މި ފަހަރުވެސް ދީމާ ރަން މެޑަލް ހޯދިއިރު، ރަފާ ރިހި މެޑަލް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްއިން މި ފަހަރުވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދިއިރު، އައިޝަތު ރަފާ ނާޒިމް ރިހި މެޑަލް ހޯދައިފިއެވެ.

ޓީޓީގެ ޓީމް އިވެންޓުން އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ވަނީ ރަން މެޑަލް ހޯދައިފައެވެ. މިކްސް ޑަބަލްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ރަފާއާއި މުހައްމަދު މުންސިފެވެ. މިކްސް ޑަބަލްސް އިން ރާއްޖޭގެ ދީމާއާއި މުހައްމަދު ޝައްފާންވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މިފަހަރު ޓީޓީ ފިރިހެން ޓީމުންވެސް ރިހި މެޑަލް ހޯދި އިރު، ރަފާއާއި ދީމާ ވަނީ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ.

މިއަދު ރަފާއާއި ދީމާ ފައިނަލަށް ދިޔައީ މޮރިޝަސްގެ ކުޅުންތެރިން ބަލިކޮށްފައެވެ. ދީމާ މޮރިޝަސްގެ ކިނޫ ރުގިއްޔާ ބަލިކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ރަފާ ސެމީގައި މޮރިޝަސްގެ ޖަލީމް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ރަފާއާއި ދީމާ މިއަދު ކުޅުނު ފައިނަލު ފޯރިގަދަކޮށް ގޮސް ދީމާ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ އަންހެން ސިންގަލްސް އިވެންޓުންވެސް ރަން އަދި ރިހި މެޑަލްވެސް ހޯދީ ރަފާއާއި ދީމާއެވެ. އެފަހަރުވެސް ރަން މެޑަލް ދީމާ ހޯދީ ފައިނަލުގައި ރަފާ ބަލިކޮށްގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ