދި ބުނަންތަ… ލޯބި ސާބިތުވަނީ، ދިރިއުޅުން މަޖުބޫރުކޮށްގެން އެމީހަކު ދޫކޮށްލަން ޖެހުމަށްފަހުވެސް، ކިހާ ވަފާތެރިކަމާއެކު އެމީހަކުދެކެ ލޯބިވުމުގައި ދެމިހުރި މިންވަރަކުން."
ގަފޫރު ދެލޯ މަރާލިއެވެ. އޭނާގެ ނޭވާލުން މަޑުމަޑުން ހަމައަކަށް އެޅުނެވެ. ދޮންދީދީ މަރުވި ޚަބަރު ލިބުނު ފަހުން ފުރަތަމަ ފަހަރަށް، އޭނާއަށް ހަމައެކަނި ކުށްވެރިކަމުގެ އިހުސާސް ކުރެވުން ހުއްޓުނެވެ.
ކުށްވެރިކަމުގެ އިހުސާސް އަދިވެސް ހުއްޓެވެ. ފޮނި ހަނދާންތައް އަދިވެސް ހުއްޓެވެ. ހިތާމަ ފަހަރެއްގައި އޭނާގެ އެންމެ ފަހު ނޭވާއާ ހަމައަށްވެސް ދެމިހުރެދާނެއެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ އަޑީގައި… ލޯބިވެސް ވިއެވެ. ވަގުތާއެކު ފަނޑުނުވި ލޯތްބެކެވެ. ވަކިވުމުން ބަލިނުކުރެވުނު ލޯތްބެކެވެ. ބަދަލުގައި އެއްވެސް އެއްޗަކަށް އެދުމެއްނެތި، އެތައް ދަހަރެއް ވަންދެން ހިމޭންކަމާއެކު އިންތިޒާރުކުރި ލޯތްބެކެވެ.
****
ޖޫލީ، ގިނީގެ ގޭގެ ބެލް ޖެހުމުގެ ކުރިން ކުޑަ ހިނދުކޮޅަކަށް ބޭރުގައި މަޑުކޮށްލިއެވެ. އޭނާގެ އެއް އަތުގައި ލެވެންޑާ ކުލައިގެ ރިބަނަކުން އައްސާފައިވާ ރީތިކޮށް ބަންދުކުރެވިފައިވާ އުފަންދުވަހުގެ ހަދިޔާއެއް އޮތްއިރު، އަނެއް އަތުގައި އޮތީ އަލާޔާ އެންމެ ގަޔާވާ ޗޮކްލެޓްތަކުން ފުރިފައިވާ ކުޑަ ހަދިޔާ ކޮތަޅެކެވެ. އޭނާގެ މޫނުމައްޗަށް އަމިއްލަ އިޚްތިޔާރުން ބޭރުގައި ހިނިތުންވުމެއް އައެވެ. ފާއިތުވި ދުވަސްތަކަކީ ކެތްނުކުރެވޭހާ ވަރުބަލި ދުވަސްތަކެކެވެ. ރާޒިގުގެ ހަގީގަތް އެނގުމާއި، ފަސީހުގެ ހަޔާތައް މެހެކް އައުމުން، ކޮންމެ ދުވަހަކީވެސް ދުވަހަކުވެސް ހޯދަން ބޭނުންނުވި ހަނދާންތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ފަދައެވެ. ނަމަވެސް، މިއަދު އެއްވެސް އެފަދަ ކަމަކާ ނުވިސްނުމަށް އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. މިއަދަކީ އަލާޔާގެ ދުވަހެވެ. އެ ކުޑަކުޑަ އަންހެން ކުއްޖާ އޭނާގެ އުފަންދުވަހަށް ދުވަސް ގުނަމުންދާތާ ހަފްތާތަކެއް ވެއްޖެއެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޖޫލީއަށް ގުޅާފައި އަހާނެއެވެ. "ޖިންނީ ދައްތާ، ކޮއްކިއަށް މިފަހަރު ސަރޕްރައިޒްއަކަށް ދޭނީ ކޯންޗެއް..؟ ކޮންމެ ފަހަރަކުވެސް ޖޫލީ ހީނލާފައި، އޭނާގެ އެންމެ ލޯބިވާ ކުޑަ ޕްރިންސަސްއާއެކު އުފާފާޅުކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް މި ދުނިޔޭގައި ނެތްކަމަށް ވަޢުދުވެއެވެ. އަދި އަލާޔާ އުފަލުން މަރުވާ ވަރުގެ ގިފްޓެއްވެސް ދޭނެކަމަށް ވައުދުވެއެވެ.
ދޮރު ހުޅުވުނުތަނާހެން ކުޑަކުޑަ އަޑެއް މުޅި ގޭތެރޭގައި ގުގުމާލިއެވެ.
"ޖިންނީ ދައްތާޢާޢާޢާ!"
އެއްވެސް މީހަކަށް އެއްޗެއް ބުނެވުމުގެ ކުރިން، ހަތަރު އަހަރުގެ އަލާޔާ އޭނާގެ ކުޑަކުޑަ ދެފައިގައި ހުރި ބާރެއް ލާފައި ވީ އެންމެ ބާރަކަށް ދުވެފައި އައެވެ. އޭނާގެ އުފާވެރިކަމުގެ ބޮޑުކަމުން އަމިއްލަ ހެދުމުގައި އަޅައިގަނެގެން ކުޑަކޮށް ކަހާލި ނަމަވެސް، ކޮންމެވެސް ގޮތަކުން ހަށިގަނޑު ހަމަޖައްސާލުމަށްފަހު، އެތައް އަހަރަކަށްފަހު ފެނުނު ފަދައިން ދެއަތް ދިއްކޮށްލަމުން ޖޫލީގެ ގައިގައި ބައްދާލިއެވެ.
ޖޫލީގެ މުޅި މޫނު އުޖާލާވެގެން ދިޔައެވެ.
"އެހުރީ އޭނާ! ކޮބައިތަ މަގޭ އުފަންދުވަހުގެ ޕްރިންސަސް؟ އަހަންނަކަށް އެއްވެސް ތަނަކުން އޭނާއެއް ނުފެނޭ! މި ފެންނަނީ ހަމައެކަނި އަހަންނާ ދިމާލަށް ދުވެފައި އަންނަ ކުޑަކުޑަ މަންކީއެއް…"
"ކޮއްކި މީ މަންކީއެއް ނޫން ޖިންނީ ދައްތާ!" ހިނިގަނޑެއްގެ ތެރެއިން އަލާޔާ ބުންޏެވެ. "ކޮއްކި މިއީ ބޭބީ ޕްރިންސަސް އަލާޔާ!"
"އޯ! ޕްރިންސަސް އަލާޔާ؟" ޖޫލީ ވަރަށް ބޮޑަށް ލޯ ބޮޑުކޮށްލަމުން ބުންޏެވެ. "އޯކޭ މައި ޕްރިންސެސް…. ނަވް ޖިންނި ދައްތަގެ ކޮލަށް ކިސް އެއް ދީބަ.."
އަލާޔާ މާ ބާރަށް ހޭން ފެށުމުން، އެތެރޭގައި ކޭކު އަތުރަން ހުރި ގިނީއަށްވެސް ނުހީއެއް ނުހުރެވުނެވެ. އަދި ހިނިތުންވެފައި ހުރެ ދޮރާ ދިމާއަށް އައެވެ.
ކުޑަކުޑަ އަލާޔާ އެންމެ ސިކުންތަކަށްވެސް މަޑެއް ނުކުރިއެވެ. ފުރިހަމަ އިތުބާރާއެކު ޖޫލީގެ އަތުތެރެއަށް އޭނާ އަމިއްލައަށް އުކާލިއެވެ.
ޖޫލީ ވަރަށް ފަސޭހަކަމާއެކު އޭނާ ހިފަހައްޓައި، ކޮލުގައި ބޮސްދިނެވެ.
"ޔާﷲ… އަލާޔާ ބޭބީ ބަރުވީތަ ނޫނީ ޖިންނީ ދައްތަގެ ބާރު ދެރަވީތަ؟ މަންމަ އަލާޔާ ބޭބީއަށް ކޯންޗެއް ކާންދެނީ؟ ސިމެންތިތަ؟"
އަލާޔާ އަނެއްކާވެސް ބާރަށް ހޭން ފެށިއެވެ.
"ނޫން! ޗޮކްލެޓް!"
"މީ ދޯ މިވީ ގޮތަކީ….."
ކުއްލިއަކަށް، ޖޫލީ އަލާޔާ މައްޗަށް އުފުލާލިއެވެ. އަލާޔާ އުފަލުން ހަޅޭއްލަވައިގަތެވެ. އަނެއްކާވެސް… ޖޫލީ އޭނާ އުފުލާލިއެވެ. މިފަހަރު މާ މައްޗަށެވެ. ދެން، އޭނާގެ މޭގައި ބާރަށް ބައްދާލައިގެން ހުރެ، ޖޫލީ މަޑުމަޑުން އެނބުރެން ފެށިއެވެ.
އެއްފަހަރު… ދެފަހަރު… ތިންފަހަރު… ހަތަރުފަހަރު… އަލާޔާގެ ހުނުމުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.
"ޕްލީސް ޑޫ އިޓް އަގެއިން ޖިންނީ ދައްތާ!"
"ނޯ ބޭބީ…" ޖޫލީ ހެމުން ބުންޏެވެ. "މިއަށްވުރެ ބާރަށް އެނބުރިއްޖެއްޔާ އަހަރެމެން ދެމީހުންވެސް ގޮސް އެނބުރުން އަރައިގަނެގެން ވެއްޓިފަ އޮއްވަ ފެންނާނީ.."
އަލާޔާ އޭނާގެ ކުޑަކުޑަ ދެ އަތުން ޖޫލީގެ ކޮލުގައި ހިފާލިއެވެ. އަދި ކުއްލިއަކަށް ކުރިއަށް ޖެހިލާފައި ޖޫލީގެ ކޮލަށް ބޮހެއް ދިނެވެ.
ޖޫލީ ހުއްޓުން އެރިއެވެ. އޭނާ ވަރަށް ބޮޑަށް ހައިރާންވިކަމަށް ހެދިގެން މަޑުމަޑުން ކޮލުގައި އަތްލިއެވެ.
"ވަޓް ވޯސް ދެޓް ބޭބީ؟"
"އެއީ ކޮއްކިގެ ބާތުޑޭ ކިސް."
"ޖަސްޓް ވަން ކިސް…؟"
އަލާޔާ ފަޚުރުވެރިކަމާއެކު ބޯ ޖަހާލިއެވެ.
"ދެން އުންމައެއް ދެވޭނީ ގިފްޓް ދިނީމަ…"
ޖޫލީ ހީލުމަށްފަހު އަލާޔާގެ ދެ ކޮލުގައި މަޑުމަޑުން ބޮސްދިނެވެ.
އަލާޔާ އޭނާގެ ކުޑަކުޑަ ދެއަތުން ޖޫލީގެ ކަރުގައި އަނެއްކާވެސް ބައްދާލިއެވެ.
"އައި ލަވް ޔޫ ޖިންނީ ދައްތާ.."
އަލާޔާ އެ ބަސްތައް ބުނެލި މައުސޫމް ގޮތުން ޖޫލީގެ ހިނިތުންވުން މަޑުމޮޅިވެގެން ދިޔައެވެ.
އޭނާ އަލާޔާގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ.
"އައި ލަވް ޔޫ މޯރ މައި ލިޓްލް ޕްރިންސަސް…."
އެވަގުތު ގިނީ ދޮރުމައްޗަށް އަރާ، ދެއަތް އުރާލައިގެން ވަރަށް ފޮނި ގޮތަކަށް ހުއްޓުނެވެ.
"އެކްސްކިއުޒް މީ."
އެއިން އެކަކުވެސް އޭނާއަކަށް ބަލައެއް ނުލިއެވެ.
"އަހެމް!"
އަދިވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ގިނީ ބާރަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މިއީ ކާކުގެ ގެއެއްކަން މީހަކު އަހަންނަށް ބުނެދީފާނަންތަ؟ މިއީ މަގޭ ގެއެއްތަ ނޫނީ ޖޫލީގެ ގެއެއްތަ؟"
ޖޫލީ ވަރަށް މައުސޫމް ގޮތަކަށް އިސްއުފުލާ ބަލާލިއެވެ.
"އޯހް، ގިނީ! ތިތާ ހުރިކަން އަހަންނަށް ރޭކާވެސް ނުލާ."
ގިނީ ލޯ ހަނިކޮށްލިއެވެ.
"އެހެންތަ؟ ޔޫ ތިތާ ހުންނަތާ މިހާރު ދެ މިނެޓު ވެއްޖެ."
"ވެއްޖެތަ؟"
"އާނ."
"އަދި އެ ދެ މިނެޓު ތެރޭގައި މަގޭ އަމިއްލަ ދަރިފުޅު، އޭނާގެ މަންމައެއް ހުންނަކަން މުޅިން ހަނދާން ނައްތާލައިފި."
ޖޫލީ އަލާޔާއަށް ބަލާލިއެވެ.
"އިޒް އިޓް އަލާޔާ ބޭބީ.. އެއީ ތެދެއްތަ؟"
އެއްވެސް ވިސްނާލުމެއް ނެތި އަލާޔާ ބޯޖަހާލިއެވެ.
"ޔެސްސސ."
ގިނީ ވަރަށް އަސަރާއެކު އޭނާގެ މޭގައި އަތް އަޅާލިއެވެ.
"ދެން ނިމުނީ. އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ."
ޖޫލީ ހީގަތެވެ.
"އަހަރެން ކީއްކުރާނީ؟ ޔޫގެ ދަރިފުޅުގެ ހޮވުން ވަރަށް ފުރިހަމަ."
"ހޮވުން ފުރިހަމައޭ؟"
"ޝައްކެއްވެސް ނެތް."
ޖޫލީ އޭނާގެ އަތްމަތީގައި އިން އަލާޔާ ރަނގަޅުކޮށްލިއެވެ.
"އޭނާއަށް ފެންނަ އިރަށް އެނގޭނެ ކޮލިޓީ އެއްޗެހި."
ގިނީ ހެމުން ހެމުން ބޯ ހޫރާލިއެވެ.
"ތެދަށް ބުނަންޏާ، އަހަރެން އޭނާ ވިހެއީ، ނުވަ މަސް ވަންދެން ބަނޑަށްލައިގެން އުޅުނީ، ކޮންމެ ރެއަކު އޭނާއަށްޓަކައި ނުނިދާ ހުރީ، އެކަމަކު ޔޫ އަންނަ ކޮންމެ ފަހަރަކު އޭނާ އަހަންނާ ދޭތެރޭ ކަންތައް ކުރަނީ ސްޓްރޭންޖަރ އަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށް."
އަލާޔާ އޭނާގެ މަންމައަށް ބަލާލާފައި ވަރަށް ސީރިއަސްކަމާއެކު ބުންޏެވެ، "ތީ މަންމި."
ދެން އޭނާ ވަރަށް ފަޚުރުވެރިކަމާއެކު ޖޫލީއަށް އިޝާރާތް ކުރިއެވެ.
"މިއީ ޖިންނި ދައްތަ."
ޖޫލީ ބާރަށް ހީގަތެވެ.
"ކޮބާ! އިވުނުތަ؟ ޔޫ ތިހުރީ މަންމިއަށް ޕްރޮމޯޓްވެފަ، އެންޑް އަހަރެން މިވީ މިއަށްވުރެ މާ ޚާއްޞަ މީހަކަށް."
"ދެން ކީއްވެ ޖިންނި ދައްތައޭ ކިޔަނީ؟" ގިނީ އެހިއެވެ.
އަލާޔާ ކޮނޑު އަރުވާލިއެވެ.
"އައި ޑޯންޑް ނޯ މޯމީ."
"ދެން ކީއްވެ އެހެން ކިޔަނީ؟"
"އެއީ ބިކޯޒް ކޮއްކި ޖިންނީ ދައްތަ ދެކެ ލޯބިވާތީ."
ވަގުތުކޮޅަކަށް… ޖޫލީއާއި ގިނީއަށްވެސް އެއްޗެކޭ ބުނާކަށް ނޭނގުނެވެ.
ބޮޑެތި މީހުންނަށް ބަޔާންކޮށްދޭން ނޭނގޭ ގޮތްގޮތަށް ކުޑަކުދިން ގިނަފަހަރަށް ލޯބި ފާޅުކުރެއެވެ. ޖޫލީ އަލާޔާ ބިމުގައި ބެހެއްޓުމުގެ ކުރިން އަނެއްކާވެސް އޭނާގެ ނިތްކުރީގައި ބޮސްދިނެވެ.
"ދެން…"
އޭނާ އަލާޔާގެ ލޮލާއި ހަމައަށް ތިރިވެލިއެވެ.
"ނަވް އިޓްސް ޓައިމް ފޯ ދި ގިފްޓް."
އަލާޔާގެ ލޯ ވަގުތުން ދެގުނައަށް ބޮޑުވެގެން ދިޔައެވެ.
"ކޮއްކިއައްތަ؟"
"ނޫން."
ޖޫލީ ވިސްނާލާ ކަމަށް ހެދުނެވެ.
"އަސްލު މި ގިފްޓް މީ ސާރާ ބޭބީއަށް ގެނައި ގިފްޓެކޭ.."
"ނޫން!"
"އަސްލުވެސްއޭ މީ ސާރާ ބޭބީއަށް ގެނައި ގިފްޓެއް.."
"ނޫންނޫން!"
އަލާޔާ އަވަސްއަވަހަށް ހަދިޔާ ފޮށީގައި ބައްދާލިއެވެ.
"ނޫން! މިއީ ކޮއްކިގެ އެއްޗެއް!"
ޖޫލީއަށް ހެވުނުވަރުން ލޮލުން ކަރުނަ ހިލުނެވެ.
"އޮފްކޯޒް ދިޒް އިޒް ޔުއަރސް ޕްރިންސެސް…"
އަލާޔާ އެ ހަދިޔާ ފޮށީގައި ބޮސްދިނުމަށްފަހު، "އައި ގޮޓް މައި ޖިންނީ ދައްތަގެ ގިފްޓް!" އޭ ގޮވާލަމުން ސިޓިންގ ރޫމް ތެރޭގައި ދުވަން ފެށިއެވެ.
އޭނާގެ އެ އުފާވެރިކަމުން ގޭތެރޭގައި ތިބި އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ.
ގިނީގެ މަންމަ ބަދިގެ ފަރާތުން އަންނަމުން، އޭނާގެ ހެދުމުގެ ކޮޅުން އަތް ފޮހެލިއެވެ.
"އަންހަ ޖޫލީ."
"އައްސަލާމް އަލައިކުމް، އާންޓީ."
"ވައަލައިކުމުއްސަލާމް، ދަރިފުޅާ."
ގިނީގެ މަންމަ ލޯތްބާއެކު ޖޫލީގެ ގައިގައި ބައްދާލިއެވެ.
"މިގެއަށް ޖޫލީ އަންނަ ކޮންމެ ފަހަރަކު، މުޅިގެ އުޖާލާވެގެންދާހެން ހީވޭ."
ޖޫލީ ލަދުރަކި ހިނިތުންވުމަކާއެކު ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ އެއީ އާންޓީގެ މާމަދަރިން ދިހަ ގެއަށް ފުދޭވަރަށް އަޑުގަދަކުރާތީހެން."
"އެކުދިން އެހާ އަޑުގަދަވަނީ ހަމައެކަނި ޖޫލީ އަންނަ ދުވަސްދުވަހު."
އެވަގުތު ޖޫސް ތަށިތަކެއް ބަހައްޓާފައި ހުރި ތަބަކެއް ހިފައިގެން ގިނީގެ ބައްޕަ އެތެރެއަށް ވަނެވެ.
"އަހާ!"
އޭނާ ހޫނު ހިނިތުންވުމަކާއެކު ބުންޏެވެ.
"އަހަރެމެންގެ ކާޑިއޮލޮޖިސްޓް އަތުވެއްޖެތާ."
ޖޫލީ ވަގުތުން އިޙްތިރާމާއެކު ސަލާމް ގޮވާލިއެވެ.
"އައްސަލާމް އަލައިކުމް، ބޭބޭ."
"ވަޢަލައިކުމުއްސަލާމް."
އޭނާ ފަޚުރުވެރިކަމާއެކު ބޯޖަހާލިއެވެ.
"އެންމެ ކުޑައިރުންސުރެވެސް އުރައިގެން ގެންގުޅުނު ކުއްޖެއް، ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކަށް ވެއްޖެކަން އަދިވެސް ގަބޫލެއް ނުކުރެވޭ."
ޖޫލީ މަޑުމައިތިރިކަމާއެކު ހިނިތުންވެލިއެވެ.
"ހެހެ.. އަޅުގަނޑު ވަޒީފާއަށް ނިކުންނަން ފެށީމަ އަންނަން ވާނެ ޕޭޝަންޓަކަށް.."
"ޔަގީނެއްނު…."
އޭނާ ހީލިއެވެ.
"މީގެ ފަހުން މި އާއިލާގެ ކޮންމެ މީހަކުވެސް ފަޚުރުވެރިކަމާއެކު ބުނާނެ އަހަރެމެންގެ ޖޫލީއަކީ ހިތްތައް ރަނގަޅުކޮށްދޭ މީހެކޭ."
ގިނީ ވަގުތުން ހިނިގަނޑަކާއެކު މެދުކަނޑާލިއެވެ. އޭނާ ސަމާސާ ގޮތަކަށް ޖޫލީއަށް އިޝާރާތް ކުރިއެވެ. ދެން އޭނާ އަލާޔާއަށް ބަލާލިއެވެ.
"މިހާރުވެސް މަގޭ މި ކުޑަކުޑަ އަލާޔާ ބޭބީވެސް ގަބޫލުކުރަނީ ޖޫލީގެ ހިތުގެ މިލްކުވެރިއަކީވެސް އޭނާ ކަމަށް."
އެންމެން ހީގަތެވެ. އަލާޔާ ވަގުތުން ޖޫލީގެ ފައިގައި ބައްދާލިއެވެ.
"ޔެސް އިޓްސް ޓްރޫ!"
ގިނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ފެނޭތަ؟"
ޖޫލީ އަލާޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
"ހިތްތައް ވަގަށް ނެގުމަކީ ކުށެއް ކަމަށްވާނަމަ…"
އޭނާ ލޯތްބާއެކު އަލާޔާއަށް ބަލާލިއެވެ.
"…މި ކުޑަ މަލިކާ ހުންނަން ޖެހޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގަ."
އަނެއްކާވެސް އެންމެންގެ ހިނިގަނޑުގެ އަޑު ގުގުމާލިއެވެ.
ޖޫލީ ވާހަކަ ދައްކާ ނިމުނު ފަހުންވެސް އެ ހިނިތުންވުންތަކުގެ އަސަރު އެތަނުގައި ހުއްޓެވެ. އާންމުކޮށް ސަމާސާ މިޒާޖެއް ނުހުންނަ ގިނީގެ ބައްޕަވެސް، މީހަކު އަތުލައިގެންފާނެތީ ބިރުން އުޅޭ ފަދަ ގޮތަކަށް އަލާޔާ ޖޫލީގެ ފައިގައި ބައްދައިގެން ހުރި މަންޒަރު ބަލަން ހުރެ ހިނިތުންވެވުނެވެ. އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަކީ ކޮންމެ މީހެއްގެ ހިތްވެސް މަޑުމޮޅިކޮށްލާ ފަދަ ގުޅުމެކެވެ. އެއީ މަޖުބޫރުން އުފައްދާފައިވާ ގުޅުމެއް ނޫނެވެ. ޖޫލީ އަލާޔާއާއެކު ހުންނަ ކޮންމެ ވަގުތަކު އޭނާ އަމިއްލައަށް ކުޑަ ކުއްޖަކަށް ބަދަލުވެއެވެ. ދިރިއުޅުމުގެ ހުރިހާ ބަރުދަނެއް އޭނާ އެ ވަގުތަށް ހަނދާން ނެތެއެވެ.
ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލަން ހުރެ ގިނީ ހިނިތުންވެލިއެވެ. މޭމަތީގައި ދެއަތް ބަނދެލަމުން، އޭނާގެ ދަރިފުޅަށް ބަލާލާފައި ސަމާސާ ރާގަކަށް އެހިއެވެ. "އަލާޔާ، ތެދަށް ބުނެބަލަ. ދުވަހަކުން މަންމިއާއި ޖިނީ ދައްތަ ދެމީހުންވެސް ގެއްލިއްޖެނަމަ، އެންމެ ފުރަތަމަ އަނބުރާ ގެންނަން ބޭނުންވަނީ ކާކު؟"
އާލަޔާ ފުން ވިސްނުމެއްގައި ހުރެ ނިތްކުރިއަށް ރޫއަރުވައިލިއެވެ. އޭނާ ފުރަތަމަ ބަލައިލީ ގިނީއަށެވެ. އެއަށްފަހު ޖޫލީއަށެވެ. އަދި އަނެއްކާވެސް ގިނީއަށް ބަލައިލިއެވެ. މުޅި އާއިލާ ތިބީ ކެތްތެރިކަމެއް ނެތި އޭނާގެ ޖަވާބަކަށް އިންތިޒާރުކޮށްގެންނެވެ.
މިނެޓެއްހާއިރު ސީރިއަސްކޮށް ވިސްނަން ހުރުމަށްފަހު، އެންމެ ފަހުން އިސްއުފުލާލައި، ނުހަނު މައުސޫމުކަމާއެކު ބުންޏެވެ. "ކޮއްކި ފުރަތަމަ ގެންނާނީ މަންމަ…"
ގިނީ ވަގުތުން ކާމިޔާބީގެ އުފަލުގައި ދެއަތް މައްޗަށް އުފުލައިލިއެވެ.
"ކޮބާ! އެންމެންނަށް އަޑުއިވުނުތަ؟"
ގިނީގެ އުފާފާޅުކުރުން ނުނިމެނީސް އާލަޔާ ކުރިއަށް ގެންދިޔައެވެ. "…އެއީ ބިކޯޒް ޖިންނީ ދައްތަ އުޅޭތަން އެނގޭނީ މަންމައަށް. އޭރުން މަންމައަށް ޖިންނީ ދައްތަ ގޮވައިގެން އާދެވޭނެ."
މުޅި މާހައުލު އަނެއްކާވެސް ހިނިގަނޑުގެ އަޑުން ގުގުމައިގެން ދިޔައެވެ.
ގިނީ ވަރަށް އަސަރާއެކު ނިތްކުރީގައި އަތް ބާއްވައިލިއެވެ. "ދެން ނިމުނީ. އަހަރެން ރަސްމީކޮށް ބަލި ގަބޫލުކޮށްފިން. ނުވަ މަސް ދުވަހު މި ދަރިފުޅު ބަނޑުގައި އުފުލީ އަހަރެން، އެކަމަކު ކޮންމެވެސް ގޮތަކުން ޖޫލީ މިވަނީ ކާމިޔާބު ހޯދާފައި."
ޖޫލީއަށް ހެވުނުވަރުން ލޮލުން ކަރުނަ ހިލުނެވެ. އޭނާ ތިރިވެލާފައި، އަނެއްކާވެސް އާލަޔާ އުރާލައި، އޭނާގެ ނިތްކުރިއަށް ބޮސްދިނެވެ. "ޖިންނީ ދައްތަގެ ކުޑަކުޑަ ސުމާޓީ ޕްރިންސަސް! ފެނޭތަ؟ އެންމެން އުފާވާނެ ކަހަލަ ހައްލެއް ދަރިފުޅު ހޯދައިފި."
އާލަޔާ ފަޚުރުވެރިކަމާއެކު ބޯޖަހައިލިއެވެ. "މައި ޓީޗަރ ސޭސް އޯލްވޭޒް ޕްލޭ އޮން ދި ސޭފް ސައިޑް…"
"ސުބުހާނަﷲ… އުމުރުން އެންމެ 4 އަހަރު އެކަމަކު ބަލާބަލަ ދައްކާލާ ބޮޑެތި ވާހަކަތައް…" ޖޫލީ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. އެއާއެކު އަނެއްކާވެސް އެންމެން ހޭން ފެށިއެވެ.
މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު، ކަނެއްގައި މަޑުމަޑުން ބަލަން ހުރި ގިނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ކުޅޭކުޅޭ ޑައިނަސޯއެއް ހިފައިގެން މަޑުމަޑުން ޖޫލީއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ޖޫލީގެ އަތްކުރީގައި މަޑުމަޑުން ހިފާލިއެވެ.
"ޖިންނީ ދައްތާ…"
ޖޫލީ ވަގުތުން އޭނާއާ ދިމާއަށް އެނބުރުނެވެ.
"ޔެސް މައި ލިޓްލް ބޯއި؟"
"ފަހުން ކޮއްކިއާ އެކީ ޑައިނަސޯ ކުޅޭނަންތަ؟"
"އަސްލުވެސް ކުޅޭނަން."
"ހަނދާން ނެތޭނެތަ؟"
ޖޫލީ އޭނާގެ ކުޑަކުޑަ ނޭފަތުގައި މަޑުމަޑުން ހިފާލިއެވެ.
"ދައްތަ ދުވަހަކުވެސް ކޮއްކިއަށް ވީ ވައުދެއް އުވާލިންތަ؟"
އެ ކުޑަ ފިރިހެން ކުއްޖާ އުފަލުން ބޯހޫރުވައިލިއެވެ.
"ނޫން."
"އެހެންވީމާ ދައްތަ ވައުދުވަން."
އޭނާ ހިތްހަމަޖެހިގެން ހިނިތުންވެލުމަށްފަހު، އަނެއްކާވެސް ކުޅެން ދުއްވައިގަތެވެ.
މި މަންޒަރު ބަލަން ހުރި ގިނީގެ މަންމައަށް ލޯތްބާއެކު ހިނިތުންވެލެވުނެވެ.
"އަސްލުވެސް ޖޫލީ…" އޭނާ ޖޫލީގެ ކައިރީގައި އިށީންނަމުން ބުންޏެވެ. "ބައެއް ފަހަރު އަހަރެންނަށް ހީވޭ މި ކުދިން އީދަކަށްވެސް އިންތިޒާރުކުރާ ވަރަށްވުރެ ބޮޑަށް ޖޫލީ އަންނާނެ ވަގުތަކަށް އިންތިޒާރުކުރާހެން. ކޮންމެ ހަފުތާއަކު އަލާޔާ އަހަރެން ގާތު އަހާނެ، 'ޖިންނީ ދައްތަ އަންނާނީ ކޮން އިރަކުން؟ ގުޅިދާނެތަ؟ ކޮއްކި ޖިންނީ ދައްތަ ގެއަށް ގެންދެވިދާނެތަ؟' ދެ ހަފުތާއަށް ޖޫލީ ނުފެނި ލަސްވިޔަސް، އޭނާ މައިތިރިކުރުން ވާނީ އުނދަގޫ ކަމަކަށް."
ޖޫލީ ލޯތްބާއެކު އަލާޔާއަށް ބަލައިލުމަށްފަހު، ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެންނަށް ހީވަނީ އޭނާ އަހަރެންދެކެ ލޯބިވަނީ އަހަރެން އޭނާއަށް މާ ބޮޑަށް ޕެމްޕަރ ކުރެވޭތީހެން.."
"އޭ ނޫން،" ގިނީ ވަގުތުން މެދުކަނޑާލިއެވެ. "ކުޑަކުދިން ދުވަހަކުވެސް ދޮގު ލޯތްބެއް ނުދައްކާނެ. ބޮޑެތި މީހުން އެހެން ހަދާފާނެ. އެކަމަކު ކުޑަކުދިންނެއް ނޫން. އެކުދިން ދުވަނީ އެކުދިންނަށް ރައްކާތެރިކަން އިހުސާސްކޮށްދޭ މީހުންގެ ގާތަށް. އަލާޔާ ޖޫލީދެކެ ލޯބިވަނީ ހަދިޔާ ގެނެސްދޭތީ ނޫނީ ކުޅޭ އެއްޗެހި ގެނެސްދޭތީއެއްނޫން… އެއީ އޭނާ ޖޫލީއާއެކު ހުންނަ ކޮންމެ ވަގުތަކު، ޖޫލީ އޭނައަށް ފުރިހަމަ ސަމާލުކަން ދޭތީ. އެހެން މީހުން ގޮތަށް، ޖޫލީ ދުވަހަކުވެސް ފޯނަށް ގެއްލިފައެއް ނީންނާނެ… ވަރުބަލިވެފައޭ ބުނެ އޭނާ ދުރެއް ނުކުރާނެ. ޖޫލީ އޭނާއާއެކު ކުޑަކުއްޖަކަށް ވެދޭ. އެހެންވެ އޭނާ ޖޫލީއަށް އެހާ ލޯބިކުރަނީ."
ޖޫލީގެ ހިނިތުންވުން މަޑުމޮޅިވެގެން ދިޔައެވެ. "ކުޑަކުދިންނަށް އެވަރު ހައްގުވޭ. އެކުދިންގެ ބޭބީކަން ވަރަށް އަވަހަށް ފާއިތުވެގެންދޭ. އެއްދުވަހަކުން އެކުދިން ބޮޑުވާނެ، އަދި އެކުދިން ހަނދާން ހުންނާނީ ހަމައެކަނި އެކުދިންނަށްޓަކައި ވަގުތު ހުސްކުރި މީހުންގެ މަތިން."
ގިނީގެ ބައްޕަ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
"ތިޔައީ ތެދެއް. މިހާރު އެންމެންވެސް ބުނަނީ ވަރަށް ބިޒީއޭ. މައިންބަފައިން ބިޒީ. ތިމާގެ މީހުން ބިޒީ. އެންމެ ފަހުން ކުޑަކުދިންވެސް މިވަނީ ބިޒީވެފައި. ބައެއް ފަހަރު އަހަރެން ހިތަށްއަރާ، ކުޑަކުދިންގެ އުމުރަކީ އެންމެ ފަހަރަކު އަންނަ އެއްޗެއްކަން މީހުން ހަނދާން ހުރޭބާއޭ."
ކުޑަ ހިނދުކޮޅަކަށް އެންމެން ހިމޭންވެލިއެވެ. އެއީ ހިތްހަމަޖެހޭފަދަ ހިމޭންކަމެކެވެ. އެންމެންވެސް ބަލަން ތިބީ، ޖޫލީ ގެނައި އުފަންދުވަހުގެ ހަދިޔާ، އަލާޔާ އުފަލާއެކު އޭނާގެ ބޭބެމެންނަށް ދައްކަމުން ދިޔަ މަންޒަރަށެވެ.
ކުއްލިއަކަށް ގިނީގެ މަންމަ، ލޯތްބާއެކު ހިނިތުންވެލަމުން ޖޫލީއަށް ބަލާލިއެވެ.
"އެނގޭތަ،" ވިސްނުންތެރިކަމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ. "ކޮންމެ ފަހަރަކު ކުޑަކުދިންނާއެކު ޖޫލީ ފެނުމުން، އަހަރެންގެ ހިތުގައި އެއް ސުވާލެއް އުފެދޭ."
ޖޫލީ އޮޅުންފިލުވަން ބޭނުންވެފައި ބަލާލިއެވެ.
"ކޮން ސުވާލެއްތޯ އާންޓީ؟"
ގިނީގެ މަންމަ މާނަފުން ހިނިތުންވުމަކާއެކު ބުންޏެވެ.
"ކޮން އިރަކުންތަ ޖޫލީގެ މަންމައަށް މާމަ ކިޔާނެ ކުއްޖަކު ހޯދައިދެނީ؟"
އެ ސުވާލު ކުރީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އެއްވެސް ނުބައި ނިޔަތެއް އޮވެގެނެއް ނޫނެވެ. އެއީ އާންމުކޮށް ބޮޑެތި މީހުން ލޯތްބާއެކު ކުރާ ކަހަލަ ސުވާލެކެވެ.
ޖޫލީ އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ.
"އިންޝާﷲ… ﷲ މިންވަރުކުރެއްވި ދުވަހަކުން."
ގިނީގެ މަންމަ ބޯޖަހާލިއެވެ.
"އެއީ ތެދެއް، ކޮންމެ ކަމެއްވެސް ވާނީ ﷲ އިރާދަކުރެއްވިއްޔާ. އެކަމަކު ދަރިފުޅާ، ކައިވެނި ކުރިތާ މިހާރު ހަތް އަހަރު ވެއްޖެއެއްނު؟ އަންނަ އަހަރަށް އަށް އަހަރު ވާނެ. ޖޫލީ ކުޑަކުދިންދެކެ ލޯބިވާ މިންވަރު ފެނުމުން، އަހަރެންގެ ހިތް ބުނަނީ ޖޫލީއަކީ ވަރަށް މޮޅު މަންމައަކަށް ވާނެއޭ. ބައެއް ފަހަރު އަލާޔާއާއެކު ޖޫލީ ފެނުމުން، ޖޫލީގެ އަމިއްލަ ދަރިއަކު ލިބޭ ދުވަހަކުން އެ ކުއްޖާގެ ނަސީބުވެރިކަން ހިތަށްއަރާ."
ޖޫލީ ކުޑަ ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ.
"އަހަރެންވެސް އެ ދުވަހަށް އެދި ދުޢާކުރަން، އާންޓީ."
މި މައުޟޫޢަކީ އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ޖޫލީއަށް ކިހާ ނާޒުކު ކަމެއްކަން އެނގޭތީ، ގިނީ ވަގުތުން މަޝްރަހު ފިނިކުރަން މަސައްކަތް ކުރިއެވެ.
"މަންމާ، އޭނާއަށް ނޭވާލާނެ ފުރުސަތެއް ދީބަލަ. އެ ފަކީރު އައިތާ އަދި މިވީ ކުޑަ ވަގުތުކޮޅެއް."
އޭނާގެ މަންމަ ހީނގަތެވެ.
"ކީއްވީ؟ އަހަރެން ކުޑަ ކުއްޖަކު އުރާލަން ހުވަފެން ދުށުމަކީ މަނާ ކަމެއްތަ؟"
"އޯ، ހުވަފެން ދުށުން މަނައެއް ނޫން،" ގިނީ ސަމާސާކޮށްލިއެވެ. "އެކަމަކު ސުވާލުތައް ފެށުމުގެ ކުރިން މަދުވެގެން ފަސް މިނެޓު ވަރު ދީބަލަ."
އެންމެން އަނެއްކާވެސް ހީނގަތެވެ.
ގިނީގެ ބައްޕަ ސޯފާގައި ހަމަޖެހިލައިގެން އިނދެ، ޖޫސްތަށިން ޖޫސްފޮދެއް ބޯލިއެވެ.
"އަހަރެންނަށް ހީވަނީ ގިނީ އެ ބުނީ ރަނގަޅަށްހެން."
އޭނާ ޖޫލީއަށް ބަލާލާފައި ހިނިތުންވެލިއެވެ.
"އަހަރެމެންގެ ޑޮކްޓަރު މިހާރު މާ ބޮޑު މީހަކަށް ވީއޭ. އޭނާއަކީ މިހާރު ކާޑިއޮލޮޖިސްޓަކަށް ވީމާ، ހޮސްޕިޓަލުގަވެސް ކިހާ ބިޒީވެފަ ސްޓްރެސްފުލްވާޏެ… ކުޑަކުދިން ބެލުމަކީ ހިތުގެ ބަލިމީހުން ބެލުންހާ ފަސޭހަ ކަމެއް ނޫން."
ޖޫލީ އަދަބުވެރިކަމާއެކު ހީނލިއެވެ.
"އަހަރެންނަށް ހީވަނީ ހިތުގެ ބަލިމީހުންނަށްވުރެ ކުޑަކުދިން ބެލުން މާ އުނދަގޫވާނެހެން."
"އެއޮތީ ފެނިފައި!" އޭނާ ހެމުން ބުންޏެވެ. "މަދުވެގެން ހިތުގެ ބަލިމީހުންނަށް ބުނެދެވޭނެ ތަދުވަނީ ކޮންތަނެއްކަން. ކުޑަކުދިން ހަމައެކަނި ރޮނީ، ދެން ޖެހެނީ އަމިއްލައަށް އެނގެން."
އާއިލާގެ އެންމެން އަނެއްކާވެސް ހީނގަތެވެ. ގިނީ ހިނިތުންވެލިއެވެ.
"ފެނޭތަ ޖޫލީ؟ ބައްޕައަށްވެސް ހީވަނީ މަންމައަކަށް ވުމަކީ ޑޮކްޓަރަކަށް ވުމަށްވުރެ އުނދަގޫ ކަމެއްހެން."
ޖޫލީ ސަމާސާ ގޮތަކަށް ބޯޖަހާލިއެވެ.
"އަހަރެންނަށް ހީވަނީ އޭނާ އެބުނީ ރަނގަޅަށްހެން. މަދުވެގެން ހޮސްޕިޓަލުގައި އުޅޭއިރު އަހަރެން ކުރަންވީ ކީއްކަން އަހަރެންނަށް އެނގޭނެތާ އެޓްލީސްޓް… ތުއްތު ކުދިންނާ އެކީ އުޅޭއިރު، ކޮންމެ ފަސް މިނެޓަކުން އަހަރެން ހާސްވާނެ ކަންނޭނގެ."
"އެކަމާ ކަންބޮޑުނުވޭ.." ގިނީގެ މަންމަ އޯގާތެރިކަމާއެކު ޖަވާބުދިނެވެ. "ކޮންމެ މައެއްވެސް ހާސްވާނެ. ތިން ކުދިން ލިބުނު ފަހުންވެސް، އަހަރެން އަދިވެސް މި މީހުންނަށް ކަމެއް ދިމާވާ އިރަށް ހާސްވޭ…"
އޭނާގެ ފިރިމީހާ ހީނގަތެވެ.
ދެން، މާ ބޮޑު ފިކުރެއް ނެތި، ހަމަ އެ ސަމާސާ ވާހަކަތަކުގެ ތެރެއިން ހިނިތުންވެ ހުރެ ގިނީގެ ބައްޕަ ބުންޏެވެ، "ޖޫލީއަށް މިހާރު ދަރިއަކު ލިބުނަސް، ނިކަމެތި ފާތުމައަށް މިހާރު އިތުރު މާމަ ދަރިއަކު ބެލޭނީވެސް ކިހިނެއް؟ ހެލީނާގެ ފަރާތުން ރާޒިގަށް ލިބޭ ނަހަލާލު ދަރިފުޅާއެކު އޭނާގެ އަތްމަތި ވަރަށް އަވަހަށް ބުރަވާނެ. އޭނާގެ އުމުރުން މިހާރު ހުރި ގޮތުން، އެންމެ ފަހުން އެ ދަރިފުޅު ބަލާ ބޮޑުކުރަން ޖެހޭނީވެސް އޭނާއަށް ކަންނޭނގެ."
އޭނާ ޖުމްލަ ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ… ވަރަށް ފަރުވާކުޑަ ގޮތަކަށެވެ… އެވަގުތު އެކަކަށްވެސް އެއްވެސް އެއްޗެއް ބުނާކަށް ނޭނގުނެވެ. މާހައުލުގައި ގުގުމަމުންދިޔަ ހުނުމުގެ އަޑު މެދުކެނޑި، މުޅި ތަން ހިމޭންވިއެވެ. ޖޫލީގެ މޫނުމަތީގައި ހުރި ހިނިތުންވުން ގަނޑުވި ކަހަލައެވެ. އޭނާގެ ތުންފަތުގެ ކޮޅުތައް މަޑުމަޑުން ތިރިވިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އުފާވެރިކަމުން ފުރިފައިވި އޭނާގެ ދެލޮލުގެ ދިރުން ގެއްލުނެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ގުޑާވެސް ނުލައެވެ. އޭނާ ހަމައެކަނި ކުރިމައްޗަށް ބަލަހައްޓައިގެން އިނީއެވެ. އަދިވެސް ޖޫލީގެ އުނގުގައި އަރާމުކޮށް އިށީނދެގެން އިން އަލާޔާ، އޭނާގެ މައުސޫމް މޫނުން ޖޫލީއަށް ބަލާލިއެވެ.
"ޖިންނީ ދައްތާ…"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
އަލާޔާ މަޑުމަޑުން ޖޫލީގެ ކޮލުގައި އަތްލިއެވެ.
"ކީއްވެ ސްމައިލްކުރުން ހުއްޓާލީ؟"
އެ އާދައިގެ ބަސްތަކުން، ވީ ކީއްކަން ގިނީއަށް ސާފުކޮށް އެނގުނެވެ.
އޭނާ ވަގުތުން އޭނާގެ ބައްޕައަށް ބަލާލިއެވެ.
"ބައްޕާ…"
ނަމަވެސް އޭނާއަށް ވާހަކަ ކުރިއަށް ނުގެންދެވެނީސް، އޭނާގެ މަންމަ ހިމޭނުން ތެދުވިއެވެ.
ކުދިންނަށް އެ މަސްލަހަތު ގޯސްވިކަން ނުދެއްކުމަށްޓަކައި، ގަދަކަމުން ހިނިތުންވުމެއް މޫނުމައްޗަށް ގެނެސް، އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
"ހިނގާ ދަމާ ދޯ އެތެރެއަށް.." އޭނާ އުފާވެރިކަމާއެކު ބުންޏެވެ. "ހިނގާބަލަ ދާން އަދިވެސް ބެލޫންތައް އެބަހުރިތޯ ބަލާލަން…"
އަލާޔާ މޫނު ކުނިކޮށްލިއެވެ.
"ކޮއްކި ބޭނުމެއް ނޫން ބެލޫންއެއް…."
ގިނީގެ މަންމަ މަޑުމަޑުން ޖޫލީގެ އުނގުން އަލާޔާ އުފުލާލިއެވެ. އަލާޔާ އޭނާގެ މާމަގެ ކޮނޑުމަތިން ފަހަތަށް ބަލާލިއެވެ.
"ޖިންނީ ދައްތާ…"
މިފަހަރު ޖޫލީއަށް ވެވުނު އެންމެ ކުޑަ ހިނިތުންވުމެއް ގަދަކަމުން ދެއްކިއެވެ.
"ދައްތަ ކުޑައިރުކޮޅަކުން ދާނަން، ޕްރިންސަސް."
އެއަށްފަހު ނޫނީ އަލާޔާ އޭނާގެ ބޭބެމެންނާއެކު ދާން އެއްބަހެއް ނުވިއެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު ވަގުތު… ޖޫލީގެ މޫނުމަތިން އެ ހިނިތުންވުން މުޅިން ފިލައިގެން ދިޔައެވެ. އޭނާގެ އަތްދަބަހުގެ ކައިރީގައި އޭނާގެ އިނގިލިތައް މަޑުމަޑުން ބާރުވަމުން ދިޔައެވެ. އޭނާގެ ނޭވާލުން ފާހަގަކުރެވޭ ވަރަށް ބަރުވިއެވެ. ގިނީ އިނީ އޭނާގެ ބައްޕަ ވިސްނައިނުލާ ވާހަކަ ދެއްކުމުން އެކަމާ ރުޅިއައިސް ރަތްވެފައެވެ.
ދިގުލައިގެން ދިޔަ ސިކުންތުކޮޅަކަށް، ސިޓިންގ ރޫމް ތެރެއަށް ވެރިވެފައި އޮތް ހިމޭންކަން، އޭގެ ކުޑައިރުކޮޅެއް ކުރިން އެތަނުގައި އޮތް ހިނިތުންވުމާއި އުފާވެރިކަމަށްވުރެ މާ ބާރުގަދަހެން ހީވިއެވެ. ގިނީ އިނީ އިވުނު ވާހަކައެއް ގަބޫލުކުރަން ދަތިވެފައި، ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައެވެ. ކުދިން ފުއްޕާހަމާއި ކުޅޭ އެއްޗިއްސަށް ސަމާލުކަން ދީފިކަން ޔަގީންކުރުމަށްފަހު، ކޮޓަރިން ބޭރުގައި ހުރި އޭނާގެ މަންމަ، މަޑުމަޑުން ދޮރު ލެއްޕުމަށްފަހު އެނބުރިލިއެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުން ހުރިހާ އެއްޗެއް ބުނެދެއެވެ. މަންމަ އޭނާގެ ފިރިމީހާ ދަންނަތާ ތިރީސް ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބަހެއްގެ ބުރަދަނަށް ބެލުމެއް ނެތް ގޮތަށް، ހިތަށް އައިހާ އެއްޗެއް ބުނުމަކީ އޭނާގެ އާދައެއްކަން މަންމައަށް އެނގެއެވެ. ނަމަވެސް މިއަދު… މިއަދު އޭނާ އެ ހުރަސްކުރީ ދުވަހަކުވެސް ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެކެވެ.
ޖޫލީ ހުރީ ހުރި ފިޔަވަޅުމަތީގައެވެ. އޭނާގެ ދެލޯ ބިމަށް ހުއްޓިފައި ހުރި ނަމަވެސް، އޭނާގެ ސިކުނޑި އެ ކޮޓަރިއަކު ނެތެވެ. ކުޑައިރުކޮޅެއް ކުރިން އޭނާއަށް އިހުސާސް ކުރެވެމުންދިޔަ އުފާވެރިކަން މުޅިން ފިލައިގެން ގޮސް، އެފަދަ އުފާވެރިކަމެއް ދުވަހަކުވެސް ނެތް ފަދައެވެ. އޭނާ މަޑުމަޑުން ގުދުވެ، ސޯފާ މަތީގައި އޮތް އޭނާގެ އަތްދަބަސް ނަގައި، އޭގައި ބާރަށް ބައްދާލިއެވެ. އެއީ އޭނާ ދާން ތައްޔާރުވާތީއެއް ނޫނެވެ. އެއީ ކުއްލިއަކަށް ހިފަހައްޓާލާނެ އެއްޗަކަށް އޭނާ ބޭނުންވުމުންނެވެ.
އެންމެ ފަހުން ގިނީ އެ ހިމޭންކަން މުގުރާލިއެވެ.
"ބައްޕާ…" ރުޅިވެރިކަމާއެކު ތުރުތުރު އަޅަމުންދިޔަ އަޑަކުން އޭނާ ބުންޏެވެ. "ބައްޕަ ކީއްވެ އެހެން ބުނީ.."
އޭނާގެ ބައްޕަ އޭނާއާ ދިމާއަށް ބަލާލީ ހަގީގީ ހައިރާންކަމަކާއެކުގައެވެ.
"މިހާރު ކިހިނެއްވީ؟ ތިޔަހެން ތިޔަ ބަލަނީ ކީއްވެ؟"
"ކިހިނެއްވީހޭ؟" ގަބޫލުކުރަން ދަތިވެފައި ހުރެ ގިނީ ތަކުރާރުކޮށްލިއެވެ. "ބައްޕަ ތިޔަ އަހަނީ ހަމަ ކިހިނެއްވީހޭތަ؟"
"މަ މި ބުނީ އެންމެންނަށްވެސް އެނގޭ ވާހަކައެއް."
"ނޫން…" ގިނީ އޭނާއާ ދިމާއަށް ފިޔަވަޅެއް އެޅިއެވެ. "ބައްޕަ ތިޔަ ބުނީ 'އެންމެންނަށް އެނގޭ ވާހަކައެއް' އެކަންޏެއް ނޫން. އިޓްސް މޯ ދެން ދެޓް.."
އޭނާގެ ބައްޕަ ނުރުހިފައި މޫނު ހަދާލިއެވެ.
"މިހާރުގެ މީހުން މިހާ އަވަހަށް މާ ބޮޑަށް އަސަރުކުރަނީ ކީއްވެގެން ކަމެއް މަށަކަށް ނޭނގެ. މަ އެއްވެސް މީހަކަށް އިހާނެތި ބަހެއް ނުބުނަމެންނު."
"އެއްވެސް މީހަކަށް އިހާނެތި ބަހެއް ނުބުނަމޭ؟" އިވޭ ވާހަކައިގެ ހަމަނުޖެހޭ ކަމުން ގިނީއަށް ހެވޭ ގޮތްވިއެވެ. "ބައްޕާ ޔޫ ނޯ ޖޫލީ އިޒް މައި ބެސްޓް ފްރޭންޑް ލައިކް ސިންސް ފޮރޭވަރ… އޭނާ އެ އައީ އަހަރެންގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން. ކިތައް މަސް ފަހުން ކަމެއް ނޭނގެ އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެނުނުތާ، އެކަމަކު ދިހަ ސިކުންތުވެސް ނުވަނީސް ބައްޕަ އެ ހިނިތުންވުން ފޮހެލައިފި. ދެން ބައްޕަ ތިޔަ ބުނަނީ އެއްވެސް މީހަކަށް އިހާނެތި ބަހެއް ނުބުނަމޭ؟"
ގިނީގެ ބައްޕައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް، ޖޫލީ މަޑުމަޑުން ގިނީގެ އަތުގައި އަތް ބާއްވާލިއެވެ.
"ގިނީ…"
އޭނާގެ އަޑު މަޑުމައިތިރިއެވެ. މާ ބޮޑަށްވެސް މަޑުމައިތިރިއެވެ. އެއީ ރުޅިއަށްވުރެ ބޮޑަށް މީހުން ބިރުގަންނަވާ ފަދަ މަޑުމައިތިރިކަމެކެވެ.
"ޕްލީޒް…"
ގިނީ އޭނާއާ ދިމާއަށް އެނބުރިލިއެވެ.
"ނޫން ޖޫލީ. މިއަދަކު ނޫން. އަހަރެން ހިމޭނަކުން ނުހުންނާނަން."
"އެންމެ ރަނގަޅު."
"ނޫން، އެއީ އެންމެ ރަނގަޅު ގޮތެއް ނޫން."
ޖޫލީ ކުޑައިރުކޮޅަކު އޭނާއާ ދިމާއަށް ބަލަން ހުރުމަށްފަހު، ވަރުބަލިކަން ނޫން އެހެން އެއްވެސް އަސަރެއް ނެތް ފަނޑު ހިނިތުންވުމެއް ދިނެވެ.
"އަޅާނުލާބަ ޕްލީސް.. އެއީ އެވަރުގެ ކަމެއްނޫނޭ.. އާފްޓަރ އޯލް ހީ އިޒް ނޮޓް ރޯންގް…."
ދެން އޭނާ މަޑުމަޑުން ގިނީގެ ބައްޕައާ ދިމާއަށް އެނބުރިލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. އެއީ އޭނާ ރޮއެފައި ހުރުމަކުން ނޫނެވެ. އެކަމަކު ނުރޮއެ ހިފަހައްޓަން އޭނާގެ ހުރިހާ ބާރެއް ބޭނުންކުރަމުން ދާތީއެވެ. އޭނާ ކުޑައިރުކޮޅަކު ހިމޭނުން ހުރެ، އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު އެންމެ ފަހުން ވާހަކަ ދެއްކިއެވެ.
"ބޭބޭ… އަޅުގަނޑު އެއްޗެކޭ އަހާލަންތޯ؟"
އޭނާގެ ރާގުގައި ހުރީ އިހުތިރާމެވެ.
ބޮޑާކަމުގެ ކުޑަވެސް އަސަރެއް ނެތެވެ.އޭނާގެ އިޙްތިރާމުގެ ސަބަބުން މާޙައުލު އިތުރަށް ބަރުވެގެން ދިޔައެވެ.
ގިނީގެ ބައްޕަ ބޯޖަހާލިއެވެ. ޖޫލީ އޭނާގެ ލޮލަށް ބަލާލިއެވެ.
"ދެންމެ ތިބުނި ބަސްތައް… ބުނުމުގެ ކުރިން ތިކަމާ މެދު ވިސްނާލިންތަ؟"
ގިނީގެ ބައްޕަ ވަރަށް އަވަހަށް ޖަވާބު ދިނެވެ.
"ތެދުބަހުން ވާހަކަދައްކާއިރު ވިސްނާކަށް ނުޖެހޭނެ."
ޖޫލީ މަޑުމަޑުން ބޯޖަހާލިއެވެ.
"އެނގިއްޖެ."
އިތުރަށް ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން އޭނާ ކުޑަކޮށް ތިރި ބަލާލިއެވެ.
"އެނގޭތަ… މީގެ ދުވަސްކޮޅެއް ކުރިން މީހަކު އަހަރެން ގާތު ދުނިޔޭގަ ހުރި އެންމެ ނަސީބުގަދަ އަންހެން ކުއްޖަކީ ކާކުހޭ އެހިނަމަ…"
ޖޫލީގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް އައެވެ.
"…އަހަރެން ދެއްކީހީ އަމިއްލަ ނަފްސު." އެންމެން ހިމޭންކަމާއެކު އޭނާއަށް ބަލަން ތިއްބެވެ.
"އަހަރެން ބޮޑުވީ ކޮންމެ މީހަކުވެސް އެދޭނެ ފަދަ ލޯބި އާއިލާއެއް އަހަރެންގެ އޮތް ކަމަށް ގަބޫލުކޮށްގެން. އަހަރެން ގަބޫލުކުރީ އަހަރެންގެ މައިންބަފައިންގެ ކައިވެންޏަކީ މީހުން އެފަދަ ކަމަކަށް އެދި ދުޢާކުރާނެ ފަދަ ކައިވެންޏެއް ކަމަށް. މީހަކު އަހަރެންގެ ބައްޕައަށް ތައުރީފުކުރާ ކޮންމެ ފަހަރަކު، އަހަރެންގެ ހިތް ފަޚުރުވެރިކަމުން ފުރިގެންދަނީ އެ ތައުރީފަކީ ސީދާ އަހަންނަށް ލިބޭ އެއްޗެއް ކަމަށް އިހުސާސް ކުރެވޭތީ."
ޖޫލީގެ އަޑު މަޑުވިއެވެ.
"ކުޑަކުދިން އެކުދިންގެ އާއިލާގެ ކުރެހުންތައް ކުރަހާއިރު… އާންމުކޮށް ކުރަހަނީ ސުޕަހީރޯއިން."
ޖޫލީ ހިތްދަތި ހިނިތުންވުމަކާއެކު ބުންޏެވެ.
"ބައްޕަގެ ހަގީގަތް އެނގުމުގެ ކުރިން، އަހަރެންގެ ސުޕަހީރޯއަކީވެސް އަހަރެންގެ ބައްޕަ."
އޭނާ މަޑުޖެހިލިއެވެ.
"އަހަރެންގެ މުޅި އުމުރު ގަބޫލުކޮށްގެން ހުރީ، މި ދުނިޔޭގައި އެ ބައްޕައަށްވުރެ ތެދުވެރި… ލޯބިވާ… ނުވަތަ ވަފާތެރި އެހެން ފިރިހެނަކު ނުހުންނާނެ ކަމަށް ގަބޫލުކޮށްގެން."
ޖޫލީ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"އަހަރެން ބައްޕައަށް ވަރަށް އިތުބާރުކުރިން… އެކަމަކު މިހާރު އަހަންނަށް އެނގޭ… އަހަރެން މުޅި އުމުރުގައި ނަމޫނާއެއްގެ ގޮތުގައި ދެކުނު މީހާ، އަހަރެމެންނަށް ސިއްރުން އެހެން ދިރިއުޅުމެއް އުޅެމުންދާކަން."
ޖޫލީގެ ނޭވާ އަވަސްވިއެވެ.
"ބޭބެއަށް އެނގޭތަ އަންހެން ދަރިއަކަށް އެކަމުން ކުރާނެ އަސަރު؟"
ގިނީގެ ބައްޕަ ހުރީ ހިމޭނުންނެވެ.
"އެކަމުން ހަމައެކަނި ހިތް ހަލާކުވަނީއެއް ނޫން."
"އެކަމުން އޭނާގެ ހަނދާންތައްވެސް ފުނޑުފުނޑުކޮށްލާ."
"ކޮންމެ އުފަންދުވަހެއް."
"އާއިލާގެ ކޮންމެ ފޮޓޯއެއް."
"ކޮންމެ ބަންދު ދުވަހެއް."
"ކޮންމެ ފަހަރަކު މަންމަގެ އަތުގައި ހިފާލި ހިފާލުން."
"މިއިން އެއްވެސް ކަމަކީ ހަގީގަތެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ފެށޭ."
ޖޫލީ މަޑުމަޑުން ކޯތާފަތްމަތިން ކަރުނަ ފޮހެލިއެވެ.
"މީހަކަށް އަޑުނީވޭނެ ކަމަށް ހީކޮށް މަންމަ ރުއީ ކިތައް ރޭކަންވެސް އަހަންނަށް ބުނެދޭންވެސް ނޭނގޭ."
އޭނާގެ އަޑު ތުރުތުރުލާން ފެށިއެވެ.
"އަހަރެން ދުށިން އެތައް އަހަރެއް ވަންދެން އެންމެ ފިރިހެނަކު ދެކެ ލޯބިވި އަންހެނަކު، ކުއްލިއަކަށް އަމިއްލަ ނަފްސުގެ އަގާ މެދު ސުވާލު އުފައްދަން ފެށިތަން."
"އަހަރެން ދުށިން މަންމަގެ އުނިކަމެއް ހުރީތޯ މަންމަ އަމިއްލައަށް ވިސްނަން އިންތަން."
"އަހަރެން ދުށިން އެހެން މީހެއްގެ ބޭވަފާތެރިކަމުގެ އިލްޒާމް މަންމަގެ އަމިއްލަ ބޮލުގައި އަޅުވަމުން ދިޔަތަން."
ޖޫލީގެ ތުންފަތް ތުރުތުރުލިއެވެ.
"އަދި މަންމަ ރޮއިލާ ކޮންމެ ފަހަރަކު…"
ޖޫލީ އޭނާގެ މޭގައި އަތް އަޅާލިއެވެ.
"…އަހަރެންގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް މަންމައާއެކު މަރުވޭ."
ގިނީ އިސްޖަހާލިއެވެ.
އެއިން ކޮންމެ ބަހަކީ ތެދެއްކަން އޭނާއަށް އެނގެއެވެ.
ޖޫލީ ކުރިއަށް ގެންދިޔައެވެ.
"އެހެންވީމާ އަޅުގަނޑަށް އިތުބާރު ކުރައްވާ ބޭބޭ…"
"މި ދުނިޔޭގައި އަޅުގަނޑުގެ ބައްޕަ ކުރި ކަންތައްދެކެ އެންމެ ބޮޑަށް ނަފްރަތު ކުރާ މީހަކު ހުރިނަމަ…"
އޭނާ އުނދަގުލުން ހިންދިރުވާލިއެވެ.
"…އެއީ އަޅުގަނޑު."
އޭނާ އިތުރު ފިޔަވަޅެއް ކުރިއަށް އެޅިއެވެ.
"އެކަމަކު އަޅުގަނޑަށް ނުވިސްނޭ ކަމެއް އެބައޮތް."
އޭނާގެ ދެލޯ އަނެއްކާވެސް ބޭބެގެ ދެލޮލާ ސީދާވިއެވެ.
"ކީއްވެގެންތޯ…"
"…މީހުން ބައްޕަގެ ފާފަތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު…"
"…ކޮންމެވެސް ގޮތަކުން އަޅުގަނޑު ނޫނީ އަޅުގަނޑުގެ މަންމަ، ބައްޕަގެ ކައިރީގައި ބަހައްޓަނީ؟"
ހިމޭންކަން ވެރިވިއެވެ.
"ބޭބެ ތިޔަ ވިދާޅުވީ ހެލީނާގެ ފަރާތުން ރާޒިގަށް ލިބޭ ދަރިފުޅު ބަލަން މަންމައަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް."
އޭނާ ހިތި ހިނިތުންވުމަކާއެކު ބުންޏެވެ.
"ބޭބެއަށް އެނގޭތޯ އަޅުގަނޑަށް އިވުނީ ކީކޭކަން؟"
ގިނީގެ ބައްޕަ ހުރީ އޮޅުންބޮޅުންވެފައެވެ.
"އަޅުގަނޑަށް އިވުނީ…"
އޭނާ އަމިއްލަ ނަފްސަށް އިޝާރާތް ކުރިއެވެ.
"’އަޅުގަނޑުގެ ބައްޕަގެ ލަދުވެތިކަން އަޅުގަނޑު ދިޔަ ކޮންމެ ތަނަކަށް ފަހަތުން އަންނާނެޔޭ'."
އޭނާގެ ކޯތާފަތް މަތިން އިތުރު ކަރުނަ ތިއްކެއް ފޭބިއެވެ.
"އަޅުގަނޑަށް އެނގޭ ބައްޕައަކީ އަޅުގަނޑު ހީކުރި ވަރުގެ ރަނގަޅު މީހެއް ނޫންކަން.. އެނގޭ އެއީ ވަރަށް ނުބައި މީހެއްކަން..ފާފައިން ތަތްތެޅިފަ ހުރި މީހެއްކަން…."
"އަޅުގަނޑަށް އެނގޭ ބައްޕަ އަޅުގަނޑުމެންގެ އާއިލާ ރޫޅާލައިފިކަން."
"އަޅުގަނޑަށް އެނގޭ ބައްޕަ މަންމައަށް ބޭވަފާތެރިވެއްޖެކަން."
"އަޅުގަނޑަށް އެނގޭ ފާއިތުވި ހުރިހާ އަހަރު ބައްޕައާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ތަސްވީރު ބައްޕަ ފުނޑުފުނޑުކޮށްލައިފިކަން."
އޭނާ ތުރުތުރުލާ އަޑަކުން ނޭވާއެއްލިއެވެ.
"އެކަމަކު އެއީ…"
އޭނާގެ އަތް މޭގައި ބާރަށް ޖައްސާލިއެވެ.
"…ބައްޕަގެ ފާފަތައް."
"އަޅުގަނޑުގެ ފާފައެއް ނޫން… ނޫނީ މަންމަވެސް ބޮލުއަޅަންޖެހޭ ފާފަތަކެއް ނޫން…"
އޭނާގެ އަޑު އެންމެ ފަހުން ބެދޭގޮތްވިއެވެ.
"ބައްޕަ މަންމައަށް ބޭވަފާތެރިވީއިރު އަޅުގަނޑެއް ބައްޕަގެ ކައިރިއަކު ނެތް."
"އިތުރުފުޅު ހެދީ އަޅުގަނޑެއް ނޫން."
"ދެފުށް ދެގޮތް ދިރިއުޅުމެއް އުޅުނީ އަޅުގަނޑެއް ނޫން."
"އަޅުގަނޑުމެންގެ ގެދޮރު ސުންނާފަތިކޮށްލީ އަޅުގަނޑެއް ނޫން."
"އެހެންވީމާ އާދޭސްކޮށްފަ މި ބުނަނީ…"
ޖޫލީއަށް ނޭނގި އޭނާގެ ތުރުތުރުލާ ދެއަތް ޖޯޑުކޮށްލެވުނެވެ.
"…ﷲ އަޅުގަނޑަށް ލިޔުއްވާފައި ނުވާ އަދަބެއް އުފުލަން އަޅުގަނޑަށް މަޖުބޫރު ނުކުރައްވާ."
ގިނީގެ މަންމަ މަޑުމަޑުން އޭނާގެ ކަރުނަތައް ފޮހެލިއެވެ.
ޖޫލީ ވާހަކަ ކުރިއަށް ގެންދިޔައެވެ. ކޮންމެ ބަހަކުން ކުރިން ބުނި ބަހަށްވުރެ ފުން އަސަރެއް ކުރަމުންދިޔައެވެ.
"ބޭބެއަށް އެނގޭތޯ މިއަދު ގިނީގެ ދައުވަތު އަޅުގަނޑު ގަބޫލުކުރީ ކީއްވެގެންކަން؟"
އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ.
"މިދިޔަ ދުވަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް…"
"އަޅުގަނޑު ހޭން ބޭނުންވީ."
"އަޅުގަނޑު ހަނދާން ނައްތާލަން ބޭނުންވީ."
"އަޅުގަނޑުގެ އާއިލާ ރޫޅިފައި ނުވާކަމަށް ހެދިގެން އެންމެ ހަވީރެއްވެސް ހޭދަކޮށްލަން ބޭނުންވީ."
ޖޫލީ، އަލާޔާ ކުޅެން އިން، ލައްޕާފައި ހުރި ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ.
"އަލާޔާ ދުވެފަ އައިސް އަޅުގަނޑުގެ އަތުގެ ތެރެއަށް ވަދެ 'ޖިންނީ ދައްތަ' އޭ ކިޔާ ގޮވާލުމުން…"
އޭނާގެ ދެލޮލުން މަޑުމޮޅިކަން ފެނުނެވެ.
"…މަދު މިނެޓުކޮޅަކަށް…"
"އަޅުގަނޑު ހުރިހާ ކަމެއް ހަނދާން ނެތުނު."
"ބައްޕަގެ ބޭވަފާތެރިކަން ހަނދާން ނެތުނު."
"މަންމަގެ ކަރުނަތައް ހަނދާން ނެތުނު."
"ހެލީނާގެ މަތިން ހަނދާން ނެތުނު."
"އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލި ހުރިހާ ހަގީގަތެއް ހަނދާން ނެތުނު."
އޭނާ ކުޑަ ވަގުތުކޮޅަކަށް ދެލޯ މަރާލިއެވެ.
"އަދި އެއަށްފަހު…"
އޭނާ އަނެއްކާވެސް ދެލޯ ހުޅުވާލިއެވެ.
"…އެއް ޖުމްލައިން…"
"ބޭބެ އަޅުގަނޑަށް ހަނދާންކޮށްދީފި އަޅުގަނޑު ކޮންމެ ތަނަކަށް ދިޔަޔަސް…"
"…އަޅުގަނޑަށްވުރެ ކުރިން ބައްޕަގެ ކުށްތައް އެތަނަކަށް ފޯރާނެކަން."
ކޮޓަރިތެރެއަށް ނުތަނަވަސް ހިމޭންކަމެއް ވެރިވިއެވެ.
އެއްވެސް މީހަކު ގުޑައެއް ނުލައެވެ. އެއްވެސް މީހަކު ބާރަށް ނޭވާއެއް ނުލައެވެ. އެއްވެސް މީހަކު އޭނާގެ ވާހަކަ މެދުކަނޑާލަންވެސް މަސައްކަތެއް ނުކުރެއެވެ. ޖޫލީ މަޑުމަޑުން ގުދުވެ، އޭނާ ގެނައި އުފަންދުވަހުގެ ހަދިޔާ ނަގައި، ކޭކު ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
"މި ހަދިޔާ އަޅުގަނޑު ގަތީ މީގެ ތިން ހަފްތާ ކުރިން."
އޭނާ ދެރަވެފައި ހުރެ ހިނިތުންވެލިއެވެ.
"އަލާޔާއަށްވުރެ ބޮޑަށް އަޅުގަނޑު ހުރީ އުފާވެފަ."
"އަދި އަލާޔާ މާޔޫސްކުރަން ބޭނުން ނުވާތީ މިއަދުވެސް ވަރަށް ހާލުގަ އުޅެފަ މިއައީ…"
އޭނާ ގިނީއާ ދިމާލަށް ބަލާލިއެވެ.
"އޭމް ސޮރީ ގިނީ."
ގިނީ ވަގުތުން ބޯ ހޫރާލިއެވެ.
"ނޫން… މާފަށް އެދޭނެ ކަމެއް ނެތް."
"އަޅުގަނޑު މާފަށް އެދެން ޖެހޭނެ."
ޖޫލީ ކަރުނުން ފުރިގެންވާ ހިނިތުންވުމަކާއެކު ބުންޏެވެ.
"މިހާރު އަޅުގަނޑު މިތާ މަޑުކޮށްފިނަމަ… އަޅުގަނޑު ދައްކާ ކޮންމެ ހިނިތުންވުމަކީ ދޮގަކަށް ވާނެ."
ޖޫލީ އަނެއްކާވެސް އެއްފަހަރު ގިނީގެ ބައްޕައަށް ބަލައިލިއެވެ. އިތުރު އެއްވެސް ބަހެއް ބުނުމެއް ނެތި، ޖޫލީ އޭނާގެ އަތްދަބަސް ނަގައިގެން މަޑުމަޑުން ގޭގެ މައި ދޮރާ ދިމާއަށް ހިނގައިގަތެވެ. ގިނީ ވަގުތުން އޭނާގެ ފަހަތުން ދުއްވައިގަތެވެ.
"ޖޫލީ، އާދޭސްކުރަން… ޕްލީސް ސްޓޭ… އައި އަކަށް އަލާޔާ ހޭންޑްލް އެއް ނުކުރެވޭނެ…."
ޖޫލީ ހުއްޓުނެވެ.
ފަހަތަށް އެނބުރި ބަލައިލުމެއް ނެތި، މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ޖޫލީ އެގެއިން ނިކުމެގެން ދިޔައެވެ. ދޮރު ލެއްޕުނު އަޑު އެ މުޅި ހިމޭން ގޭގެ ތެރޭގައި ގުގުމައިލިއެވެ.
އެތައް ސިކުންތެއް ވަންދެން، ގޭގެ ތެރޭގައި ތިބި އެއްވެސް މީހަކު ބަހެއް ނުބުނެއެވެ.
އެންމެ ފަހުން…ގިނީ އެނބުރިލިއެވެ. އޭނާގެ ލޮލުން ފެންނަނީ މާޔޫސްކަމުގެ އަސަރެވެ. އޭނާ ސީދާ އޭނާގެ ބައްޕައަށް ބަލައިލިއެވެ.
"އަޅުގަނޑު ދުވަހަކުވެސް…"
އޭނާގެ އަޑު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
"…ދުވަހަކުވެސް ބައްޕައާ މެދު މިހާ ލަދުގަނެފައެއް ނުވޭ."
އޭނާގެ ބައްޕަ ނުރުހިފައި ބުންޏެވެ.
"ދެން ތިކަން ހުއްޓާލާ…މަށެއް ނުބުނަމެއްނު ދޮގު ވާހަކައެއް.. އެހެން ނޫނަސް ޖޫލީއަކީ މަގޭވެސް ދަރިއެއް ގޮތަށް ދެކޭ ކުއްޖެއް… ހިއެއް ނުކުރަން އެވަރު ވާނެކަމަކަށް.. އެހާ ކިބުރުވެރިވެގެން ދުނިޔޭގަ އުޅެވޭތަ…"
(ނުނިމޭ)


