މިނިވަންކަން" މިނަމުގައި ވަރަށް އިލްމީ ދަރުހެއް ޖަމިއްޔަތުއް ސަލަފުން ރޭ ބާއްވައިފިއެވެ.
ސަލަފުގެ އެ ދަރުސް ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަހްމަދު ސަމީރެވެ. އާޓިފިޝަލް ބީޗް ބޭއްވި ދަރުސްގައި ޝެއިހް ވަނީ ދިވެހީންގެ މިނިވަންކަން ގެއްލުނު އެކި ފަހަރުގެ ތާރީޚ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. މިހާތަނަށް ދިވެހީންގެ މިނިވަން ކަމަށް ގޮންޖެހުން ކުރިމަތިވި ގޮތްތަކާއި މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހީންގެ ތެރެއިން މަދު ބަޔަކު އެކަމުގައި ޝާމިލްވެ އަމަލު ކުރި ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވިއެވެ.
އެގޮތުން މިނިވަންކަން ގެއްލުމުގައި ދައުލަތް ހިންގަން ތިއްބެވި ވެރީން ބައިވެރިވި މިންވަރާއި އެ ވެރީންނަށް އާހިރުގައި ކުރިމަތިވި ކަންތައްތަކުގެ ވާހަކަތައްވެސް ޝައިހް ވިދާޅުވެ ދެއްވި އެވެ. ރާއްޖެ ހިފަން ދައުވަތުދީ ފޮނުވި ސިޓީތަކާއި އެ ސިޓީތަކުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކާއި މިނިވަންކަން ހޯދުމަށް ދިވެހީން ކުރި ޖިހާދުގެ ވާހަކަތައްވެސް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި އެވެ.
ޝެއިހްގެ ދަރުސްގައި ދިވެހީންގެ މިނިވަންކަން ނަގާލަން ބާރުގަދަ އެތައް ގައުމަކުން މަަސައްކަތް ކުރި ނަަމަވެސް އެކަންކަން ކާމިޔާބު ނުވެ ދިވެހީން މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާ ބޮޑެތި ބާރުތަކުން ތޮޅެމުންދިޔައިރު ވެސް މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތީ ކީއްވެހޭ! މިއީ ވިސްނާ ފިކުރު ކުރަން ޖެހޭ ކަންކަން. އަޅުގަނޑުމެން އަތުގައި އާރާއި ބާރާއި ނުފޫޒު އޮވެގެންހޭ. ބަޑި އާއި ކަޑިއާ ހަތިޔާރު ހުރެގެންހޭ. މިޒަމާނުގެ ބާރު ގަދަ އެތައް ގައުމެއްގެ ޗާޓްތަކަށް ބަދަލު އައިސް ބައެއް ގައުމުތަކުގެ ނަން ބަދަލު ކުރަން ޖެހުނުއިރުވެސް ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި، ދިވެހިރާއްޖެ އޮތްތަނުގައި މި ވަތަން އިސްލާމީ ވަތަނެއްގެ ގޮތުގައި ދެމި އޮތީ ކީއްވެހޭ. މިއީ އަޅުގަނޑުމެން މިއަދު ވިސްނާލަން ޖެހޭ ނުކުތާތައް،" ޝައިހް ވިދާޅުވި އެވެ.
މިދުރުސްގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.