ރަޝިޔާގެ ގަރާޖެއްގައި ރޯވެ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 30 މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކަށް ބޮޑެތި ޒަޚަމުވެއްޖެއެވެ. ރަޝިޔާގެ މަހަޗްކަލާގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭއިރު ސަތޭކަ ފަންސާސް މީހުން ވަނީ ޒަޚަމުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އަލިފާން ފުރަތަމަ ރޯވެފައި ވަނީ ޕެޓްރޯލް އިސްޓޭޝަނާ އިންވެގެން ހުރި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރާ ގަރާޖެއްގައި ކަމަށާއި، ބާރުގަދަ އެއްޗެއް ގަދައަޑާއެކު ގޮވައި، އަލިފާންގަނޑު ފެތުރިގެންދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެތައް ގަޑިއިރެއް ހޭދަވިއިރު، މި ހާދިސާގައި އެ ތަނާ އިންވެގެން ހުރި އެހެން ޢިމާރާތެއްގައި ވެސް ރޯވެފައިވާ ކަމުގައި މަޢުލޫމާތު ލިބެއެވެ.
މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާއިރު، މި ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.


