ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ ސިފައިން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖިނީންގައި އޮންނަ ޖިނީން ރެފިއުޖީ ކޭމްޕު އަލުން އާރާސްތު ކުރާނެކަމަށފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ޔަހޫދީ ސިފައިން އަރައި ސުންނާފަތިކޮށްލާފައިވާ ޖިނީން ރެފިއުޖީ ކޭމްޕަށް ކުރެއްވި ޒިޔާރަތަކަށްފަހު ވާހަކަ ދެއްކެވި ވާހަކަފުޅުގައެވެ.
މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އައްބާސް ޖިނީން ރެފިއުޖީ ކޭމްޕަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަސްކަރީ ޑްރޯނާއި ހެލިކޮޕްޓަރުތަކާއި، ބުލްޑޯޒަރުތައް ބޭނުންކޮށްގެން ޖިނީނަށް އަރައި ޔަހޫދީ އަސްކަރިއްޔާގެ ޖައްބާރު ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ކުޑަކުދިން ހިމެނޭ ގޮތުން، ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ.
އައްބާސް ވިދާޅުވީ އެ ރެފިއުޖީ ކޭމްޕަކީ ފަލަސްޠީނުގެ މިނިވަންކަމަށް އެ ޤައުމުގެ މުޖާހިދުން ކުރަމުންދާ މަތިވެރި ޖިހާދުގެ މުހިންމު ރަމްޒެއް ކަމަށެވެ.
ޖިނީން ރެފިއުޖީ ކޭމްޕުގައި ފަލަސްޠީނުގެ މުޖާހިދުންގެ ގިނަ ޖަމާޢަތްތަކުން ހަރަކާތްތެރިވަމުންދެއެވެ.
ހުޅަނގު އައްސޭރީގެ ސުލަޙަވެރިކަން ކަން ދެމެހެއްޓުމުގެ ޒިންމާ އަދާކުރަނީ އައްބާސްގެ ފަތަޙަ ޕާޓީގެ ސަރުކާރުންނެވެ.
"މިއީ އެއް ދަޢުލަތެއް. އަޅުގަނޑުމެން މިއައީ އެ ކަން ސާފުކޮށްދޭން. އަޅުގަނޑުމެން ޖިނީން އަލުން ބިނާކޮށް އާރާސްތުކޮށްދޭނަން. މި ތަން އިހުނަށްވުރެ ފުރިހަމަކޮށްދޭނަން." ޖިނީން ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވިއެވެ.
ޖިނީނަށް ކުރެއްވި ދަތުރުފުޅުގައި 87 އަހަރުގެ އައްބާސް ވަނީ ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގި ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުން ވަޅުލާފައިވާ ގަބުރުސްތާނަށް ޒިޔާރަތްކުރައްވާފައެވެ. އޭނާގެ ދަތުރުފުޅާ ގުޅިގެން ޖިނީންގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. އޭނާ ޖިނީނަށް ވަޑައިގަންނަވާފައި މި ވަނީ، އެ ރަށް އަލުން އާރާސްތުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބައެއް ޢަރަބި ޤައުމުތަކުން ގޮވައިލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.