ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައްބަޔަކު މަރުވުމާގުޅިގެން، އެ ހަމަލާގެ ބަދަލު ހިފުމުގެ އިންޒާރު އީރާނުން ދެމުން ދަނިކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިސްރާއީލަށް އެންމެ ފުރިހަމަ ރައްކާތެރިކަމާއި ސަޕޯޓް ދޭނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.
ބައިޑަން މި ވައުދު ވެފައިވަނީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ޣައްޒާގައި ކުރާ ހަނގުރާމާގައި، އާއްމުންނާއި އާއްމުންގެ އާއިލާތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާގުޅިގެން، ހާއްޞަކޮށް ހަނގުރާމާގެ މައިދާނުގައި އާއްމުންނަށް އެހީތެރިވާ، އެހީތެރިންނަށް އަމާޒުކޮށް ހަމަލާދީ ހަތް އެހީތެރިއަކު ޝަހީދުކޮށްލުމާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިސްރާއީލުގެ އާންމުން ފާޑުކިޔަމުން ދަނިކޮށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިޑެން ވިދާޅުވީ އީރާނުން، އިސްރާއީލަށް ބޮޑު ހަމަލާއެއް ދިނުމުގެ އިންޒާރު ދެމުންދާ ކަމަށެވެ.
"އަޅުގަނޑު ބޮޑުވަޒީރު ނަތަންޔާހޫ އަރިހުގައި ދެންނެވިން، އީރާނާއި އެގައުމުގެ އެހީތެރިންގެ ފަރާތުން އަންނަ މި އިންޒާރުތަކާ ދެކޮޅަށް، އިސްރާއީލަށް އަޅުގަމެންދޭ ޔަގީންކަމަކީ ދަގަނޑުދަހަނާގެ ރައްކާތެރިކަމެއް އިސްރާއީލަށް އަޅުގަނޑުމެން ދޭނެކަން. " ބައިޑަން ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ކޮންސިއުލޭޓް އިމާރާތަށް އިސްރާއީލުން ހަމަލާދީ ހަލާކުކޮށް، ދެ ޖެނެރަލުން ހިމެނޭ ގޮތަށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަތް މީހަކު މަރުވުމުން އިސްރާއީލުގެ މަސްލަހަތަށް އަވަސް ހަމަލާއެއް އަތުވެދާނެ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ބުދަ ދުވަހު ދެއްވި ތަގުރީރެއްގައި، ވިދާޅުވީ، އިސްރާއީލުގެ ނުބައި އަނިޔާވެރި ވެރިކަމަށް އަދަބު ދޭންޖެހޭނެ ކަމަށާއި، އަދަބު ލިބޭނެ ކަމަށެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް، އެކްސްގައި ފާރިސީ ބަހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އީރާނުން، އެގައުމުގެ ސަރަހައްދުން އިސްރާއީލަށް ހަމަލާއެއްދީފިނަމަ އިސްރާއީލުން ޖަވާބުދާރީވެ އީރާނަށް ހަމަލާދޭނެ ކަމަށެވެ.
އިސްރާއީލުގެ ތަރީޚުގައި އެގައުމަށް ދިން އެންމެ ބިރުވެރި ނުރައްކާތެރި ހަމަލާދީފައިވަނީ 2023 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިންނެވެ. އެދުވަހުން ފެށިގެން ހަމާސް އާ ދެކޮޅަށް އިސްރާއީލުގެ ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނެއް ހަމާސް ނައްތާލުމުގެ އެއްވެސް ކޮޅުމައްޗެއް އިސްރާއީލަކަށް ނުފެނެއެވެ.
ހަމާސްއަށް މައިގަނޑު ގޮތެއްގައި އެހީތެރިވަނީ އިރާނާއި ގަތަރާއި ތުރުކީއެވެ. އަސްކަރީ ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ތަމްރީނާއި ސްޓްރެޓީޖިކް ގޮތުން ހަމާސްއަށް އެހީތެރިވަނީ އީރާނެވެ.


