އަމަލީ ބައިވެރިވުމުގެ ވަގުތު ޖެހުމާއެކު، ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވާން ތިބީ ތައްޔާރަށް ކަމަށް ހިޒްބުﷲ ޖަމާޢާތުން ބުނެފިއެވެ.
"އަމަލީ ބައިވެރިވުމުގެ ވަގުތު ޖެހުމާއެކު، އަހަރެމެން، ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވާން މިތިބީ ތައްޔާރަށް. މި ތިބީ ރަނގަޅު ވަގުތަށް ބަލަން" ހިޒްބުﷲ ގެ ޑެޕިއުޓީ ޗީފް ގަސަމް ވިދާޅުވެފައިވެއެވެ.
ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި ޔަހޫންދީންގެ ނުބައި އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާ ޙާލަތު ދަށްވެފައިވާއިރު، އދ.ގެ ފަރާތުން ފޯރުކޮށްދޭ އިންސާނީ އެހީގެ ވެހިކަލްތައް، އަދިވެސްވަނީ ޣައްޒާއަށް ވަނުމުގެ ހުއްދަ ނުލިބިގެން ނުވަދެވިފައެވެ. މިފަހަރު ޖިހަދު ފަށާފައިވާ ޣައްޒާގެ ހަމާސް ޖަމާއަތް ނެތިކޮށްލަން، ނިރުބަވެރި އިޒްރޭލުން ޣައްޒާއަށްދޭ ޙަމަލާތައް އިތުރުކޮށްފައިވާއިރު، ހަމާސް ޖަމާއަތަށް މަދަދު ދިނުމުގައި ލުބުނާނުގެ ބޯޑަރުގެ އަނެއްފަޅީގައި ތިބިބަޔަކީ ލުބުނާންގެ ހިޒްބުﷲ ޖަމާޢަތެވެ.
ރިޕޯޓްތައް ބުނާގޮތުން، މިހާތަނަށް ވޭތުވެދިޔަ ނުވަ ދުވަހުގެ ތެރޭގައި ހަމާސް ޖަމާއަތުން، ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ފޮނުވަމުން ގެންދާ ރޮކެޓުތައް ވަނީ އިތުރެވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު، ހިޒްބުﷲ އިން ބުނެފައިވާ ގޮތުގައި، އެ ޖަމާއަތް އޮތީ، ފަލަސްޠީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް، އިޒްރޭލުން ކުރާ ހަނގުރާމައިގައި ހަމާސްއަށް ވާގިވެރިވެ ދިނުމުގެ ގޮތުން، ހަނގުރާމައިގައި ބައިވެރިވާން، ފުރިހަމައަށް ތައްޔާރަށެވެ. އެހެންވެ، ޙިޒުބުﷲ އޮތީ ދަނޑިވަޅަށް ބަލަބަލައި، ރަނގަޅު ވަގުތުގައި، އެމީހުން ހަނގުރާމައިގެ ތެރެއަށް ވަނުމަށް ތައްޔަރުވެގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.