ފަލަސްތީނުގެ ބިމަކީ އެކި ގޮތްގޮތުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެވެ. އެއީ މާތްﷲ ބަރަކާތްތެރި ކުރައްވައި، މާތް ކުރައްވާފައިވާ ބިމެވެ. އެންމެ ގިނަ ނަބީ ބޭކަލުން އުފަންވެ ވަޑައިގަތް ބިމެވެ.
އިސްރާ އާއި މިއުރާޖުގެ ހާދިސާ އާއި ފަލަސްތީނުގެ ބިމުގައި ހުންނަ އަޤްސާ މިސްކިތާ ހުރި ގުޅުން އެއީ އޮޅުމެއް ނެތް ކަމެކެވެ. މުސްލިމުންގެ ފުރަތަމަ ޤިބުލަ، މަސްޖިދުލް އަޤްސާ އާއި ދެ ވަނަ ޤިބުލަ، ކައުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދެއެވެ. މިއީ މުސްލިމުންގެ އަގީދާއާ ގުޅިފައިވާ ބިމެވެ. ކީރިތި ރަސޫލާގެ އިސްރާ އާއި މިއުރާޖު ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ނާރެހަކީ މަސްޖިދުލް އަޤްޞާ ކަމުގައި ބަޔާންވެގެންވެއެވެ.
މި ހަރަކާތުގެ ތެރެއިން ނިރުބަވެރި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ނަސްލު ނައްތާލުމުގެ ޝިއާރުގެ ދަށުން ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ބަޑި އާއި ބޮމުގެ ހަމަލާތައް ދީ ޤަތުލްއާންމު ހިންގައި ގެދޮރު ސުންނާފަތި ކުރުގެ ބޮޑެތި މަޝްރޫތައް ދަނީ ހިންގަމުންނެވެ.
މި ޖަރީމާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެ، އެތައް ލައްކަ ބަޔަކު ރެފިއުޖީންނަށް ވެގެންދެއެވެ.
މި ހުރިހާ ކަންތައް އިސްރާއިލުން ކުރިއަށް ގެންދިޔައީ އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރާ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ހިމާޔަތް ލިބިގެންނެވެ. ހަނގުރާމައިގެ ވަޞީލަތްތައް ފޯރުކޮށްދީގެންނެވެ.
ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި އަނިޔާވެރި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސް ވެސް ފުހެލުމަށެވެ. އިސްލާމްދީނުގެ އަސަރު މުޅި ބިންމަތިން ނައްތާލުމަށެވެ.
ޤުދުސްގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް ހިންގަމުންދެއެވެ. ޤުދުސާއި އިސްލާމީ މުޤައްދަސް ތަންތަން ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާއެއް ދަނީ ހިންގަމުންނެވެ.
ސުލައިމާނުގެފާނުގެ ބިނާ ހޯދުމަށް ކަމަށް ބުނެ އަޤްސާ މިސްކިތުގެ ދަށުން ބިންގަރާސްތައް ކޮންނަމުންދާކަން ފާހަގަކޮށްލާންޖެހެއެވެ. މީގެ ބޭނުމަކީ އަޤްޞާ މިސްކިތުގެ ދަށުގައި ފައްޅިއެޅުން ކަން ތާރީޚުން ހެކިދެއެވެ. ނަތީޖާއަކަށްވާނީ އަޤްޞާ މިސްކިތުގެ ބިންގާ ބަލިކަށިވެ އެތަނަށް ބިންހެލުމެއްގެ ކިރިޔާ އަސަރެއް ކުރި ނަމަވެސް މިސްކިތް ބިމާ ހަމަވުން ކަމަށް ޚުތުބާގައިވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެތަން ސާފުކުރާ އިރު ފެންނާނީ ޔަހޫދިންގެ ފައްޅިތައް ކަމަށެވެ.
މަސްޖިދުލް އަޤްޞާ ބިމާ ހަމަކުރުމުގެ މަސައްކަތް ޔަހޫދިން ފަށާފައިވާ އިރު ދެން ދިމާކުރާނީ މައްކާ އާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތާލުމުގެ މަޝްރޫއު ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް އުފެދުނު އިރު ފަލަސްތީނުގައި ޔަހޫދީން އުޅުނީ ބިމުގެ ނިސްބަތުން %10 ގައެވެ. އެހެންނަމަވެސް އެ ޔަހޫދީން މިހާރު ވަނީ ފަލަސްތީނުގެ ބިމުގެ %90 އަށް ގަދަވެގަނެފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނިރުބަވެރި އިސްރާއިލުން ހިންގާ ލާ އިންސާނީ ރަހުމްކުޑަ އަނިޔާތަކުގެ އަޑުއަހާނެ ބަޔަކު ނެތީތޯ ސުވާލުކޮށްލާންޖެހެއެވެ. އިސްލާމީ އުއްމަތުގެ މެދުގައި އޮންނަން ޖެހޭ ގާތް އަޚްވަންތަ ގުޅުން އަނބުރާ އިޔާދަކުރަންޖެހެއެވެ. މި ވާހަކަތައް ޒުވާނުންނަށް ކިޔައިދީ މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ލޯބި ކުޑަކުދިންގެ ހިތްތަކަށް ވައިދައިދޭން ޖެހެއެވެ.