ބްރެޒިލްގައި އެމެޒޯން ޖަންގަލީގެ ސަރަޙައްދަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.
ބުރެޒިލްގެ އޮފިޝަލް ވިދާޅުވެފައިވަނީ މަތިންދާބޯޓު ވެއްޓިފައި ވަނީ ބަރްސޭލޯސްގައި ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި ތިބީ 12 ފަސިންޖަރުންނާއި ދެ ފަޅުވެރިން މި ހާދިސާގައި ވަނީ މަރުވެފައެވެ. އެ މީހުންގެ ހަށިތައް މިހާރު ވަނީ މަނައުސްއަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ތަހުޤީޤު ކުރަން ފަށާފައިވާ ކަމުގައި ބްރެޒިލްގެ ސަރުކާރުން ހާމަކުރެއެވެ.
މަތިންދާބޯޓު ވެއްޓިފައި ވަނީ ބަރްސޭލުސްގެ ވައިގެ ބަނދަރުގެ ރަންވޭގައި ޖެއްސުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށާއި، އަދި، ބޯޓު ޖައްސަން މަސައްކަތް ކުރި ވަގުތީ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއް ކަމުގައި ވެސް އެމެޒޯނަސްގެ ސަލާމަތާ ބެހޭ ސެކްރެޓަރީ ވިނީސިޔޫ އަލްމޭއިދާ ވިދާޅުވެއެވެ.
ވެއްޓިފައިވާ މަތިންދާބޯޓަކީ ބްރެޒިލްގެ ކުންފުންޏެއް ކަމުގައިވާ އެމްބްރަޔަރް ކުންފުނިން އުފައްދާފައިވާ އީ.އެމް.ބީ-110 މަރުކާގެ މަތިންދާބޯޓެކެވެ. އެއީ، ސަލާމަތީ ސެޓްފިކެޓުތައް ފުރިހަމަ އުޅަނދެއް ކަމަށާއި، އެ އުޅަނދު ދުއްވަން ތިބީ ތަޖުރިބާކާރު ދެ ޕައިލެޓުން ކަމުގައި މަތިންދާބޯޓު އޮޕަރޭޓްކުރާ މަނައުސް އޭރޯޓެކްސީ ކުންފުނިން ބުންޏެވެ.


