އިއްޔެ ކުރިއަށްދިޔަ ގައުމީ ޓައިމް ޓްރަޔަލްގައި ދުވެ، 13 އަހަރުވީ އަންހެން ކުޅުންތެރިޔާ ފަސޫހާ އަހުމަދު، ގައުމީ 800 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.
ޓައިމް ޓްރަޔަލްސްގައި ފަސޫހާ 800 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލީ 2 މިނިޓް 27.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، 2009 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އައިޝަތު ރީޝާ އަތުގައެވެ. ރީޝާ ރޭސް ނިންމާފައި ވަނީ 2 މިނިޓް 28.00 ސިކުންތުންނެވެ.
މިދިޔަ އަހަރު އޮތް އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ އެއްވަނަ ހޯދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޓީމުގައި ހިމެނުނު ފަސޫހާ ވަނީ އެ މުބާރާތުގައި، އެ އުމުރުފުރާގެ 800 މީޓަރު ދުވުމުން އެއްވަނަ ހޯދައިފައެވެ. އަދި 1500 މީޓަރާއި 5000 މީޓަރު ދުވުމުން ވެސް އެއްވަނަ ހޯދިއެވެ. އޭނާ 5000 މީޓަރު ދުވުމުން އެއްވަނަ ހޯދީ މީޓް ރެކޯޑަކާ ވެސް އެކުއެވެ.
ފަސޫހާގެ ކޯޗަކީ މިޑިލްޑިސްޓެންސް ނެޝަނަލް ހެޑްކޯޗު އަބްދުﷲ އިބްރާހިމެވެ. ފަސޫހާ ސްކޫލު ނިންމުމަށްފަހު މިހާރު ތަމްރީން ހޯދަމުންދަނީ ނޭޝަނަލް މިޑިލްސް ޑިސްޓެންޓް ޕޫލުގައެވެ. ފަސޫހާގެ ޓާގެޓަކީވެސް އަދި ކޯޗުގެ ޓާގެޓަކީވެސް އައިއޯއައިޖީގައި ރަނގަޅު ކާމިޔާބެއް ހޯދުމެވެ.


