އަފްޣާނިސްތާނުގައި އަންހެނުންނާ މެދު ހިންގަނީ އިންސާނިއްޔަތާ ދެކޮޅު އަމަލެއް: އދ

ޠާލިބާނުންގެ އަފްޣާނިސްތާނުގައި އަންހެނުންނާ މެދު ހިންގަނީ އިންސާނިއްޔަތާ ދެކޮޅު އަމަލެއް ކަމަށާއި، ސަރުކާރުން އެ ޤައުމުގެ އަންހެނުންނަށް ޖައްސަމުންދާ ނިކަމެތި ހާލާއި، ކުރަމުންދާ ފުރައްސާރައަކީ ބައިނަލްއަޤުވާމީ ފެންވަރުގެ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުގެ އިންސާނީ ހައްޤުތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށް އ.ދއިން ކަނޑައަޅާފައި ހުންނަވާ އިސް އޮފިޝަލް ރިޗަރޑް ބެނެޓް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބީ ސަރުކާރު ވައްޓައިލާ ޠާލިބާނުން އެ ޤައުމުގެ ވެރިކަމާ ޙަވާލުވި ފަހުން އެ ޤައުމުގެ އަންހެނުންގެ ހައްޤުތައް ހަނިކޮށް ޠާލިބާނުން ވަނީ އެ މީހުންނަށް ކުރިން ލިބެމުން ދިޔަ ގިނަ ފުރުޞަތުތަކެއް  ދަނީ ނަގާލަމުންނެވެ. ސްކޫލްތަކާއި ޔުނިވަސިޓީ އަދި ކޮލެޖުތަކުގައި ކިޔެވުމުގެ ހައްޤުން އެ މީހުން މަހުރޫމް ކުރުވުމުގ އިތުރުން، ވަޒީފާ އަދާކުރުމާއި މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރުމުގެ ހައްޤު ވެސް ނަގާލަމުންދާ ކަމަށް ޚަބަރުތައް ބުނެވެ.

މިފަދަ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު ކުށްތަކެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބެނެޓް ވިދާޅުވީ މި ކުށްތަކަށް ޠާލިބާނުން ޖަވާބުދާރީ ކުރުވައި، އެ ޤައުމުގެ އަންހެނުން ދިރިއުޅެމުންދާ ހާލު ނުފެންނަ ކަމަށް ހަދައިގެން ތިބެވެން ނެތް ކަމަށާއި، މިއީ ވަކި ޖިންސަކާ ދެކޮޅަށް ޠާލިބާނުން ހިންގަމުންދާ ނަލީ އިމްތިޔާޒުތަކެއް ކަމުގައި އޭނާ ބަޔަންކުރިއެވެ.

އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ޠާލިބާނުން ހިންގަމުންދާ ޖަރީމާތަކަކީ ނަސްލީ އިމްތިޔާޒުތަކެއްގެ ގޮތުގައި އ.ދއިން ކަނޑައަޅާފައިވީނަމަވެސް، ޠާލިބާނުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ކުށެއް ކަމުގައި ކަނޑައަޅާފައެއް ނެތެވެ. ޠާލިބާނުންގެ މި އަމަލުތަކަކީ ބައިނަލްއަޤުވާމީ ކުށްތަކެއްގެ ގޮތުގައި ހުރިހާ ޤައުމަކުން ވެސް ބަލައިގަންނަން ޖެހޭ ކަމުގައި ބެނެޓް ވަނީ ގޮވާލައްވާފައެވެ.

އަކްބަރު ވެސް ވަނީ ބެނެޓްގެ ގޮވައިލެއްވުން ތަކުރާރު ކުރައްވައި، ޠާލިބާނުންގެ އަމަލުތަކަކީ ކޮންވެންޝަން އޮން ކްރައިމްސް އަގެއިންސްޓް ހިޔުމެނިޓީ ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތަކާ ބެހޭ މުއާހަދާގެ ދެލިކޮޕީގައި ހިމެނުމަށް ގޮވައިލައްވާފައެވެ. ބައެއް ޤައުމުތަކުން މި ގޮވައިލުމަށް ތާޢީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ. ދެކުނު އެފްރިކާއަކީ ވެސް ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޤައުމެއް ކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު