ކްރޮއޭޝިޔާ މަގުން ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް އިމްޕޯޓްކުރަން އެއްބަސްވެއްޖެ

ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން އެކްސްޕޯޓު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ބޭނުން ކުރާނީ ޑެނިޔުބް ކޯރާއި އޭޑްރިއޭޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ކްރޮއޭޝިޔާގެ ބަނދަރުތަކެވެ. މި ކަން ހާމަކުރައްވާފައި ވަނީ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދްމީތްރޯ ކޫލެބާއެވެ.

ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން ބޭރު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ހަދާފައި މި ވަނީ، ޔޫކްރެއިނުން ގޮވާން އެކްސްޕޯޓުކުރުމާ ގުޅޭ ގޮތުން އެ ޤައުމާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ރަޝިޔާއިން ދެކޮޅު ހަދައި، އެއްބަސްވުން ރޫޅައިލާފައިވާ ދަނޑިވަޅެއްގައެވެ.

2022 ގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމު ކަމަށްވިޔަސް، ހަނގުރާމައާ އެކު އެ ކަމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރަސް އެޅުނެވެ.

ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން އަލުން ފެށުމަށް ރަޝިޔާއިން ހުއްދަ ދީފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ތުރުކީވިލާތުގެ ބައިވެރިވުމާ އެކު އ.ދއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހުސްވި ޖުލައި މަހު ހަމަވެފައިވާއިރު، ރަޝިޔާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފައެވެ.

އަދި، އެއްބަސްވުމަށް ހުރަސް އެޅުމަށް ފަހު ރަޝިޔާއިން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރަން ހުރަސް އެޅުމުގެ ގޮތުން ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ބަނދަރުމަތީ ރަށްތަކަށް ހަމަލަދޭން ފަށާފައެވެ. މީގެ ތެރެއިން ގިނަ ހަމަލަތައް އަމާޒުކޮށްފައި ވަނީ އަދިއްސާ، މިކޮލައިފް އަދި ޑެނިޔުބް ކޯރުގެ އައްސޭރިފަށުގައިވާ ބަނދަރުތަކަށެވެ.

ކްރޮއޭޝިޔާގެ ޚާރިޖީ ވަޒީރު ގަރކިޗް ރާޑްމެނާ އެކު ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު ކޫލެބާ ވިދާޅުވީ ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ކްރޮއޭޝިޔާ މަގުން އެކްސްޕޯޓު ކުރާނެ އެންމެ ފަސޭހަ މަގުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި، ޔޫކްރެއިނުން މެދުކެނޑުމެއް ނެތި ދުނިޔޭގެ ބާޒާރަށް ގޮވާން ފޯރުކޮށްދެމުން ދިޔުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން މުހިންމު މަސައްކަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު