16 އޮކްޓޫބަރު 2025

ފައިސަލްއަށް އަނިޔާވެ ޓީމާއި ދުރަށް ދާން ޖެހިއްޖެ

ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުޙައްމަދު ފައިސަލުގެ ކަކުލަށް އަނިޔާވެ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް 2023 ގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ފައިސަލުގެ ކަކުލަށް އަނިޔާވީ ޤައުމީ ޓީމާއެކު ޖަޕާނުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެއާއެކު ފައިސަލަށް ސާފް ޗެމްޕިއަންޝިޕުގައި ނުކުޅެވޭނެކަން ޔަގީންވީ ސްރީ ލަންކާއަށް ޤައުމީ ޓީމު ގޮސް ހެދި ޓެސްޓުތަކުންނެވެ.

ޤައުމީ ޓީމުގެ މެނޭޖަރު ޝިބާއު ބުނީ ފައިސަލަށް އަނިޔާވުމާ ގުޅިގެން އޭނާގެ ބަދަލުގައި ޤައުމީ ޓީމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކީޕަރު އަލީ ނާޖިހު ނަގާފައިވާ ކަމަށެވެ. ނާޖިހު ވަނީ 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ ގޯލު ބަލަހައްޓާފައެވެ. އެކަމަކު މިދިޔަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ނާޖިހު ކުޅުމާ ދުރުގައި ހުރިއިރު، އަނިޔާއިން ސަލާމަތްވެ މި ސީޒަނުގައި އޭނާ ވަނީ ޔޫވީގެ ގޯލުން ފެނިގެން ގޮސްފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ތަމްރީނު ހަދަމުން އައީ ޖަޕާނުގައެވެ. އަދި މިހާރު ޤައުމީ ޓީމު ލަންކާގައި ތިބިއިރު، މާދަމާގެ ވަގުތެއްގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އިންޑިއާއަށް ދާނެއެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު، ޓީމުގައި މުޅިން އަަލަށް ޒުވާން ކުޅުންތެރިންތަކެއްވެސް ވަނީ ހިމަނާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 21 އިން ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު