އިސްތިޣްފާރު ކުރުމާއެކު ދިރިއުޅުމަށް ހެެޔޮ ބަދަލެއް ގެނެވޭނީ ކިހިނެއް؟

ފާފަ ފުއްސެވުމަށް އެދި އިސްތިޣްފާރު ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އިންސާނާގެ އަމަލީ ދިރިއުޅުމަށް އެދެވޭ ބަދަލެއް ނައިސްދާނެ ސަބަބުތަކާ ބެހޭގޮތުން ދީނީ އިލްމުވެރިޔާ ހިޝާމް އަބޫ ޔޫސުފް މުހިންމު އިރުޝާދުތަކެއް ހިއްސާކުރައްވައިފިއެވެ.

މި މައުޟޫޢަށް ވާހަކަދައްކަވަމުން ޝައިޚް ވަނީ އިސްތިޣްފާރު ކުރުމުގެ ހަގީގީ މާނައާއި، އެކަމުން ދިރިއުޅުމަށް ކުރާ އަސަރުތައް ހާސިލުނުވާން ދިމާވާ ރޫހާނީ ހުރަސްތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.

އިސްތިޣްފާރު ކުރުމަކީ ހަމައެކަނި ދުލުން ކިޔާލާ ބަސްތަކެއް ނޫންކަން ފާހަގަކުރައްވަމުން ހިޝާމް އަބޫ ޔޫސުފް ވިދާޅުވީ، އޭގެ ހަގީގީ ފޮނިކަމާއި ބަދަލު ދިރިއުޅުމުން ފެންނާނީ ދުލުން ބުނާ ބަސްތަކާ ހިތުގެ އަޑީގެ އިޚްލާޞްތެރިކަން ސީދާ ގުޅިގެން ކަމަށެވެ. ގިނަ ފަހަރަށް މީހުންނަށް އިސްތިޣްފާރު ކުރެވެނީ ހިތުގެ ހާޒިރުކަމެއް ނެތި، ހަމައެކަނި އާދައެއްގެ ގޮތުން ކަމަށްވުމަކީ އޭގެ ރޫހާނީ އަސަރު ކެނޑިގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން ފާފަތަކުން ދުރުހެލިވުމަށް ހަގީގީ އަޒުމެއް ނެތި، ތަކުރާރުކޮށް އެއް ފާފަތަކެއް ކުރަމުން އިސްތިޣްފާރު ކުރުމަކީވެސް އޭގެ ސަބަބުން ދިރިއުޅުމަށް އަންނަންޖެހޭ ހެޔޮ ބަދަލުތައް ހުއްޓުވާ ކަމެއްކަން ވަނީ ބަޔާންކޮށްފައެވެ. ހަގީގީ ތައުބާއަކީ ކުރެވުނު ކުށަށް ހިތާމަކޮށް، އެ ކުށަށް ދެން އެނބުރި ނުދިއުމަށް އަޒުމް ކަނޑައަޅައި، ﷲ ތަޢާލާގެ ހަޟްރަތަށް މުޅިން އެނބުރި ރުޖޫޢަވުން ކަމަށްވެސް އިރުޝާދުތަކުގައި ފާހަގަކޮށްފައިވެއެވެ.

އިސްތިޣްފާރު ކުރުމުގެ ސަބަބުން ހިތުގެ ނުތަނަވަސްކަމާއި ހާސްކަން ފިލައި، ރިޒުގު ތަނަވަސްވެ، ދިރިއުޅުމުގެ ކަންކަން ފަސޭހަވެގެންދާނެ ކަމުގެ ވައުދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާން އެބައޮތް ކަމަށް ހިޝާމް އަބޫ ޔޫސުފް ވިދާޅުވިއެވެ.

އެހެންކަމުން އެ މަތިވެރި ނަތީޖާ ހާސިލުކުރުމަށްޓަކައި، ކޮންމެ މީހަކުވެސް ތައުބާވުމާއި އިސްތިޣްފާރު ކުރުމުގެ އަޅުކަން އިޚްލާޞްތެރިކަމާއެކު އަދާކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ