ލަންކާގެ މަސްބޯޓް، ފޮޓޯ: އެމްއެންޑީއެފް

ލަންކާގެ މަސް ބޯޓެއް، ރާއްޖެއިން ހިފަހައްޓައިފި

ރާއްޖޭގެ އިގްތިޞާދީ ޚާއްޞަ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސުރީލަންކާގެ މަސްބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ މަސްބޯޓު އަތުލައިގަތީ ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އެކަން އެމްއެންޑީއެފަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10″ ނަމަކަށް ކިޔާ ދޯންޏަކުންކަމަށެވެ.

އަތުލައިގަތް ބޯޓުގައި ހަތް މީހުން ތިބިއިރު، އެ ދޯނި މިހާރު ކުޅުދުއްފުށި ބަނދަރަށް ވަނީ ވައްދާފައިވާ ކަމަށާއި އެ ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.

މަސްވެރިކަމާބެހޭ ޤާނޫނުގައިވާ ގޮތުން ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓްކުރަންދެން އެ އުޅަނދު ހިފަހައްޓާފައި ބޭއްވެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ. މީގެ އިތުރަށް ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަންނަ އުޅަނދުތައް ދޫކޮށްލަނީވެސް ވަކި އުޞޫލެއްގެ ދަށުން ޖޫރިމަނާކޮށް އެ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު