ލާއިންސާނީ އުދުވާން: ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ ޖަރީމާތައް ހިންގާފައި ވަނީ ޖިނީން ރެފިއުޖީ ކޭމްޕު ކައިރީގައެވެ. ހުސްވި ޖުލައި މަހު ވެސް ޔަހޫދީ ވަނީ ޖިނީނަށް އަރައި ލާއިންސާނީ އުދުވާންތަކެއް ހިންގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައެވެ.

އިސްރާޢީލުން ހަމަލަދީ ޝަހީދުކޮށްލާފައި ވަނީ ކާރެއްގައި ދަތުރުކުރި ފަލަސްޠީނުގެ ތިން މީހުންނެވެ. އެ މީހުން ދަތުރު ކުރި ކާރުގެ ތެރެއިން އޮޓޮމެޓިކް ބަޑިއެއް ފެނިފައިވާ ކަމަށާއި، އެއީ އިސްރާޢީލާ ދެކޮޅަށް ހަމަލަތަކެއް ދިނުމަށް ރާވަމުން ދިޔަ ތިން މީހުން ކަމުގައި ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އެ ތިން މީހުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ އަވަށަކަށް ޔަހޫދީންގެ ބަޔަކު ހަމަލަތަކެއް ދީފައިވާ ވަނިކޮށެވެ. އެ ހަމަލަތަކުގައި ފަލަސްޠީނުގެ 19 އަހަރުގެ ޒުވާނެއް ޝަހީދުކޮށްލާފައިވެއެވެ. އެމެރިކާއިން ވަނީ އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށް، ޔަހޫދީ ވަޒަންވެރިންގެ އުދުވާންތައް ކުށްވެރިކޮށްފައެވެ. ޔަހޫދީ އިސްރާޢީލުން ބުނީ ކާރުގައި ދަތުރު ކުރަނިކޮށް ޝަހީދުކޮށްލާފައިވާ ތިން މީހުންނަކީ، އެ އަވަށަށް ޔަހޫދީންގެ ޢާންމުން ދިން ހަމަލަތަކުގެ ބަދަލު ހިފުމަށް ރާވަމުން ދިޔަ ތިން މީހުން ކަމުގައެވެ.
ފަލަސްޠީނުގެ މުޖާހިދުން ވަނީ ޔަހޫދީ އިސްރާޢީލުގެ އުދުވާންތައް ކުށްވެރިކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނީ ޝަހީދުކޮށްލާފައިވާ ތިން މީހުންގެ ބަދަލު ހިފާނެ ކަމުގައެވެ.

އިސްރާޢީލުގެ ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 210 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ.

ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ