23 އެޕްރީލް 2025

ޒެލެންސްކީ އަވަހާރަކޮށްލަން އުޅުނު އަންހެނެއް ހައްޔަރުކޮށްފި

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އަވަހާރަކޮށްލަން ރޭވި ރޭވުމެއްގައި ބައިވެރިވި ޔޫކްރެއިންގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. އެ ޤައުމުގެ ސަލާމަތީ ޚިދުމަތްތައް (އެސް.ބީ.ޔޫ) އިން ބުނީ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ޒެލެންސްކީގެ ދަތުރުފުޅަކާ ގުޅޭ ސިއްރު މަޢުލޫމާތުތަކެއް ރަޝިޔާގެ ޖާސޫސުންނަން ފޯރުކޮށްދޭން މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ.

ޒެލެންސްކީ އަވަހާރަކޮށްލަން ރާވާފައި ވަނީ ރަޝިޔާއިން ކަމަށް ޚަބަރު ލިބެއެވެ. އެ އަންހެން މީހާ ހައްރުކޮށްފައި ވަނީ ޖޫން މަހުގެ ތެރޭގައި ޔޫކްރެއިންގެ ދެކުނުގައިވާ މިކޮލައިފަށް، ޒެލެންސްކީ ކުރެއްވި ދަތުރުފުޅެއްގެ މަޢުލޫމާތު ރަޝިޔާގެ ޖާސޫސުންނާ ހިއްސާ ކުރަން މަސައްކަތް ކުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒެލެންސްކީ މިކޮލައިފަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވާށެވެ. ހާދިސާއާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ، އޭނާ އަވަހާރަކޮށްލަން ރޭވި ރޭވުމުގައި ބައިވެރިވެފައިވާ އަންހެން މީހާގެ މަޢުލޫމާތު އެސް.ބީ.ޔޫން އޭނާއާ ހިއްސާކުރި ކަމުގައެވެ. އަންހެން މީހާ ހައްޔަރު ކުރުމުގެ ކުރިން ޒެލެންސްކީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމުގައި ވެސް އެސް.ބީ.ޔޫން ބުނެއެވެ.

އެ އަންހެން މީހަކީ އޮޗާކިވް ކިޔާ ކުޑަ ރަށެއްގައި ހުންނަ އަސްކަރީ މަރުކަޒެއްގެ ފިހާރައެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އެ ސަރަޙައްދުގައިވާ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯ ފަދަ ތަކެތި ވެސް އޭނާ ރަޝިޔާގެ ޖާސޫސުންނާ ހިއްސާކުރަން މަސައްކަތް ކޮށްފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

އޭނާގެ މައްޗަށް ޖާސޫސީ މަޢުލޫމާތު ބޭރު ޤައުމަކާ ހިއްސާކުރަން މަސައްކަތް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާނެ ކަމަށް ބެލެވެއެވެ. އެ ކުށުގެ އަދަބަކީ 12 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު