މިޔަންމާގެ ސުއްތުވޭން ފުރައިގެން ދަތުރުކުރި ބޯޓެއް ކަނޑުވެ، އޭގައި ދަތުރުކުރި މީހުންގެ ތެރެއިން 23 މީހުން މަރުވެއްޖެއެވެ. އެ ބޯޓުގައި ތިބީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނެވެ. ބޯޓު ކަނޑުވި ހާދިސާގައި އިތުރު 30 މީހުން ގެއްލިފައިވާއިރު، އެ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 50 ފަސިންޖަރުން ތިބި ކަމަށް ބެލެވެއެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުން މިޔަންމާ ދޫކޮށް ހިޖުރަކުރަން މަސައްކަތް ކޮށްފައި މި ވަނީ އެ ޤައުމުގެ ސަރުކާރާއި އަސްކަރިއްޔާއިން އެ ދަރިކޮޅުގެ މީހުންނާ މެދު ބަހައްޓަމުންދާ ނަސްލީ ތަފާތުވުންތަކާއި، އަނިޔާވެރިކަމުން ސަލާމަތްވުމަށް މެލޭޝިޔާ ނުވަތަ އިންޑޮނީޝިޔާއަށް ދަތުރުކުރުމަށް ކަމަށް ބެލެވެއެވެ.
މި ހާދިސާ ހިނގި ވަގުތުގައި ބޯޓުގައި ތިބި އަށް މީހުން ސަލާމަތް ކުރެވިފައިވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 10 ފިރިހެނުންނެވެ. ކަނޑަށް ގެއްލިފައިވާ 30 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާ މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
މިޔަންމާގައި ކުރިމަތިވަމުންދާ އަނިޔާވެރި ކަމުން ސަލާމަތްވުމަށް ކޮންމެ އަހަރަކު ވެސް ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ހާސް ބަޔަކު އެ ޤައުމުގެ ދޫކޮށް މެލޭޝިޔާއާއި އިންޑޮނީޝިޔާ ފަދަ ޤައުމުތަކަށް ހިޖުރަ ކުރެއެވެ.
2021 ވަނަ އަހަރު މިޔަންމާގައި ހިންގި އަސްކަރި ބަޣާވާތަށް ފަހު، އެ ޤައުމުގައި މިހާރު ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުން ވެސް ދަނީ ޤައުމު ދޫކޮށް ހިޖުރަކުރަން މަސައްކަތް ކުރަމުންނެވެ.