ފޮރިން މިނިސްޓަރ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން، ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ޝާހިދު ވަނީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ތަފާތު މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފް ކުރައްވާފައެވެ. ރާއްޖެއާއި އދ.އާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށާއި، ރާއްޖެއިން އަބަދުވެސް އދ.ގެ ޗާޓަރަށާއި މަލްޓިލެޓަރަލިޒަމްއަށް އިސްކަން ދޭނެކަމުގެ ޔަޤީންކަން އެރުވިކަމަށް އެމަނިކުފާނު ވަނީ ވިދާޅުފައެވެ.
"އާލީ ވޯނިންސް ފޯ އޯލް" އިނީޝިއޭޓިވްގެ 30 ޕައިލެޓް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމުން، މިނިސްޓަރު ޝާހިދު ވަނީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ. އދ.ގެ 78 ވަނަ އާންމު މަޖިލީހުގެ ހައިލެވެލް ވީކްގައި "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފް ކުރެއްވިއެވެ. އަދި ކޮޕް28 ގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީއަށް ކުރަން ޖެހޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރުން އދ އާއި އެ ޖަމިއްޔާގެ ޗާޓަރަށް ވައުދުވެ، މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޚިމާޔަތްކުރުމާއި، މިންތީގެ ހަމަހަމަކަމާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ކަންކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާތަކުގެގޮތުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ފޮރިން މިނިސްޓަރ ވަނީ އދ.ގައި މިހާރު ހިނގަމުންދާ ކަންބޮޑުވާ ކަންކަމާ ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލްއާ ޙިއްސާކުރައްވާފައެވެ. އަދި ސެކްރެޓަރީ ޖެނެރަލާއި އެމަނިކުފާނުގެ ޓީމަށް ރާއްޖޭގެ ވަފުދުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.