3،700 ކާރު ބަރުކޮށްގެން ދަތުރުކުރި ބޯޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެ ބޯޓުގައި ރޯވިއިރު، ބޯޓް ދަތުރުކުރަމުން ގޮސްފައިވަނީ، އީމްޝެވަންގެ އުތުރު ބިތުގެ ޑަޗް ޕޯޓަށެވެ. އެ ބޯޓް އަނދާ ބޮޑެތި ގެއްލުންތަކެއް ވެފައި މިވަނީ، ބޯޓް ފުރިތާ ހަފުތާތަކެއް ވެފައި ވަނިކޮށެވެ.
މިޙާދިސާގައި ފަޅުވެރިޔަކު މަރުވެފައިވާއިރު، 22 ފަޅުވެރިޔަކު ސަލާމަތްކުރެވިފައިވެއެވެ. 3،700 ކާރު އަނދާފައިވާއިރު، އޭގެ ތެރޭގައި 498 އިލެކްޓްރިކް ވެހިކަލްވެސް ހިމެނެއެވެ.
މިހާރު އެ ބޯޓު ބަދަރުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި އެ ބޯޓު އެނދުމުގެ ތެރޭގައި ކަނޑަށް ތެޔޮ އެޅި، ދަތުރު ކުރި ސަރަަހައްދުގެ ތިމާވެއްޓަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ތިމާވެއްޓާ ބެހޭ އިދާރާތަކުން ފާހަގަކުރެއެވެ. އެ ސަރަހައްދަކީ ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށްވާއިރު، އެ ސަރަހައްްދު ގުޅިފައިވަނީ ނެދަލޭންޑްސްއާއި، ޖަރުމަނާއި ޑެންމާކަށެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުން ފޭބި ތެލުގެ މިންވަރު އިތުރުވެ، ބަނދަރުކޮށްފައިވާ ޕޯޓަށްވެސް ތެލުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އަދި ބަރުކޮށްފައިވާ ވެހިކަލުތަކުގެ ތެރެއިން، މި ހާދިސާގައި ގެއްލުމެއް ލިބިފައި ނުވަނީ ހަމަ އެންމެ އިލެކްޓްރިކް ވެހިކަލަކަށެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ސަލާމަތްވީ، އަލިފާން ރޯވުމުން ބޯޓުން ފުންމާލުމުންނެވެ. ނަމަވެސް އެމީހުންނަށް އެކިވަރުގެ އަނިޔާތަށް ވަނީ ލިބިފައެވެ. އެމީހުންނަށް މިހާރުވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.