ރަޝިޔާއިން ރަހީނުކޮށްފައިވާ ޔޫކްރެއިންގެ މައުސޫމް ކުޑަކުދިން މިނިވަންކުރުމަށް ޔޫކްރެއިންގެ ރައީސްގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކާ ގޮވައިލައްވައިފިއެވެ.
އެކަމަނާ މިހެން ގޮވާލައްވާފައިވަނީ، އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދގެ ޢާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒެލެންސްކާ ވިދާޅުވީ ރަޝިޔާއިން ރަހީނުކޮށްގެން ގެންގޮސްފައިވާ ޔޫކްރެއިންގެ ކުޑަކުދިން ޢަދަދު 19,000 އަށްވުރެ އިތުރުވާނެ ކަމުގައެވެ.
ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ފެންނަ ފޮޓޯތަކެއް ބެލަރޫސްގެ ދަޢުލަތުގެ މީޑިޔާއިން ޢާންމު ކޮށްފައިވާއިރު، އެ ފޮޓޯތަކުން ފެންނަނީ، ރަޝިޔާގެ އަތްދަށުގައި އޮތް ޔޫކްރެއިންގެ ސަރަޙައްދުތަކަށް ނިސްބަތްވާ ކުޑަކުދިންތަކެއް ބެލަރޫސްއަށް ގެންދާ މަންޒަރެވެ.
ބެލަރޫސްއަށް 48 ކުދިން ދަތުރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާ ބެލްތާއިން ބުނެއެވެ.
ރަޝިޔާގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަށް ނިސަބަތްވާ ކުޑަކުދިން، އެ ކުދިންނާއި އެ ކުދިންގެ މައިންބަފައިންގެ ރުހުމާއި ހުއްދައާއި ނުލައި، ރަހީނުކޮށްގެން ރަޝިޔާއަށް ގެންދަމުންދާ ކަމަށާއި، މި ގޮތަށް ގެންގޮސްފައިވާ ކުދިންގެ ޢަދަދު މިހާރު 19,000 އަށްވުރެ މައްޗަށް އަރާއިރު، އޭގެ ތެރެއިން އަނބުރާ ޤައުމަށް ގެނެވިފައި ވަނީ އެންމެ 386 ކުދިން ކަމުގައި ވެސް އޮލޭނާ ވިދާޅުވިއެވެ.
"ރަހީނުކޮށްގެން ގެންދާ ކުދިންނަށް ރަޝިޔާގެ ސިފައިން ވިސްނައިދެނީ އެ ކުދިންގެ ޢާއިލާތަކުން އެ ކުދިން ބޭނުން ނުވާ ކަމަށް. އެއީ ޔޫކްރެއިނަށް ނިސްބަތްވާ ކުދިން ނޫން ކަމަށް. އަދި، މިހާރު އެއީ ރަޝިޔާގެ ރައްޔިތުން ކަމަށް،" ޒެލެންސްކާ ވިދާޅުވިއެވެ.
ކުޑަކުދިން ރަހީނުކުރުމަކީ ހަނގުރާމައިގެ ކުށެއް ކަމުގައިވީ ހިނދު، ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ރަހީނުކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރު ކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވަނީ އަމުރު ނެރެފައެވެ. އިންޓަރނޭޝަނަލް ކްރިނިމަލް ކޯޓު (އައި.ސީ.ސީ)ން ޕުޓިންއާ ދެކޮޅަށް އަމުރު ނެރެފައި ވަނީ މާރިޗު މަހުއެވެ.
ޔޫކްރެއިންގެ ކުޑަކުދިން ރަހީނުކޮށްގެން ގެންދިޔުމަކީ "ގަތުލުއާންމެއް"ގެ ގޮތުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ސިފަކުރައްވައެވެ. ނަމަވެސް، ރަޝިޔާއިން ބުނީ އެއީ ހަނގުރާމައިގެ މައިދާނުން ސަލާމަތް ކޮށްފައިވާ ކުދިންތަކެއް ކަމުގައެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 574 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.


