ބްރެޒިލް އަދި ސަންޓޮސްގެ ފޯވާޑް ނޭމާގެ ވައަތު ކަކުލުގެ މެނިސްކަސްއަށް ލިބިފައިވާ އަނިޔާއެއް ރަނގަޅުކުރުމަށް ކުރި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އުމުރުން 33 އަހަރުގެ ނޭމާ މި އަނިޔާއާއެކު ކުޅެމުންދިޔައީ ސަންޓޯސް ދަތި އުނދަގޫ ސީޒަނެއްގައެވެ. އެ ކްލަބު ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވިޔަނުދީ ސަލާމަތްކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސަންޓޯސް އިން ބުނި ގޮތުގައި މި އާތްރޯސްކޯޕިކް ސާޖަރީ ކުރިއަށް ގެންދިޔައީ ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރެވެ. މީގެ ކުރިން ނޭމާގެ ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުން ކުރި އޮޕަރޭޝަނާއި، 2023 ވަނަ އަހަރު އޭނާގެ ކަކުލުގެ އޭ.ސީ.އެލް ކަނޑައިގެން ދިއުމުން ކުރި އޮޕަރޭޝަންވެސް ކުރީ ހަމަ އެ ޑޮކްޓަރެވެ.
މި އޮޕަރޭޝަނާއެކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެކުލަވާލާ ސްކޮޑުން ޖާގައެއް ހޯދުމަށް ނޭމާ ކުރާ އުންމީދުތައް ވަނީ އާވެފައެވެ.
ބާސެލޯނާ އަދި ޕީ.އެސް.ޖީގެ ކުރީގެ ފޯވާޑަކީ 128 މެޗުން 79 ގޯލު ޖަހައިގެން ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރަށްވުރެ ގިނަ ދުވަހު އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.
ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލްގައި 18 މަހަށްވުރެ ގިނަ ދުވަސް ހޭދަކުރިއިރު އެންމެ ހަތް މެޗު ކުޅުމަށްފަހު، ނޭމާ އޭނާގެ ކުޑައިރުގެ ކްލަބު ސަންޓޯސް ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
ސީޒަނުގެ ފަހު ހަތަރު މެޗުގައި ކަކުލުގެ ރިހުމާއެކު ކުޅެ، ފަސް ލަނޑު ޖަހައިދީގެން ސަންޓޯސް ރެލިގޭޝަނުން ސަލާމަތްކޮށްދިނުމުގައި އޭނާ ވަނީ ނުހަނު މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސަންޓޯސްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އާ އެއްބަސްވުމަކާ ގުޅޭގޮތުން އޭނާ މިހާރު ދަނީ ކްލަބާއެކު މަޝްވަރާ ކުރަމުންނެވެ.


