ފަލަސްޠީނާމެދު ޔަހޫދީން ގެންގުޅޭ ސިޔާސަތުތައް ހުއްޓުވަން ޓްރަމްޕަށް ގޮވާލައިފި

ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ ގޮވާލައްވައިފިއެވެ.

ރައީސް ޓްރަމްޕާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަންގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނިކޮށް ނެރުއްވި ބަޔާނެއްގައި ފަހުމީ އިންޒާރު ދެއްވީ، މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބުމާއި ޚަލީޖު ސަރަޙައްދުގެ ނުތަނަވަސްކަމުގެ ސަބަބުން މުޅި ސަރަޙައްދު ނުރައްކާތެރި މިސްރާބަކަށް ގޮސްފައިވާ ކަމަށެވެ.

ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ހުރި ހުރަސްތަކާއި، ހުޅަނގު އައްސޭރީގެ ނުތަނަވަސްކަމާއި، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނުގެ ޚިލާފުތަކުގެ އިތުރުން ޙޫޘީންގެ ހަމަލާތަކާއެކު ސަރަޙައްދީ ހަމަޖެހުން ގެއްލިފައިވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

އަދި ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށާއި، މަޝްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމުގައި އެމެރިކާއަށް ބޮޑު މަސްއޫލިއްޔަތެއް އެބައޮތް ކަމަށް ޢަރަބި ލީގުގެ އިސްވެރިޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ