ޕްރެޝަރު ބޮޑުވުމުން ބައްސާމް ނޫސްވެރިންގެ ބައްދަލުވުމަކަށް
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓިމު ބަންގްލަދޭށް އަތުން ބަލިވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އެފްއޭއެމްގެ ޜައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފި އެވެ.
އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި ނޫސްވެރިން ޝުއޫރުފާޅު ކުރުމުންދަނިކޮށް، ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޓީމުގެ ޕާފޯމަންސާ ގުޅިގެން ނުތަނަވަސްކަން ހުންނާނެކަން އެނގިލައްވާ ކަމަށާއި، ނަމަވެސް މިވަގުތު ޓީމު ކުރިއަށް ދާން ފުރުސަތުދީ، ޓީމަށް ހެޔޮ ދުއާ ކޮށްދޭން އޭނާ އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން، އަންނަ މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ބައްސާމްގެ މެސެޖުގައިވެއެވެ.
"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ޖުލައި 15 ވަނަ ދުވަހު ޕްރެސް ކޮންފަރެންސެއްގައި ބައްދަލުކޮށް، ހުރިހާ ސުވާލުތަކަކަށް ޖަވާބު އަރުވާނަން، އިންޝާ ﷲ، ޓީމު ކުރިއަށް ދާން ހިތްވަރުދެއްވާ، އަޅުގަނޑު އެދެނީ ޓީމަށްޓަކާ ތިޔަ އެންމެންގެ ހެޔޮ ދުއާ." ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ނޫސްވެރިންގެ ބަައްދަލުވުމެއް ބާއްވަން ނިންމަވާފައިވާއިރު، ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯއަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭންޖެހޭ މުސާރަ ނުދޭ ކަން ހާމަވެއްޖެއެވެ.
މިއަޑު މިހާ ގަދަވެފައިވަނީ، އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކުއެކު އުފެދުނު ނުތަނަވަސްކަމާ ހެދިއެވެ.
ޤައުމީ ކޯޗު މޮރިއޭރޯއަށް މުސާރަ ލިބެމުން ނުދާކަން ހާމަވެއްޖެ