ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވިގެންކަަމަށާއި، ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ މި ބަޔާނުގައި ފަލަސްތީނު ހިފާފައި އޮތް އޮތުމާއި، މާތްވެގެންވާ ގުދުސްއަށް އަތްގަދަކުރުމަކީ ޣައިރު ޤާނޫނީ އަދި ގަބޫލުނުކުރެވޭ ކަމެއް ކަން އިއުލާނުކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.
އިންސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީ، މި ޙަމަލާތަކުގައި ޔަހޫދީންގެ 200 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ. މިކަމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 މީހުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.
ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ