މުޖާހިދުންގެ ޖަމާޢަތްތަކުން އިސްރާޢީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް

ހަމާސްއިން އިސްރާޢީލް ސިއްސުވާލައިފި، މިއީ ފަލަސްޠީނަށް ލިބުނު ނަޞްރެއް

ހައްދުފަހަނަ އެޅި ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލަތަކެއް ދީފިއެވެ. އަދި، ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް، އެ ޖަމާޢަތުގެ މުޖާހިދުން ވަނީ ޔަހޫދީ އިސްރާޢީލުގެ ރަށްތަކަށް އަރާފައެވެ. ހަމާސްގެ 1,000 އަށްވުރެ ގިނަ މުޖާހިދުން އިސްރާޢީލުގެ ރަށްތަކަށް އަރައި ގިނަ ޢަދަދެއްގެ ޔަހޫދީން ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރި މީހުންގެތެރޭގައި، ޔަހޫދީ އަސްކަރިއްޔާގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޖައްބާރު ސިފައިން ވެސް ހިމެނެއެވެ. އެއީ، އެއްވެސް ޖެހިލުމަކާ ނުލައި، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުން ދިޔަ މީހުންނެވެ. ހަމާސްގެ މުޖާހިދުންގެ ހަމަލަތަކުގައި ޔަހޫދީންގެ 100 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000 އަށްވުރެ ގިނަ ޢަދަދެއްގެ ޔަހޫދީން ޒަޚަމު ކޮށްލާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 198 މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންނާއި ރެޑް ކްރެސެންޓުން ބުނެއެވެ.

ހަމާސްގެ ދަށުގައި އޮންނަ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރު ކަމަށްވާއިރު އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ.

ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައި ހަމާސްއިން ބުނެއެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުންދާ މަންޒަރު ބަލަން ތިބެވެން ނެތުމުން ކަމަށް ބުނެއެވެ.

ހަމާސް ޖަމާޢަތުން ހާމަކޮށްފައިވަނީ އެ ޖަމާޢަތުން ފަށާފައި މިވާ ހަނގުރާމައަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ހަނގުރާމައެއް ކަމުގައެވެ. އަދި، ޔަހޫދީންގެ އިސްތިޢުމާރީ ދަޢުލަތުގެ އަޅުވެތިކަމުން ސަލާމަތްވާން ކުރަމުންދާ ހަނގުރާމައެއް ކަމުގައެވެ.

ހަމާސްގެ އޮޕަރޭޝަނާ ގުޅިގެން  ޣައްޒާގައި ދިރިއުޅޭ މުސްލިމުން ދަނީ ދިގުލައިގެން ގޮސްދާނެ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކު ވަނީ، އެ މީހުންގެ ގެދޮރު ދޫކޮށް، ރައްކާތެރި 'ޝެލްޓަރ' ފަދަ ޢިމާރާތްތަކަށް ބަދަލުވަމުންނެވެ. އަދި، ކާބޯތަކެތި ގަނެ، ތައްޔާރުވަމުންނެވެ.

ހަމައެހެންމެ އިސްރާޢީލުގެ ޖައްބާރުކަން ބޮޑުވެގެންވާ ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފައެވެ. އަދި، އޭނާއަށް ތާޢީދުކުރާނެ ކަމަށް ބުނެ، އެމެރިކާއިން ވަނީ ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކާމިޔާބު ކުރަން ޔަހޫދީ އަސްކަރިއްޔާއިން ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިކަމާ ގުޅިގެން އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޙުޞައިނީ ޚާމަނާއީ ވަނީ ހަމާސް ޖަމާޢަތަށް ހިތްވަރުދެއްވާފައެވެ. ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲއިން ވެސް ވަނީ ހަމާސް ޖަމާޢަތުން ފަށާފައިވާ އޮޕަރޭޝަނަށް މަރުޙަބާ ކިޔާފައެވެ. އަދި، ފަލަސްޠީނުގެ މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

އެކިއެކި އިސްލާމީ ޤައުމުތަކުން މި ޙަމަލާތަކާ ގުޅިގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ހަމަލަ ބަދަލުކުރުން ވަގުތުން ހުއްޓައިލަން ދެ ފަރާތަށް ވެސް ގޮވައިލާފައެވެ. ޤަޠަރުން ވެސް ވަނީ، ހަމަލަ ބަދަލުކުރުން ހުއްޓައިލަން ގޮވައިލާފައެވެ. ހަމައެހެންމެ، ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ޔަހޫދީ އިސްރާޢީލުން އުފުލަން ޖެހޭ ކަމަށް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ