ރަޝިޔާގެ އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށް ދެމުންދާ ހަމަލަތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމުގެ އިންޒާރު އ.ދއިން ދީފިއެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލަތައް މިހާރު އަމާޒު ކުރަމުން ދަނީ ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށެވެ.
މިއީ ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ރަޝިޔާއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާފައިވާ ދަނޑިވަޅެކެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މި އެއްބަސްވުން ހަދާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ހުރަސްއެޅުމުންނެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމު ކަމުގައިވިޔަސް ހަނގުރާމަ ފެށުމާ އެކު ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ސްޓޮކް ހުސްވާން ފަށައި، ގޮވާމާއި އެހެނިހެން ކާބޯތަކެތީގެ އަގުތައް އުފުލެން ފެށިއެވެ. އަދި، ގިނަ ޤައުމުތަކެއްގައި އެތަކެއް ސަތޭކަ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސްތައް ކުރިމަތިވިއެވެ.
ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށް ރަޝިޔާއިން މެދުކެނޑުމެއް ނެތި ހަމަލަދޭން ފެށުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ އެތަކެއް މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި އ.ދއިން ބުނާއިރު، ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ފަގީރު ޤައުމުތަކުގައި މިހާރު ވެސް ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށެވެ.
މި ކަމާ ގުޅޭ ގޮތުން އ.ދގެ އިންސާނީ އެހީއާ ބެހޭ އިދާރާ، އޮފީސް ފޯ ދަރ ކޯޑިނޭޝަން އޮފް ހިޔުމެނިޓޭރިޔަން އެފެއާޒްގެ އިސްވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ރަޝިޔާގެ އަމަލުތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، ބަނޑުހައިހޫނުކަމުގައި ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމުގައެވެ.
ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ދިނުމަށް ހަދާފައިވާ އެއްބަސްވުމަށް ރަޝިޔާއިން އަލުން ރުޖޫއަވާނީ އެ ޤައުމުން ހުށަހަޅާފައިވާ ޝަރުޠުތައް ފުރިހަމަވުމުން ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. ރަޝިޔާއިން ހުށަހަޅާފައިވާ މައިގަނޑު ޝަރުޠަކީ، އެ ޤައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތަކުގެ އިތުރުން އެހިނިހެން ކާބޯތަކެއްޗާއި ގަސްކާނާގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތައިލުމެވެ. އަދި، އެ ކަންކަމާ ގުޅޭ ގޮތުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމެވެ.