ނަވާރަ ސަތޭކައިގެ އަހަރުތަކަކީ ފިލްމީ ދާއިރާއަށް ބޮޑެތި އިންގިލާބުތަކެއް ގެނުވި ދުވަސްވަރެކެވެ. ތަފާތު އެކި ޖަޒުބާތުތަކުގެ ފިލްމަތަކުން ފެށިގެން ގޮސް އޭރުގެ ލަވަ ތަކަކީ, މިއަދުގެ ލަވަކިޔުންތެރިން ވެސް 'ރިމިކްސް' ހަދާ އެއްޗަކަށް ވަނީ ވެފައެވެ. އޭރު އަޅުގަނޑުމެންނަށް ފެނުނު ގިނަ ތަރިންގެ ތެރެއިން މަދު ތަރިންތަކެއް މިއަދުވެސް ފެންނަމުންދާއިރު, އޭގެތެރެއިން ގިނަ މޫނުތައް މިހާރުވަނީ ފިލްމީ ދާއިރާއާ ދުރަށްގޮހެވެ. މިއަދުވެސް ނަވާރަ ސަތޭކައިގެ ފިލްމުތަކަކީ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ފިލްމުތަކެކެވެ. އަދުގެ ފިލްމުތަކަށް ލޯބި ނުކުރާ ފަރާތްތަކަށް ވެސް އޭރުގެ ފިލްމުތައް ކަމުދެއެވެ. އެގޮތުން މިހާރު ވެސް, އޭރުގެ ފިލްމުތަކުގެ މަންޒަރުތައް ނަގައިގެން ސްޓޭޖު ތަމްސީލު ކުރުމާއި, މިއަދުގެ ބައެއް ފިލްމުތަކުގައި ވެސް އެޒަމާނުގެ ފިލްމުތަކުގެ ޑައިލޮގް ބޭނުންކުރުން ހިމެނެއެވެ.
ނަވާރަ ސަތޭކައިގެ ތަރިންގެ ތެރެއިން އެންމެ ވިދުން ގަދަ އެއް ތަރިއަކަށް ވާނީ މަރިޔަމް ނިޝާ އެވެ. ނިޝާގެ ފިލްމުތަކުގައި އޭނާ ދައްކާފައިވާ އެކްޓިންގެ އަވާގައި ނުޖެހޭ މީހަކު އޭރު ވެސް މިހާރު ވެސް މަދުވާނެއެވެ. ނިޝާ ފިލްމަކުން އެންމެ ފުރަތަމަ އާންމުންނަށް ފެނިގެން ގޮސްފައިވާނީ 1995 ވަނަ އަހަރު ނެރުނު 'ދެހިތެއްގެ ލޯބި' މި ފިލްމުންނެވެ. އެއަށްފަހު އޭނާ އައީ 2011 ވަނަ އަހަރާ ޖެހެންދެން ފިލްމުތައް އަދި ލަވަތައް ކުޅެމުންނެވެ.
ނަވާރަ ސަތޭކައިގެ ފިލްމީ ރާނީ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ޝިރާނީ އަކީ ވެސް ކުޅަދާނަ އަދި އާންމުންގެ ލޯބި ހޯދާފައިވާ ބަތަލާއެކެވެ. ދިވެހި ފިލްމު ހީލަތް, ކަލާޔާނުލާ އަދި އޭރުގެ އެކިއެކި ލަވައިން ފެނިގެން ގޮސްފައިވާ ޝިރާނީ އަކީ ޔަޤީނުން ވެސް ދިވެހި ފިލްމީ ދާއިރާގެ ރާނީއެކެވެ.
ޖަމްޝީދާއޭ ބުނެފިނަމަ އެންމެންގެ ބޮލަށް ވެސް އަންނާނީ އޭނާގެ ދިގު އިސްތަށިގަނޑެވެ. ނަމަވެސް ޖަމްޝީދާ މަޝްހޫރުވީ ހަމަ އެކަނި އޭނާގެ ރީތި އިސްތަށިގަނޑުގެ ސަބަބުންނެއް ނޫނެވެ. ފިލްމެއްގެ 'ވިލެން' ބައިން ފެށިގެން ގޮސް 'އިމޯޝަނަލް' ރޯލުތައް ވެސް އޭނާ ވާނީ އާންމުންނާ ހަމައަށް ވަރަށް ފުރިހަމަ އަށް ގެނެސްދީފައެވެ.
ނަވާރަ ސަތޭކައިގެ ލަވަތައް ބަލާނަމަ, ޤިޔާސް އޭ ބުނުމުން ނޭންގޭނެ މީހަކު މަދު ވާނެއެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވާނީ ފިލްމުތަކަށް ވުރެ ބޮޑަށް ލަވަ ތަކުންނެވެ. ވާނީ ވެސް އަހެންތާއެވެ. ޤިޔާސް ގެ ކޮންމެ ލަވައެއްގައި އޭނާ ބޭނުން ކޮށްފައިވާނީ އެލަވަ އަކާ އެންމެ ގުޅޭ 'ކޮރިއޯގްރަފީ' އެކެވެ.
އޭރުގެ ތަރިންގެ ތެރެއިން އެ މީހެއްގެ ސޫރަ ދެކިލުމަށް އިސްމާޢީލް ވަޖީހުގެ ފިލްމެއް ނުބަލާ މީހަކު ނުހުންނާނެއެވެ. ލަވަތަކުގައި އޭނާ ގެންގުޅިލާ ފަރި ހަރަކާތް ތަކުން ފެށިގެން ގޮސް އޭނާގެ ހަށިގަނޑަކީ ވެސް މީހުންނަށް ކަމުދާ އެއްޗަކަށް ވަނީ ވެފައެވެ. ވަޖީހް ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމަކީ ދިވެހި ފިލްމު މާޒީއެވެ.
މި ތަރިންގެ އިތުރުން ވެސް އޭރުގެ ކިތަންމެ ތަރިންނެއް ވަނީ އަޅުގަނޑުމެންގެ ލޯމައްޗަށް ގެއްލިފައެވެ. އެހެންނަމަވެސް އޭރުގެ ފިލްމު ތަކަކީ މިއަދުވެސް އަޅުގަނޑުމެންގެ 'މޫވީ ނައިޓް' އެއްގައި އެންމެ ހިނގާނެ ފިލްމުތަކަކަށް ވަނީ ވެފައެވެ. ސްޓޭޖް ޝޯއެއްގައި އެންމެ ހިނގާނެ ލަވަތަކަކަށް ވަނީ ވެފައެވެ. އަދި މީގެ އިތުރުން 'ކަރޯކޭ' ޖެއްސި ކަމުގައި ވިޔަސް އެންމެ ކުރީ ސަފުގައި ކިޔާނެ ލަވަތަކަކަށް ވެސް ނަވާރަ ސަތޭކައިގެ ލަވަތައް ވަނީ ވެފައެވެ. ދިވެހި ފިލްމީ ތާރީހުގެ ރަންޒަމާނޭ ބުނެވެނީ މި ސަބަބަށްޓަކައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކައްވަޅުގަވެސް ހަތިގޮތަށް ކަރޯކޭ ޔާ ލަވަތަ