އޮލެ ގަނާ ސޯލްޝެއާ އަލުން ޔުނައިޓެޑާ ހަވާލުވަނީ

އޯލެ ގަނާ ސޯލްޝެއާ އަލުން މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމާ ބެހޭގޮތުން މަޝްވަރާތައް ކުރަންފަށައިފި ކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.

މެންޗެސްޓަރގެ ޔުނައިޓެޑް ކޯޗުކަމުގައި 14 މަސްދުވަހު ހުރުމަށްފަހު، ޔުނައިޓެޑުން ވަނީ މިދިޔަ ހޯމަ ދުވަހު ރޫބެން އަމޮރިމް މަގާމުން ވަކިކޮށްފައެވެ. އަމޮރިމް ވަކިވުމާ ގުޅިގެން ޓީމުގެ ވަގުތީ ކޯޗުކަމާ ޑަރެން ފްލެޗަރ ހަވާލުވެފައިވާއިރު، އަންނަ އާދީއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް މެޗުގައި ޓީމަށް އިރުޝާދުދޭނީ އޭނާއެވެ.

ވަގުތީ ކޯޗެއްގެ ގޮތުގައި ފްލެޗަރ އިރުޝާދުދިން ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ޔުނައިޓެޑުން ބާންލީއާ ބައްދަލުކޮށް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އާދީއްތަ ދުވަހު އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ޓީމަށް އިރުޝާދުދޭނީ އޭނާއެވެ. ނަމަވެސް، އެ މެޗަށްފަހު އޭނާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އަމޮރިމްގެ ބަދަލުގައި ދާއިމީ ކޯޗެއް ހޯދުމަށް ޔުނައިޓެޑުން އަންނަ ހޫނު މޫސުމާ ހަމައަށް މަޑުކުރަން ނިންމައިފިނަމަ، ކުރީގެ މިޑްފީލްޑަރު ފްލެޗަރ ސީޒަން ނިމެންދެން އެ މަގާމުގައި ހުރެދާނެއެވެ. އަދި ސޯލްޝެއާ އުންމީދު ކުރަނީ ދެވަނަ ފަހަރަށް އޯލްޑް ޓްރެފޯޑާ ހަވާލުވުމަށެވެ. މި ހައިރާންކުރުވަނިވި އެނބުރި އައުމާ ގުޅޭގޮތުން ނޯވޭގެ ސޯލްޝެއާ ޔުނައިޓެޑާ އެކު ކުރިމަތިލައިގެން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، މި މަގާމަށް ސޯލްޝެއާއާ އެކު މައިކަލް ކެރިކްވެސް ދަނީ ވާދަކުރަމުންނެވެ. މިޑްލްސްބަރާގެ ކުރީގެ ކޯޗު ކެރިކް ވަނީ މި ހަފުތާގެ ކުރީކޮޅު ޔުނައިޓެޑްގެ އިސްވެރިންނާ އެކު ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ބާއްވާފައެވެ. ކެރިކް ބުރާސްފަތި ދުވަހު ޗީފް އެގްޒެކެޓިވް އޮމާރ ބެރާޑާ އަދި ޑައިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސްއާ ބައްދަލުކޮށްފައިވާއިރު، ސޯލްޝެއާ މި ދެ ބޭފުޅުންނާ ބައްދަލުކުރާނީ މި ހަފުތާ ބަންދުގައެވެ.

ބެސިކްޓާސްއަށް ޔޫރަޕްގެ ފުޓްބޯޅައިން ފުރުސަތު ހޯދައިނުދެވުމާ ގުޅިގެން، މިދިޔަ ހޫނު މޫސުމުގައި އެ ކްލަބުގެ ކޯޗުކަމުން ވަކިވި ފަހުން ސޯލްޝެއާ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.

އުމުރުން 52 އަހަރުގެ ސޯލްޝެއާއަކީ ސީޒަން ނިމެންދެން ޔުނައިޓެޑާ ހަވާލުވުމަށް އެންމެ ކުރީގައި އުޅޭ ކެންޑިޑޭޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ