12 ފެބުރުވަރީ 2025

ފަޚްރުވެރި މިނިވަން ދުވަހަށް އަވަސް ކަޅިއެއް

ދިވެހިރާއްގެ ތާރީޚަށް ބަލާއިރު، ފެންނާން އޮތީ މި ރާއްޖެއަކީ މިނިވަން، ޤައުމެއް ކަމެވެ. ރާއްޖޭގެ އަމިއްލަވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައިއޮތީ، ހަމައެންމެ ދެ ފަހަރު ކަން ތާރީޚުގެ ފަތްފުށްތަކުން އެނގެއެވެ. އެއީ:

  • މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށްވެރިކަން ހިންގި ދުވަސްވަރު
  • ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައިގެން ތިބި މުއްދަތު؛ ތިން މަހާއި ވިހި ދުވަސް

މިނިވަން ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރު ގެޖުލައި މަހުގެ 26 ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

1987 ވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަކަމާއި، އެމުޢާހަދާގައިވާ ގޮތުންރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތްލިބިގެންވާ ޤައުމެއްގެ ގޮތުގައި ކަން އެނގެން އޮވެއެވެ. އެދުވަސްވަރު ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިން ޖިޒީފޮނުވަންޖެހޭނެ ކަމަށް އެ މުޢާހަދާގައި ބަޔާންކުރެވިފައި އޮތެވެ.

އެމުއާހަދާ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔައެވެ. ނަމަވެސް، ފަހުން އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާ ޚިލާފުވަމުންނެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެބައިމީހުން ވަންނަން ފެށިއެވެ. މިގޮތުން 1903 ވަނައަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (6 ވަނަ) ރަސްކަމުން އަޒުލްކޮށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން ( 3 ވަނަ) ރަސްކަމަށްއިސްކުރި ޙާދިސާގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށްވަދެ އިނގިރޭސީން ފިޔަވަޅުތައް، އަޅާފައިހުރިކަން ފަތްފުށްތަކުން ފެންނާން އެބަހުއްޓެވެ.

އޭގެފަހުން، ދެޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުން ކަމާއި،  1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކަ އަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިން އިނގިރޭސީން ކުއްޔަށް ހިފިކަން އެނގެއެވެ.

ހަމައެހެންމެ، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ މުއާހަދާ އަލުން އައުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ދިވެހި ސަރުކާރުން ބުނަމުންދިއައީ، އަލަށް ކުރެވޭ އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ސިޔާސީ ޙައިޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެންއޮންނަންޖެހޭނެ ކަމަށެވެ. ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިކަން ތާރީޚުން ފެންނާން އޮތް ނަމަވެސް އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދި ކަމަށް ބުނެވެއެވެ. ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު 1960 ވަނަ އަހަރު ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެވަނަ މުއާހަދާއެއްގައި ސޮއެ ކުރެވި، އެމުއާހަދާގައި ދިވެހިރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވީނަމަވެސް، އިނގިރޭސީން މެދުވެރި ވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިންވެސް ޖާގަ ދީފައެއް ނުވެއެވެ.

އެދުވަސްވަރު ހިނގާދިޔަ މަޝްހޫރު ހުވަދޫ އައްޑޫ ގަޑުބަޑަށް ބަލާއިރު، ހުވަދުއަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު އޮތް ގުޅުންތައްވެސް ވެގެންދިޔައީ އިނގިރޭސީންގެ ކިބައިން މިނިވަންކަން ހޯދުމުގެ ވަރުގަދަ ރޫހެއް އުފެދެން ދިމާވި ޙާދިސާއަކަށެވެ.

ރާއްޖެއަށް ފުރިހަމަމިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުން، ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު މުއާހަދާއެއް ކުރެވުނެވެ.  އާ މުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރު ޤަބޫލުކޮށް، ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަޤްވާމީ، ސީދާ ގުޅުން ހިންގުމުގެ ފުރުޞަތު ރާއްޖެއަށް ތަނަވަސްވެގެން ދިޔައެވެ.

އެ ތާރީޚީ މުއާހަދާގައި 1965 ވަނަ އަހަރުގެ ޖުލައިމަހުގެ  26 ވީ ދުވަހު ހެނދުނު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަންގައި، ސޮއިކުރެވުނުއިރު، ރާއްޖޭގެ ފަރާތުން އެޗ އެގްރީމެންޓްގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ. މި ލޮބުވެތި ޤައުމު މިނިވަންކަންމަތީ އަބުދުމެ ލަހައްޓަވާށިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު