"ކޮމިއުނިކޭޝަން އެންޑް އިންޓަގްރޭޝަން" ކޮންފަރެންސް ބާއްވައިފި

"ކޮމިއުނިކޭޝަން އެންޑް އިންޓަގްރޭޝަން" ގެ ނަމުގައި މައްކާގައި ކޮންފަރެންސެއް ބާއްވައިފިއެވެ. އޮގަސްޓު މަހުގެ ތޭރައިން ސާދައަށް ބޭއްވި މިކޮންފަރެންސަކީ ސަޢޫދީޢަރަބިޔާގެ ރަސްގެފާނު މަލިކް ސަލްމާނުގެ ލަފާފުޅަށް ބޭއްވުނު ކޮންފަރެންސެކެވެ. މިކޮންފަރެންސު އިންތިޒާމުކޮށްފައިވަނީ ސަޢޫދީޢަރަބިޔާގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚްގެ ބެއްލެވުމުގެ ދަށުން ސަޢޫދީ އިސްލާމިކް މިނިސްޓްރީއިންނެވެ.

މިކޮންފަރެންސުގެ މަޤްސަދަކީ އިސްލާމީ ދުނިޔޭގެ ދީނީ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކާއި ކޮމިޓީތަކާއި ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައްމަތީ ކީރިތި ޤުރުއާނާއި ސުންނަތުގެ އަސާސުތައްމަތީ އިސްލާމީ ރިސާލަތު ފެތުރުމުގައި ގުޅިގެން ކުރިއަށްދިއުމެވެ.

އަދި ހައްދުފަހަނައެޅުމުގެ ފިކުރާއި، ސެކިއުލަރިޒަމްގެ ފަދަ ފިކުރުތަކުން އިސްލާމީ މުޖުތަމަޢުތައް ޙިމާޔަތްކުރުމުގެ މައްޗަށްވެސް މިކޮންފަރެންސުގައި މަޝްވަރާކުރެވޭނެއެވެ. މިކޮންފަރެންސުގައި އިސްލާމީ 85 ޤައުމަކުން 150 ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިކޮންފަރެންސްގައި މައިގަނޑު 7 ނުކުތާއަކަށް މަޝްވަރާކުރެވޭނެއެވެ:

  • އިސްލާމްދީނަށް ޚިދުމަތްކުރުމުގައިޔާއި އިސްލާމީ އުންމަތުގެ ވަޙްދަތަށްޓަކައި އިސްލާމީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް.
  • އިސްލާމީ އިދާރަތަކުގެ މެދުގައި މުވާސަލާތުކުރުމާއި އެއްބާރުލުން ދިނުމުގައި މިހާރުގެ ޙާލަތާއި، އަދި ރަނގަޅުކުރަން އުންމީދު ކުރެވޭ ޙާލަތު.
  • އެކިއެކި ފިކުރުތަކުގެ މީހުންނާއި ގުޅިގެން އުޅުމުގައި އިސްލާމްދީން ދަސްކޮށްދޭ އުސޫލުތައް ދެމެހެއްޓުމުގައި އިސްލާމީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް.
  • ކީރިތި ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުން.
  • ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އިސްލާމްދީނުގެ މެދުމިން.
  • ހައްދުފަހަނައެޅުމުގެ ފިކުރުތަކާއި ދެކޮޅަށް އިސްލާމީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް.
  • ކުފުރާއި ސެކިއުލެރިޒާއި ފަދަ ފިކުރުތަކުން އިސްލާމީ މުޖުތަމަޢުތައް ޙިމާޔަތްކުރުމަށް އިސްލާމީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ