ޑެކްލަން ރައިސްއަށް އިނގިރޭސި ބޮޑެތި ކްލަބްތަކުގެ ރުހުން

އިނގިރޭސި ހުނަރު، ޑެކްލަން ރައިސްއަށް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ޝަޢުޤުވެރިކަން ފާޅުކުރަމުން ދާތާ ދެތިން ސީޒަނެއް ވެއްޖެއެވެ. މިކަމަށް ރައިސް އޭރު ރައްދު ދެމުން އައީ، ވެސްޓްހަމްގައި އޭނާ ހުރި ހިތްހަމަޖެހިގެން ކަމަށާއި، އެ ކްލަބް ދޫކޮށް އޭނާ ނުދާނެކަމަށް ބުނުމުންނެވެ. ފާއިތުވެ ދިޔަ ސީޒަނަށް ފަހު، ޓްރާންސްފަރ ވިންޑޯވ ފެށުމާއެކު ފެތުރުނީ ޑެކްލަން ރައިސް، އޭނާގެ އަދުގެ ކްލަބް ވެސްޓްހަމް ދޫކޮށް، އައު ތަޖުރިބާއެއް ކުރުމުގެ ޝަޢުޤުވެރިކަން ފާޅުކުރި ކުރި ހޫނު ޙަބަރެެވެ.

މި ޙަބަރު ފެތުރުމާއެކު ދެން އިވެން ފެށީ ޔޫރަޕުގެ މާ ކްލަބްތަކުން އޭނާ ގަތުމަށް ބޭނުންވާ ކަމުގެ ވާހަކައެވެ. އެގޮތުން ވެސްޓްހަމްގެ ޒުވާން ތަރި ގަތުމަށް އެންމެ ބޮޑު ޝަޢުގެވެރިކަމެއް ފާޅުކޮށްފައިވަނީ، ނިމިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގެ ދެވަނައަށް ދިޔަ އަރސެނަލުންނެވެ. އަރސެނަލްގެ ކޯޗު، މިކެލް އަރޓެޓާ ވަނީ ޑެކްލަން ރައިސްއަށް ކްލަބުގެ ކެޕްޓަން ކަމުގެ މަޤާމު ދޭނެ ކަމުގެ އިޝާރާތެއްް ވެސް ކޮށްފައެވެ. މިހެންވެ އަރސެނަލުން ވަނީ ޑެކްލަން ގަތުމަށް ޓަކައި ވެސްޓްހަމަށް ދެ ބިޑެއް ކޮށްފައެވެ. އެންމެ ފަހުން ކުރި ބިޑްގައި 75 މިލިއަން ޕައުންޑް އަދި އިތުރު 20 މިލިއަން ޕައުންޑު ބޯނަސްތަކުގެ ގޮތުގައި ހިމެނޭކަމަށް ރިޕޯޓުތައް ހާމަކުރެއެވެ. އެހެންނަމަވެސް، ވެސްޓްހަމުން ވަނީ މި ބިޑް ވެސް ބަލައި ނުގަނެފައެވެ. އެގޮތުން އެ ކްލަބުން ރައިސްއަށް މަދުވެގެން 100 މިލިއަން ޕައުންޑުގެ ބިޑެއް ބޭނުންވާކަމަށްވެސް ކްލަބާ ގާތް ފަރާތްތަކާ ހަވާލާދީ އެނގިފައިވެއެވެ.

އުންމީދީ ތަރި، ޑެކްލަން ރައިސްގެ ޓްރާންސްފަރ ޙަބަރުތައް އިތުރަށް ހޫނުވެގެން ދިޔައީ، ޔޫރަޕުގެ ޗެމްޕިއަނުން ކަމުގައިވާ، މެންޗެސްޓަރ ސިޓީއިން ރައިސް އަށް ބިޑުކުރުމަށް ނިންމި ޙަބަރު، މަޝްހޫރު ރިޕޯޓަރ، ފަބްރިޒިއޯ ރޮމާނޯ ރިޕޯޓުކުރުމައިގެންނެވެ. އޭނާ ޙަބަރުދޭ ގޮތުގައި، ސިޓީން ވަނީ އެ ކްލަބްގެ މިދިޔަ ސީޒަންގެ ކެޕްޓަން، ގުންޑޮގަން ހިލޭ ޓްރާންފަރ އެއްގައި ބަރސެލޯނާ އަށް ދިޔުމާއެކު، ޑެކްލަން ރައިސްއަށް ބިޑް ކުރުމަށް ނިންމާފައެވެ.

މި އިނގިރޭސި ހުނަރުވެރި މިޑްފީލްޑަރަށް ބޮޑެތި އެތައް ކްލަބަކުން ޝަޢުޤުވެރިކަން ފާޅުކުރަމުން އައިސް، އޭނާގެ ޓްރާންސްފަރގެ ޙަބަރުތައް އަދު މިވަނީ ވަރަށް ހޫނުވެފައެވެ. އެހެންކަމުން، އަންނަ ސީޒަން ފެށުމުގެ ކުރިން އެއްވެސް ކްލަބަކަށް ވެސްޓްހަމް ހިތްހަމަ ޖެހޭ ފަދަ ބިޑެއް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެއެވެ. ހަމަ މިބީދައިން، ޑެކްލަން އެ ކްލަބަކަށް ދިޔުމަށް އެއްބަސް ވާނެކަމާމެދު ވެސް ވިސްނާލުން މުހިންމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު