18 ޖަނަވަރީ 2025

މި އަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލުމާއެކު، މި އަހަރުގެ މިހާތަނަށް ޔަހޫދީ ޖައްބާރު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވި ފަލަސްޠީން ރައްޔިތުންގެ ޢަދަދު 200 އަށްވުރެ މައްޗަށް އަރައިފިއެވެ. ޔަހޫދީ ޓެރެރިސްޓުން އެންމެ ފަހުން ހަމަލާތައް ދީފައިވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ސިފައިން އުދުވާން ހިންގާފައި ވަނީ ނާބުލުސްގެ އަލް-ޢައިން ރެފިއުޖީ ކޭމްޕުގައި ކަމަށެވެ. އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ އެ މީހުން އަލް-ޢައިން ރެފިއުޖީ ކޭމްޕަށް ވަދެފައި ވަނީ ޓެރެރިސްޓަކު ހޯދުމަށް ކަމަށެވެ.

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 202 އަށް އަރާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެ ކޭމްޕު ސުންނާފަތިކޮށްލިއެވެ.

ޔަހުދީ އިސްތިޢުމާރީން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރާ ކަމަށް ޚަބަރު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު