12 ފެބުރުވަރީ 2025

ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހަދަނީ

އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުމަށް، މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ޒަމާނީ ޢިލްމު ފުޅާކޮށް، ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ މަތީ ތަޢުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު