އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 4 ވަނަ ފަހަރަށް ޗެލްސީ ވިމެން ހޯދައިފިއެވެ. ރެޑިންގ ވިމެން އާއި ބައްދަލުކުރި މެޗް ރަށުން ބޭރުގައި ކުޅެ 3-0 ގެ ނަތީޖާއިން، މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދީ ރޭ ކުޅުނު ފަހު މެޗްގައެވެ.
މިއީ އެޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީެއް ކަމުގައި ފާހަގަކުރާއިރު، ޗެލްސީއަށް ލީގު ކާމިޔާބު ކުރެވިފައިވަނީ ކުޅުނު 22 މެޗުން ލިބުނު 58 ޕޮއިންޓާއެކުއެވެ. މި ލީގުގެ ދެވަނަ މަގާމް ލިބިގެންދިޔައީ މެންޗެސްޓަރ ޔުނައިޓެޑް ވިމެން އަށެވެ. އެޓީމް ލީގު ނިންމާލީ ލިވަޕޫލް ވިމެން އާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށް 56 ޕޮއިންޓާއެކުއެވެ. އަދި ތިންވަނަ ހޯދީ 47 ޕޮއިންޓާއެކު އާސެނަލް ވިމެންއެވެ. ތާވަލްގެ ހަތަރު ވަނައަށް ދިޔަ މެންޗެސްޓަރ ސިޓީ ވިމެންއަށްވެސް 47 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ އާސެނަލް އަށެވެ.
ރޭ ކުޅުނު މެޗްގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާދިނީ ސޭމް ކާރއެވެ. މެޗްގެ 42 ވަނަ މިނެޓްގައި ގޫރޯ ރެއިޓެން ޖަހާދިން ލަނޑާއެކު ޗެލްސީއިން އެޓީމްގެ ލީޑު ފުޅާކޮށްފައިވާއިރު، މިމެޗްގައި ޗެލްސީގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ކާރއެވެ.
ލީގުގެ ޗެމްޕިއަންކަން ޗެލްސީ ވިމެން އިން ކަށަވަރުކުރިއިރު 8 އަހަރަށްފަހު ރެޑިންގ ވިމެން މިވަނީ ވިމެންސް ސުޕަރ ލީގުން ރެލިގޭޓް ވެފައެވެ. ރެޑިންގއަށް މިސީޒަންގައި 22 މެޗުން ހޯދިފައި ވަނީ 11 ޕޮއިންޓެވެ.