މިހާރުގެ ހޯދުންތަކުން ދައްކާގޮތުގައި، އެންމެ ފުރަތަމަ ދޮރުގެ ތަޅު އީޖާދުކޮށްފައިވަނީ މިޞްރު މީހުންނެވެ. ޔޫސުފްގެފާނުގެ ވާހަކަތައް ބަޔާންކުރެވިފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކުން މިކަން ވަރަށް ސާފުކޮށް އެނގެއެވެ.
މިކަމަށް ސުވާލު އުފައްދާ މީހުން ބުނާ ގޮތުގައި ފުރަތަމަ ފަހަރަށް ތަޅު އީޖާދުކޮށްފައިވަނީ ކްރީކާއި ރޯމަން މީހުންނެވެ. އެހެންނަމަވެސް، މިހާރުގެ ހޯދުންތަކުން އެނގެން އޮތީ، އެންމެ ފުރަތަމަ ތަޅު އީޖާދުކޮށްފައިވަނީ، ކްރީކާއި ރޯމަނުން ޤާއިމުވުމުގެ 3000 އަހަރު ކުރިންނެވެ.

ތަޅު އިޖާދުކުރި ގޮތާމެދު ތާރީޚަށް ނަޒަރު ހިންގާލާއިރު، ތަޅު އީޖާދުކޮށްފައިވަނީ މީގެ ހަހާސް އަހަރު ކުރިން، ޤަދީމީ މިޞްރުގައެވެ. ތަޅުގެ ހުރިހާ ބައެއްވެސް ހަދާފައި ހުންނަނީ ލަކުޑިންނެވެ. އަދި އޭގެ ތަޅުދަނޑި ހަދާފައިވަނީވެސް ލަކުޑިންނެވެ. ފުރަތަމަ މިލިނިއަމް ބީސީގައި، ތަޅުގެ އަސްލަށް ބަލައިގެން، އެހެން ގޮތްގޮތަށް ތަޅުފަރުމާކޮށް، ތަރައްޤީކުރަން ފަށާފައިވަނީ، ގްރީކުންނާއި ރޯމަނުންކަން އެނގެން އޮވެއެވެ.

ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ތަޅު އީޖާދުކޮށްފައިވަނީ، މީގެ ހަހާސް އަހަރު ކުރިން ޤަދީމީ މިޞްރު މީހުންކަން އެނގެން އޮވެއެވެ. މިކަމަށް މިހާރުގެ ހޯދުންތަކުން ވެސް ހެކިދޭން ފަށައިފިއެވެ. ނަމަވެސް، ތަޅު އުފެއްދީ މިޞްރު މީހުންކަން، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުން އޮތީ ސާބިތުކޮށްދީފައެވެ. ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުގެ މާނާއިގައި ވެއެވެ:
"އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. "معاذ ﷲ" އެވެ. (އެބަހީ: ﷲގެ ރައްކާތެރިކަމަށް އެދެމެވެ. ޚިޔާނަތްތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ."
