29 އެޕްރީލް 2025

މަޣްރިބުގެ ފަރުބަދަމަތީ މަގެއްގައި ބަހެއް އެކްސިޑެންޓުވެ 24 މީހުން މަރުވެއްޖެ

މަޣްރިބުގެ މެދުތެރޭގައިވާ ފަރުބަދަމަތީ ހިސާބެއްގެ މަގަކުން ދަތުރު ކުރަމުން ދިޔަ ބަހެއް ފުރޮޅައިލުމުގެ ސަބަބުން މަގުން ބޭރަށް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 24 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަޒީލާލް ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ދިމަނާތުގައި ކަމަށާއި، މި ހާދިސާގައި ބަހުގައި ތިބި އެންމެން މަރުވެފައިވާ ކަމުގައިވާ މަޣްރިބުގެ އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު ބަހުގައި ތިބި ފަސިންޖަރުން ދަތުރު ކުރަމުން ދިޔައީ ދިމަނާތުގައި ހަފުތާ ބަންދުގައި ބާއްވާ މާރުކޭޓެއްގައި ބައިވެރިވާށެވެ. ބަސް ފުރޮޅައިލާފައި ވަނީ ފަރުބަދަމަތީ މަގަކުން ދަތުރު ކުރަމުން ދަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައިވާ ކަމުގައި ދިމަނާތުގެ އޮފިޝަލުން ވިދާޅުވެއެވެ.

މަޢްރިބުގެ އިތުރުން އިރުމަތީ އެފްރިކާގެ ގިނަ ޤައުމުތަކަކީ މަގުމަތީގެ އެކްސިޑެންޓުތައް ޢާންމު ޤައުމުތަކެއް ކަން ފާހަގަ ކުރެވެއެވެ. އެ ޤައުމުތަކުގައި މަގުމަތީގެ އެކްސިޑެންޓުތަކުގައި ކޮންމެ އަހަރަކު އެތަކެއް ހާސް ބަޔެއްގެ ފުރާނަ ގެއްލެއެވެ. މަޣްރިބުގެ އެހެން ރަށެއް ކަމުގައިވާ ބަރާކުއާގައި މާރިޗު މަހު ހިނގި މި ފަދަ ނުރައްކާތެރި އެހެން ހާދިސާއެއްގައި 11 މީހުން މަރުވެފައިވެއެވެ.

2022 ވަނަ އަހަރު މަޣްރިބުގެ ވިޔަފާރީގެ މަރުކަޒީ ރަށް ދާރުލްބައިޟާގައި ބަހެއް ފުރޮޅައިލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 މީހުން މަރުވެ، އިތުރު 36 މީހުން ޒަޚަމުވިއެވެ. އެ ޤައުމުގައި ކޮންމެ އަހަރަކު އެވުރެޖުކޮށް 3,500 އެއްހާ މަގުމަތީގެ އެކްސިޑެންޓު ހިނގާ ކަމަށް ރެކޯޑު ކުރެވިފައިވާއިރު، އެވުރެޖުކޮށް 12,000 އެއްހާ މީހުންގެ ފުރާނައަށް ނުރައްކާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަޣްރިބުގައި ހިނގާ އެކްސިޑެންޓުތަކުގައި ކޮންމެ ދުވަހަކު އެވުރެޖުކޮށް 10 މީހުން މަރުވާ ކަމަށް އެ ޤައުމުގެ މަގުމަތީގެ ސަލާމަތާ ބެހޭ އިދާރާ، ނޭޝަނަލް ރޯޑް ސޭފްޓީ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހުސްވި 2022 ވަނަ އަހަރު މަގުމަތީގެ އެކްސިޑެންޓުތަކުގައި 3,200 މީހުން މަރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު