އިންޑިޔާގައި މުޒާހަރާތައް ވަރުގަދަވެ، މަނިޕޫރު ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ޕާލިމަންޓަށް ވައްދައިފިއެވެ.
އިންޑިޔާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތަށް ވަރުގަަދަވެފައިވާ ދަނޑިވަޅެއްގައި، މޯދީގެ ސަރުކާރަށް އިތުބާރު ނެތް ކަމަށް ބުނެ މައްސަލަ، އިއްޔެ ހުށަހެޅީ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރެއް ކަމަށް ޚަބަރު ލިބެއެވެ.
އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ކޯލިޝަން ޕާޓީތަކާއެކު މޯދީގެ ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮންނާތީ އެ މައްސަލަ ކާމިޔާބު ވާނެ ކަމަކަށް ނުބެލެވެއެވެ. އެކަމަކު މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މަޖިލީހުގައި މޯދީ ވާހަކަ ދައްކަވަންޖެހޭނެ ކަމަށް އިދިކޮޅަށް އަރާފައިވާ ޕާޓީތަކުން ބުނެއެވެ.
މިދިޔަ މެއި މަހުން ފެށިގެން އެ ސްޓޭޓުގައި ދިރިއުޅޭ މެއިޓެއި ގްރޫޕާއި ކޫކީ ގަބީލާއާ ދެމެދު ބޮޑެތި ކުރިމަތިލުންތައް ހިނގަމުން އަންނައިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 130 މީހުން މަރުވެ، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ވަނީ ނެތިގޮސްފައެވެ.
މީގެއިތުރުން، މަނިޕޫރުގައި ދެ އަންހެނަކު ބަރަހަނާކޮށް، މަގުމަތީގައި ހިންގުވާ ވީޑިއޯއެއް އާންމުވެ، މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެކަމާގުޅިގެން މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މޯދީ ވަނީ ފުރަތަމަ ފަހަރަށް އެއްޗެއް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހާދިސާއަކީ އިންޑިޔާއަށް ވަރަށް ހަޑި އަމަލެއްކަމަށާއި، އެ އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
މިއީ މޯދީގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ މައްސަލައަކާ ކުރިމަތިވި ދެ ވަނަ ފަހަރެވެ. 2018 ވަނަ އަހަރު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ އަންދްރަ ޕްރަދޭޝް ސްޓޭޓަށް ހާއްސަ ދަރަޖައެއް ދިނުމުންނެވެ. އެހެން ނަމަވެސް އެކަން ފާސްވެފައެއް ނުވެއެވެ.