ފަލަސްޠީނުގެ ހޮސްޕިޓަލަކަށް އަމާޒުކޮށް އިޒުރޭލުން ބޮމުގެ ދިން ޙަމަލާއެއްގައި 500އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
ބޮމުގެ ޙަމަލާ ދީފައިވަނީ، ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަހްލި އެރަބް ހޮސްޕިޓަލަށެވެ. މި ޙަމަލާގައި އެ އެނދުމަތިކޮށްފައިވާ ބަލިމީހުންނާއި، ގެދޮރު ގެއްލިގެން ވަދެ ތިބި މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ޙަމަލާ ކުށްވެރިކުރަމުންދާއިރު، މި ނުބައި އަނިޔާވެރި ޙަަމަލާގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުވެފައެވެ.
މިއީ ކުށެއް ނެތް އެތައް ރައްޔިތުންނެއް މި ބިން މަތިން ފޮހެލުމަށް ދީފައިވާ ނުރައްކާތެރި އަނިޔާވެރި ޙަމަލާއެއްކަމަށް އިންޓަރނޭޝަނަލް ރިލީފް ވޯކް އެޖެންސީންވަނީ ބުނެފައެވެ.
އެ ހޮސްޕިޓަލުގެ ތެރޭގައިވަނީ ލޭގެ ކޯރެއް އުފެދިފައެވެ. މި ޙަމަލާގައި އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައްޝިފާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
ރިޕޯޓްތައް ބުނާގޮތުން، 420،000 އަށްވުރެ ގިނަ މީހުން އެހީދޭ ސެންޓަރުތަކަށް އެހީތެރިކަމަށް އެދި ގޮސްފައިވެއެވެ، އެހެންނަމަވެސް އެހީގެ ގޮތުގައި ފޯރުކޮށްދޭނެ ތަކެތި ހުސްވެ، ތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ނެތެވެ. ވަރަށް އަވަހަށް މިޙާލަތުން މީހުން ސަލާމަތް ކުރެވޭނެ އަމާން ގޮތެއް ނުފެނިއްޖެނަމަ ޙާލަތު މިއަށްވުރެވެސް ނުރައްކާތެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާއަށް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.