ފުޓްބޯޅަ ކެރިއަރު ނިމުމަކާހަމައަށް އަންނަންއުޅޭކަމުގެ އިޝާރާތެއް ކްރިސްޓިއާނޯ ރޮނާލްޑޯ ދީފި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލެޖެންޑަރީ ކެރިއަރުގެ ފަހު ކޮޅަށް އާދެވިއްޖެކަމަށް އޭނާ ފާޅުގައި އެއްބަސްވެއްޖެއެވެ. އުމުރުން މިހާރު 41 އަހަރުގެ ޕޯޗުގަލްގެ މި އައިކަން އަކީ އަދިވެސް އަލް-ނަސްރުން ތަށި ހޯދުމަށް ކުރާ މަސައްކަތުގެ މައިގަނޑު ބާރެވެ. ނަމަވެސް، އެންމެ މަތީ ފަންތީގައި އޭނާ ހޭދަކުރާ ވަގުތު ނިމުމަކާ ގާތްވަމުންދާކަން އޭނާ ވަނީ ގަބޫލުކޮށްފައެވެ.

މި ހަފުތާގެ މެދުތެރޭގައި އަލް-އަހްލީ އަތުން 2-0 އިން އަލް-ނަސްރު މޮޅުވި މެޗުގައި، ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 970 ވަނަ ލަނޑު ޖަހައި އިތުރު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އެހެންނަމަވެސް، އުމުރުން ދުވަސްވަމުންދާކަން އޭނާގެ ވިސްނުމުގައި ހުރިކަން ސާފުކޮށް އެނގެއެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ ކުރީގެ ސުޕަސްޓާރު ވަނީ މެޗަށްފަހު އޭނާގެ މުސްތަގުބަލާ ބެހޭގޮތުންނާއި، އެންމެ މަތީ ފަންތީގައި އަދި ކިހާ ދުވަހަކު ހުރެވޭނެތޯ ފާޅުގައި ވާހަކަދައްކާފައެވެ.

CanalGoatBr އަށް ދިން އިންޓަވިއުއެއްގައި، އުމުރުން 41 އަހަރުގައިވެސް ކުޅުން ކުރިއަށްގެންދާ ސަބަބު ރޮނާލްޑޯ ކިޔައިދިނެވެ. "އަހަރެން ކުޅެމުން މިދަނީ ހަމައެކަނި މި ޖީލަކަށް ނޫން، އޭގެ ކުރީގެ ޖީލަށާއި ދެން އަންނަން އޮތް ޖީލަށްޓަކައިވެސްމެ،" އޭނާ ބުންޏެވެ. "ކެރިއަރުގެ ނިމުމާ ގާތްވަމުންދާއިރުވެސް، އަހަރެން ކޮންމެ ދުވަހަކު، ކޮންމެ މެޗަކު އަދި ކޮންމެ އަހަރަކުވެސް މިކަމުން އުފާލިބިގަންނަން. އެއީ ހަގީގަތެއް."

ފަސް ބެލޮންޑިއޯ އާއި ފަސް ޗެމްޕިއަންސް ލީގު ތަށި ހޯދާފައިވާ ރޮނާލްޑޯގެ ކެރިއަރަކީ ތާރީޚުގައިވެސް މަދު ކުޅުންތެރިއަކަށް ނޫނީ ހާސިލުނުކުރެވޭ ފަދަ ކާމިޔާބީތަކުން ފުރިގެންވާ ކެރިއަރެކެވެ. ސްޕޯޓިން ސީޕީ އިން ފެށިގެން މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގައި އޭނާ ގާއިމުކުރި ރެކޯޑުތަކާއެކު، މި ތަޖުރިބާކާރު ފޯވާޑް ހުރީ އަންނަން އޮތް ޖީލުތަކަށް އޭނާ ދޫކޮށްލާ ތާރީޚީ ކާމިޔާބީތަކާ މެދު ހިތްހަމަޖެހިފައެވެ.

އޭނާގެ ދަތުރާ މެދު ވިސްނާލަމުން ރޮނާލްޑޯ ބުނީ، ކުޅުން ހުއްޓާލަން ބޭނުންވަނީ ފަނޑުވުމުގެ ބަދަލުގައި އެންމެ މަތީ ފަންތީގައި ހުރެގެން ކަމަށެވެ. އޭނާ އިތުރަށް ބުންޏެވެ: "އަހަރެންގެ ކެރިއަރަކީ ވަރަށް ފުރިހަމަ ކެރިއަރެއް، އަދި އެގޮތުގައި ބާއްވަން އަހަރެން ބޭނުންވޭ. އަދިވެސް އަހަރެން މިކަމުން އުފާލިބިގަންނަން، ލަނޑު ޖަހަމުން މިދަނީ. އެކަމަކު އެންމެ މުހިންމު ކަމަކީ މޮޅުވުން. އަދި އަހަރެމެން ބޭނުންވަނީ ލީގު ކާމިޔާބުކުރަން."

2023 ވަނަ އަހަރު ސައުދީ ޕްރޯ ލީގާ ގުޅުނު ފަހުން، ރޮނާލްޑޯ އަދިވެސް ހުރީ މެދުއިރުމަތީގައި އޭނާގެ ފުރަތަމަ ލީގު ތަށީގެ އިންތިޒާރުގައެވެ. އެ އިންތިޒާރު މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ފެނެއެވެ. ސަބަބަކީ އަލް-ނަސްރު މިހާރު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއްގައި އޮތުމެވެ. ވާދަވެރި އަލް-ހިލާލް އަތުގައި އިތުރު މެޗެއް އޮތް ނަމަވެސް، އެންމެ ފަހުން ހޯދި ތިން ޕޮއިންޓާއެކު ރިޔާޟަށް ނިސްބަތްވާ މި ޓީމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ ކުޅުންތެރިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ގޮންޖަހަމުން، ރޮނާލްޑޯ އަކީ އަދިވެސް އަލް-ނަސްރުގެ ނަތީޖާ ބަދަލުކޮށްލާ މުހިންމު ކުޅުންތެރިޔާއެވެ. އޭނާގެ 970 ވަނަ ލަނޑަކީ އޭނާގެ ހުށިޔާރުކަން އަދިވެސް ހުރިކަމުގެ ހެއްކެކެވެ. މިއީ އޭނާގެ ބޮޑު ކާމިޔާބީގެ ތަށިތަކުގެ ތެރެއަށް އިތުރުކޮށްލެވޭނެ ތާރީޚީ ލީގު ތަށްޓަކަށް ޓީމު ގެންގޮސްދިނުމަށް ކުރާ މަސައްކަތެކެވެ.

ސައުދީ ޕްރޯ ލީގު ކާމިޔާބުކުރުމަކީ މިވަގުތުގެ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވިޔަސް، ޕޯޗުގަލްގެ ކެޕްޓަންގެ އެންމެ ބޮޑު އުއްމީދަކީ ވޯލްޑްކަޕް ކާމިޔާބުކުރުންކަމުގައިވެދާނެއެވެ. މި އަހަރުގެ ފަހުކޮޅު ވޯލްޑް ކަޕް އޮތުމާއެކު، މިއީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ކެރިއަރުގެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތެވެ. ފަހަރުގައި މިއީ ސައުދީ އަރަބިއްޔާގެ ފުރަތަމަ ލީގު ތަށި އަދި ޕޯޗުގަލްގެ ތާރީހުގައި ފުރަތަމަ ވޯލްޑްކަޕާއެކު އޭނާ ކުޅުން ހުއްޓާލާނެ ވަގުތަށް ވެދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ