"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023″ ފެށުމުގެ ރަސްމިއްޔާތުގައި ސަޤާފީ ފުރިހަމަ ހަރަކާތްތަކެއް ދައްކާލައިފިއެވެ.
މާލެ އަތޮޅު ތުލުސްދޫގައި މިއަދު ފެށި ރާޅާއެޅުމުގެ މުބާރާތުގެ ތެރެއިން ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އައިސްފައިވާ ރާޅާއެރުންތެރިންނަށް ތަޖުރިބާކޮށްލެވޭނެކަމަށް، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. ރައީސް އެގޮތަށް ވިދާޅުވެފައިވާއިރު، މި ރަސްމިއްޔާތުން ފެނިގެން ގޮސްފައިވަނީ މެހްމާންދާރީއާއި ދިވެހިވަންތަ ފުރިހަމަ ސަޤާފީ ހުށަހެޅުންތަކެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ، މެހްމާންދާރީ އަދާކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. މިފަދަ ހަރަކާތެއްގެ ތެރެއިން މި މުބާރާތުގައި ބައިވެރިވާ ބޭރުގެ ކުޅުންތެރިންނަށް މިއަދު އެދިން މެސެޖުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
ބޮޑުުބެރުޖެހުމާއި ސަންގު ފުމުމާއި، ދަނޑިޖެހުމާއި، ލަނގިރިޖެހުމާއި، ބިލެއްދަފި ނެގުމާއި، ދިވެހިވަންތަ އެކި އާލަތްތައް ދައްކާލުމާއި، އިހުޒަމާނުގެ ދިވެހީންގެ ދިރިއުޅުން ދައްކާލުންފަދަ ހަރާކާތްތައް ފެނިގެން ދިޔަ މި ރަސްމިއްޔާތަކީ ސާރފިންގ އެސޯސިއޭޝަނުގެ އިސްނެގުމުގެ މަތީން އިންތިޒާމުކުރެވުނު މުހިއްމު ރަސްމިއްޔާތެކެވެ. ތާރީޚަށްޓަކައި ރައްކާކުރެވޭނެ މުހިއްމު ހަރަކާތްތަކެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން އައި ކުޅުންތެރިންނާއި އޮފިޝަލުންގެ މޫނު މަތިން ފެނިގެން ގޮސްފައިވަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ދިވެހީންގެ ރީތި އާދަކާދައާއި ސަޤާފަތުގެ ތެރެއިން، މެހްމާންދާރީގެ ފުރިހަމަ ނަމޫނާ ދައްކަމުން ތުލުސްދޫގެ ލޮބުވެތި ރައްޔިތުން މިކަމަށް ކުރެއްވި މަަސައްކަތަކާއި ދެއްވާފައިވާ ޝައުޤުވެރިކަން ވަރަށް ބޮޑަށް ފާހަގަވެެގެން ދެއެވެ.
ތުލުސްދޫގެ ރާޅުގަނޑުގެ ހިތްހަމަޖެހުމުގެ އިތުރަށް، ރަށަށް ދިޔަ މެހްމާނުންގެ ޝަރަފްގައި، ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ ފުރިހަމަ ހަރަކާތްތަކުގައި ރަށުގެ ކުޑަބޮޑު އެންމެ ޝާމިލުވެެގެން ކުރިއަށް ދިއުމަކީ އުފާކުރުން ޙައްޤު ކަމެކެވެ.
އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ބާއްވާ މިމުބާރާތް ކުރިޔަށްދާނީ، ޖުލައި 8 އިން 17 އަށެވެ. މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، މާލެއަތޮޅު ތުލުސްދޫގައި ވަނީ ބާއްވާފައެވެ.
މިމުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ، އޭޝިއާ ސާރފިންގ ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ޤައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.
މުބާރާތް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު ވިދާޅުވީ، މިމުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގެންނެވިއެވެ. އަދި މުބާރާތުގައި ބައިވެރިވެގެން ލިބޭ ތަޖުރިބާއާއެކު، މުބާރާތްކުރިއަށްދާ ތުލުސްދޫގެ ހިތްގާއިމުކަމާއި އެ ރަށުގެ މެހެމާންދާރީވެސް ބޭރުން އައި ރާޅާއެޅުންތެރިން ތަޖުރިބާކުރާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ދެއްވާފައެވެ.
މިރަސްމިއްޔާތުގައި، "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަން ކަމުގައި ސާފިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.
"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023″ ހުޅުވުމުގެ ރައްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މުބާރާތަށް ތައްޔާރުކުރެވިފައިވާ ތަންތަން ބައްލަވާލައްވަައި، މުބާރާތުގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްއަކީ، 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތް ކަން ފާހަގަކުރެވެއެވެ. މިއަހަރު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި، ދުނިޔޭގެ 18 ޤައުމަކުން ބައިވެރިވެފައިކަން ސާފިންގ އެސޯސިއޭޝަނުން މައުލޫމާތު ދެއްވައެވެ.