Wednesday, 22 May 2024

ތޫފާން ކަނޫނުގައި ޖަޕާނުން ދެ މީހުން މަރުވެއްޖެ

ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަނޫން ޖަޕާނުގެ ސަރަޙައްދުތަކަށް އެރުމާ އެކު ހިނގި އެކި ހާދިސާތަކުގައި ދެ މީހަކު މަރުވެއްޖެއެވެ.

ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައި ވަނީ ޖަޕާނުގެ ދެކުނު ފަރާތު އައްސޭރިފަށުގައި އޮންނަ އޮކިނަވާ އަދި ކަގޯޝިމާ ޕްރިފެކްޗަރަށް ކަމަށާއި،އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިރުމަތީ ޗައިނާ ކަނޑުގެ ހުޅަނގުއުތުރަށް ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރެއެވެ. ނަމަވެސް މި ތޫފާނުގެ އަސަރު ޗައިނާއަށް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

މި ތޫފާނާ އެކު ގަޑިއަކު 162 ކިލޯމީޓަރާއި 234 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހެމުންދާ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. މި ތޫފާނާ ގުޅިގެން އޮކިނަވާގައި އުމުރުން ދުވަސްވީ އަންހެނެއް މަރުވެފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ. އޭނާ މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. އެ ގޭގައި އަލިފާން ރޯވީ، ކަރަންޓުގެ ޚިދުމަތް ކެނޑުމާ ގުޅިގެން އަލިކުރުމަށް އުށްބައްތި ބޭނުންކުރުމުން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ދެން މަރުވެފައި ވަނީ އުމުރުން 90 އަހަރުގެ މީހެއްކަމަށްވާއިރު، އޭނާ މަރުވީ، ވެއްޓުނު ގަރާޖެއްގެ ދަށުވެގެން ކަމަށް ޚަބަރު ލިބެއެވެ.

އޮކިނަވާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އޮކިނަވާ އިލެކްޓްރިކް ޕަވަރ ކުންފުނިން ބުނީ ވައި ބާރުވުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ ހޮޅިދަނޑިއާއި ޓަވަރުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ އޮކިނަވާއަކީ ވެރިރަށް ތޯކިޔޯގެ ހުޅަނގުދެކުނުން 1,600 ކިލޯމީޓަރު ދުރުގައި އޮންނަ ރަށްތަކެކެވެ.

އޮކިނަވާގެ ނާހާ ވައިގެ ބަނދަރުގެ ޚިދުމަތްތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ފަތުރުވެރިންގެ މެދުގައި މަޤުބޫލު އެ ރަށަށް ދަތުރުކުރަން ހަމަޖެފައި އޮތް 304 ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމުގައި ޖަޕާނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ތޫފާނުގެ އަސަރުތައް ތައިވާނަށް ވެސް ކޮށްފައިވާއިރު، ތައިވާނުގެ އުތުރުގެ ސަރަޙައްދުތަކުގައި ވިޔަފާރިތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި، ގިނަ ޢަދަދެއްގެ ވައިގެ އުދުހުންތައް ވަނީ ކެންސަލް ކޮށްފައެވެ. މި ތޫފާނާ އެކު ތައިވާނުގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާއިރު، ވައި ބާރުވުމާ ގުޅިގެން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ތައިވާނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *