ތުރުކީގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުންނާނެ ގޮތަކާމެދު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިމަހުގެ ކުރީކޮޅު ބޭއްވުނު ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައާއި އެއްވޯޓަށްވުރެ އިތުރަށް ވޯޓު ހޯއްދެވިފައި ނުވުމުން، އެގައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މާދަމާ ބޭއްވޭނެއެވެ.
ދެވަނަ ބުރުގައި ވާދަކުރާނީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުން ކަމަށްވާ މިހާރުގެވެސް ރައީސް ތައްޔިބު އެރެދޮގާންއާއި، އޭނާއާއި ވާދަކުރައްވާ، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫއެވެ.
މިއިންތިޚާބު ތުރުކީގައި ބޭއްވިގެން މިދަނީ ތުރުކީގެ ފަހުގެ ތާރީޚެއްގައި އެގައުމަށް އައި އެންމެ ވަރުގަދަ ބިންހެލުމުގައި، އެގައުމުގެ ދެކުނުގައި 50،000 މީހުން މަރުވެ، 5.9 މިލިއަން މީހުން ގެދޮރި ނެތިގެން ދިޔަތާ 4 މަސް ފަހުންނެވެ.
އަދި ހަމަ އެއާއެކު އެގައުމަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ. މިއިންތިޚާބު ވެފައިވަނީ 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވާ ތައްޔިބު އެރެދޮގާންއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ގޮންޖެހުން ބޮޑު އިންތިޚާބު ކަމުގައެވެ.
އެގައުމުގެ ސުޕްރީމް އިލެކްޝަން ކައުންސިލުން ބުނެފައިވާ ގޮތުގައި، މިމަހުގެ 14 ގައި ބޭއްވުނު، އިންތިޚާބުގެ ފުރަތަމަ ބުރުގައި %90 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވެއެވެ.
މިއިންތިޚާބުގައި ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ހޯއްދަވާފައިވަނީ މިހާރުގެވެސް އެގައުމުގެ ރައީސް އެރެދޮގާންއެވެ. އޭނާ އިންތިޚާބުގެ ފުރަތަމަ ބުރުން 49.52 އިންސައްތަ ވޯޓު ހޯއްދެވިއިރު، އެރެދޮގާންއާއި ވާދަކުރެއްވި، 6 ޕާޓީއެއްގެ މައްޗަށް އެކުލެވޭ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކިލިކްޑަރޮގްލު އަށް ކާމިޔާބު ކުރެއްވުނީ 44.88 އިންސައްތަ ވޯޓެވެ. ތިންވަނަ ހޯއްދެވި ސިނާން އޯގަންއަށް ކާމިޔާބު ކުރެއްވުނީ 5.17 އިންސައްތަ ވޯޓެވެ.
ތުރުކީގެ ރައީސް އެރެދޮގާން ބަލިކުރުމަށް 6 ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ކޯލިޝަންއިން ދެވަނަ ބުރާއި ކުރިމަތި ލާއިރު، ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި ސިނާން އޯގަން އެރެދޮގާންއަށް ތާއިދު ކުރާކަން ހާމަ ކުރުމާއި ގުޅިގެން، ދެވަނަ ބުރު ފަސޭހަމަކާއެކު އެރެދޮގާން ކާމިޔާބު ކުރާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި އޯގަން ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި އޭނާ އެރެދޮގާންއަށް ތާއީދުކުރަން ނިންމީ، މި އިންތިޚާބުގައި އެރެދޮގާންގެ ޕާޓީން ޕާލަމެންޓުގެ މެޖޯރިޓީ ހޯދާފައިވާތީއެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި ކެނޑިޑޭޓް އެރެދޮގާންއަށް ތާއީދު ކުރަން ނިންމުމުން، 2 ވަނަ ބުރުގައި އިދިކޮޅު އިއްތިހާދުގެ މައްޗަށް އެރެދޮގާން ފަސޭހަކަމާއެކު ކާމިޔާބު ހޯއްދަވާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ. މިހާރުގެ ރައީސް އެރެދޮގާން ތުރުކީގެ ވެރިކަމުގައި ހުންނަވާތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.