ފަލަސްޠީނުގެ ރަށްތަކާއި މުސްލިމުންގެ ގެދޮރަށް ބޮން އަޅަން ބޭނުންކުރާނެ އިތުރު އަސްކަރީ މަތިންދާބޯޓުތަކެއް ގަންނަން ޔަހޫދީ އިސްރާޢީލުން ނިންމައިފިއެވެ. އިސްރާޢީލުން ގަތުމަށް ނިންމާފައި ވަނީ އެމެރިކާގެ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ "އެފް-35″ މަރުކާގެ 25 އަސްކަރީ މަތިންދާބޯޓެވެ. އެ އުޅަނދުތަކުގެ އަގު 3 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
ބޮން އަޅާ އެފް-35 މަރުކާގެ 25 މަތިންދާބޯޓު ގަތުމާ އެކު އިސްރާޢީލުގެ އަސްކަރިއްޔާގައި ހުރި އެ މަރުކާގެ އަސްކަރީ މަތިންދާބޯޓުގެ ޢަދަދު 75 އަރާނެއެވެ. އިސްރާޢީލުން އެ އުޅަނދުތައް ގަންނަނީ އެމެރިކާގެ މާލީ އެހީތެރިކަމާ އެކުގައި ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
އެމެރިކާގެ އިތުރުން އެ ޤައުމުގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު އެންމެ ފުރަތަމަ ގަނެފައި ވަނީ އިސްރާޢީލުން ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، ހަނގުރާމައިގެ މައިދާނުގައި އެ މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް އެންމެ ފުރަތަމަ ބޭނުންކޮށްފައިވާ ޤައުމަކީ ވެސް އިސްރާޢީލެވެ.
2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި 1,400 އަށްވުރެ ގިނަ ފަހަރު އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވާ ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 2,500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެެއެވެ.
ހުސްވި މޭ އަދި ޖޫންގެ އިތުރުން މި މަހުގެ ތެރޭގައި ވެސް ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ހަމަލަދޭން އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައެވެ. 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވެސް ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް 1,500 ފަހަރު ބޮން އަޅާފައެވެ. އެ ހަމަލަތަކުގައި ފަލަސްޠީނުގެ 250 އެއްހާ މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ކުށެއް ނެތް 60 ކުޑަކުދިން ވެސް ހިމެނެއެވެ.