ލުބްނާނުގެ ދެކުނުގައިވާ ޞައިދާގައި އޮންނަ ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްޠީނުގެ ރެފިއުޖީންނަށް އ.ދއިން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑައިލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
އ.ދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޯ ޕެލެސްޓައިން ރެފިއުޖީޒް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ) އިން ބުނީ އެ ޖަމާޢަތުން ހިންގާ ސްކޫލްތަކާއި އެހެން ޢިމާރާތްތަކަށް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ވަދެ، އެ ތަންތަނުގައި ހަރަކާތްތެރިވަމުންދިއުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ރެފިއުޖީންނަށް ދެމުންދާ ޚިދުމަތްތައް އަލުން ފަށާނީ ހަތިޔާރު އެޅު ޖަމާޢަތްތަކުން އެ ތަންތަނުން ނިކުތުމުން ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.
މި ހަމަނުޖެހުންތައް ފެށުނީ ފަލަސްޠީނުގައި ވެރިކަން ކުރާ ފަތަޙް ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ މަޙްމޫދު ޚަލީލް މަރައިލަން ފަތަޙާ ދެކޮޅު ޖަމުޢިއްޔާއަކުން މަސައްކަތް ކުރުމުންނެވެ. އެ ކަމުގެ ފަހަތުގައި އޮތީ ޖުނޫދު އަލް-ޝާމް ޖަމާޢަތް ކަމަށް ފަތަޙުން ތުހުމަތު ކުރެއެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ތައްޔާރީތައް ކުރަމުންދާއިރު، ހަމަނުޖެހުންތައް ކުރިއަށްދާނަމަ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ 3,200 އެއްހާ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަން ދަތިވާނެ ކަމަށާއި، ސްކޫލްތަކާއި އެހެން ޢިމާރާތްތަކުން ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ވަގުތުން ނިކުތުމަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.
ފަލަސްޠީނުގެ އެތަކެއް ހާސް ރެފިއުޖީންނެއް ލުބުނާނަށް ހިޖުރަކޮށްފައި ވަނީ އެ މީހުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް، 1948 ވަނަ އަހަރު ޔަހޫދީންގެ ޖައްބާރު ދަޢުލަތް ގާއިމުކުރުމާ ގުޅިގެންނެވެ. ލުބުނާނުގައި 12 ރެފިއުޖީ ކޭމްޕު ހުރިއިރު، އެ ކޭމްޕުތަކުގައި ފަލަސްޠީނުގެ 400,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. .
ލުބުނާނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް ގިނަ ޚިދުމަތްތަކެއް، ޔޫ.އެން.އާރް.ޑަބްލިޔު.އޭން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމާއި، ޕްރައިމަރީ ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. ނަމަވެސް އަކަމަށް ހުރަސް އެޅޭ ނަމަ، ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދަތިވާނެ ކަމަށް ބުނެއެވެ.