ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭގައި ސްރީލަންކާ އިގުތިސޯދީ ކޮޅަށްޖަހައި، ބަނގުރޫޓް ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވާނެ ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ އިންސްޓިއުޓް އޮފް ޑިރެކްޓާސްގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ ސްރީލަންކާގެ ދަރަނިތައް ދެއްކުމުގެ ކަންކަން އަލުން މުރާޖާ ކުރެވި، ދަރަނި ދޫކޮށްފައިވާ ގައުމުތަކާއިއެކު އެއްބަސްވުންތަކަށް އާދެވި އިޤްތިޞާދު ހަމައަކަށް އެޅޭނެ ކަމަށެވެ.
"މިހާރު ކަންކަން ކުރިއަށްދާ ގޮތައް ބަލާއިރު ދާދިއަވަހަށް ކަންކަން ހަމައަކަށް އެޅި ތަރައްގީގެ މަޝްރޫއުތައް ވެސް ފެށިގެން ދާނެ. އެއާއިއެކު ކޮންސްޓްރަކްޝަން ދާއިރާއަށް ދިރުން ލިބިގެން ދާނެ." ރަނިލް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެންނާއި ގޮތަބަޔާ ރާޖަޕަކްސަގެ ސިޔާސަތުތަކުގެ ސަބަބުން ސްރީލަންކާ ބަނގުރޫޓްވެ، ބައެއް އަސާސީ ހިދުމަތްތައް ލިބުން ވެސް 2022 ވަނަ އަހަރުގެ ކުރީކޮޅު ހުއްޓުމަކަށް އައެވެ. ނަމަވެސް 2022 ޖުލައި މަހު ރަނިލް ރައީސް ކަމާއި ހަވާލުވެ ސްރީލަންކާގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް އަންނަނީ މުހިއްމު ފިޔަވަޅުތައް އަޅަމުންނެވެ. އެފިޔަވަޅުތަކުގެ ސަބަބުން މިހާރު ވެސް މިދިޔަ އަހަރުގެ ކުރީކޮޅާއި އަޅައި ބަލާއިރު ސްރީލަންކާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ.
ސްރީލަންކާ ސަރުކާރުން މިހާރު ވަނީ އައިއެމްއެފް އާއި ވޯލްޑްބޭންކާއި އެކު ވެސް އެއްބަސްވުންތަކަށް އައިސް ހަރަދުތައް ކުޑަކޮށް ދަރަނިތައް ދައްކަން ޕްލޭންތައް ހަދައި، ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް އަންނަނީ މިހާރު ސްރީލަންކާއަށް ފައިސާގެ އެހީތައް ވަމުންނެވެ. އެއެހީތަކުގެ ސަބަބުން މިހާރު ސްރީލަންކާއަށް ބޭރު ފައިސާގެ މައްސަލަ ވެސް އަންނަނީ ހައްލު ވަމުންނެވެ. އަދި ފަތުރުވެރިކަން ވެސް މިހާރު ރަނގަޅުވަމުން އަންނާތީ، އެކަމުގެ ހެޔޮ ބަދަލު ވެސް އަންނަނީ ފެންނަމުންނެވެ.


