އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ޕްރޯ-މޯލްޑިވްސް" ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ސަފީރު ތަޢުރީފުކުރައްވައިފިއެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ޖަސެޕް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައި ބޭއްވި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ރިޔާސީ ދައުރުގައި އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޮސްޓްރޭލިއާ ގެ ސަފީރު ވިދާޅުވިއެވެ.
އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިކަމަށާއި، އޮސްޓްރޭލިއާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއްވާ ފުރުސަތުތަކަށް ޝުކުރުއަދާކުރައްވާފައިކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ އުތުރުން، ފެށިގެންދާ އާ ރިޔާސީ ދައުރުގައި ރާއްޖެއާއި އޮސްޓްރޭލިއާ އޮތް އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި މުއިއްޒުގެ ޚަބަރުތައް ދުނިޔޭގެ ބޮޑެތި ނޫސްތަކަށް އެރީ މުއިއްޒަކީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. މިކަމަށް ރައްދުދެއްވައި މުޢިއްޒު ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ޤަބޫލުކުރާ ހުރިހާ ޤައުމުތަކަކާވެސް ގުޅުން ބާއްވަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


