ވިލާގެ ވިޔަފާރި ފުޅާކޮށް އިތުރު ހަރުފަތަކަށް ދިޔުމަށް ކުރާ މަސައްކަތުގައި، ވިލާ ގްރޫޕުގެ ފުރަތަމަ ހާޑްވެއާ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި އެވެ. "ވިލާ ހާޑްވެއާ" ނަމުގައި ފިހާރައެއް ހުޅުވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ވިލާގެ ޕެޓްރޯލް ޝެޑުގަ އެވެ.
ހާޑްވެއާ ފިހާރައެއް އެ ގްރޫޕުން ހުޅުވީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށާއި، އެ ފިހާރައިގައި ޕްރިމިއަމް ބްރޭންޑްތަކުގެ ޓޫލްސް ރަނގަޅު އަގެއްގައި ލިބެން ހުންނާނެ ކަމަށް ވިލާ ގްރޫޕުގެ އޮފިޝަލަކު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ބޭރުގެ މަގުބޫލު ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާއި އެއްވަރަށް އެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން." ވިލާއިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވިއެވެ.
ވިލާޢިން މާކެޓަސް ނެރެފައިވާ ޓޫލްސްތަކުގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނެއެވެ. މި ޓޫލްތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް އެ ތަނުން ލިބޭނެކަމަށް ވިލާއިން ބުނެ އެވެ.
ވިލާ އިން ބުނި ގޮތުގައި އެ ހާޑްވެއާ ފިހާރައިން ލިބެން ހުރި ޕަވަޓޫލްސްއާ އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެއެވެ. އެކަމުގެ ސަބަބުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ފަރާތްތަކަށް ވެސް އަތުގައި މިހާރު ހުރި އެސަސަރީސް ބޭނުން ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ މާކެޓުގެ އިތުބާރު އޮންނަ މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް، "ވިލާ ހާޑްވެއާ"ގައި ލިބެން ހުންނާނެ އެވެ. ކޮންޑިއުޓް ހޮޅީގެ ވައްތަރުތަކާއި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅި އާއި ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް މަޑު ހޮޅި ވެސް އެ ތަނުން ލިބޭނެ އެވެ.

ލިޓަފްލެކްސް ފިޓިންސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިން، ކޮމްޕާޓްމަންޓް ޓްރަންކިން، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިން ފަދަ ޕްރޮޑަކްތައް އެ ތަނުން ލިބެން ހުރި އިތުރު ޕްރޮޑަކްޓުތަކުުގެ ތެރޭގައި ހިމެނެއެވެ. އެތަނުން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދެ އެވެ.