ޕްރިމިއާ ލީގު އެއްވަނައިގައި އާސެނަލުން ސިޓީގެ މައްޗަށް ހަޕޮއިންޓުގެ ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ފުލަމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން 3-0 އިން މޮޅުވެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މެޗުގައިވިކްޓަރ ގިޔޮކެރޭސް އާއި ބުކާޔޯ ސާކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއާއެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ވަނީ 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދުމާ ގާތަށް ޖެހިލާފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު، މިކޭލް އާޓެޓާގެ ޓީމުން ވަނީ ފުލަމްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ.

އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހައިދީ ކުރިހޯދައިދިނީ ގިޔޮކެރޭސްއެވެ. އަދި ސާކާ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސްވިޑަންގެ ފޯވާޑް ގިޔޮކެރޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި މި ދެވަނަ މޮޅާއެކު، 'ގަނާސް' ވަނީ ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ހަ ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ.

ޕެޕް ގާޑިއޯލާގެ ސިޓީއަށް ބާކީ ދެ މެޗު އޮތްއިރު، އޭގެ ތެރެއިން ފުރަތަމަ މެޗުގައި ހޯމަ ދުވަހު އެވަަޓަންއާ ދެކޮޅަށް ނުކުންނާނެއެވެ. ނަމަވެސް އާސެނަލްގެ މި ވަރުގަދަ ކުޅުމުގެ ސަބަބުން، ވާދަވެރި ލީގު ރޭހުގައި ސިޓީއަށް މިހާރު އެއްވެސް ގޯހެއް ހެދުމުގެ ފުރުސަތެއް ނެތެވެ.

ސިޓީން ބާކީ ހުރި މެޗުތައް ކާމިޔާބުކޮށްފިނަމަ އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެއެވެ. ނަމަވެސް ދެ ޓީމުންވެސް މެޗުތަކުން މޮޅުވަމުންދާނަމަ، ލީގު ޗެމްޕިއަންކަން ކަނޑައެޅުމުގައި ބަލާނީ ގޯލުގެ ތަފާތަށެވެ.

ބާކީ ތިން މެޗު އޮތް އާސެނަލްގެ ގޯލުގެ ތަފާތަކީ +41 އެވެ. އަދި ފަސް މެޗު ބާކީ އޮތް ސިޓީގެ ގޯލުގެ ތަފާތަކީ +37 އެވެ.

މި ސީޒަނުގައި އާސެނަލްގެ ކުޅުން ދަށްކޮށް އޮވެ މޮޅުވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މި މެޗުގައި އެޓީމުން ވަނީ ޗެމްޕިއަނުންގެ ކިބައިން ފެންނަ ފަދަ ރީތި ފްލޯއިންގ ފުޓްބޯޅައެއް ކުޅެފައެވެ.

މި މެޗުގައި އެންމެ މުހިންމު ކަމަކަށް ފާހަގަވީ، އެކިލީސް އިންޖަރީއަކަށްފަހު މާރިޗު 22 ގެ ފަހުން ފުރަތަމަ ފަހަރަށް ސާކާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމެވެ.

ވޭތުވެދިޔަ ހަފުތާގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗެއްގައި ފެނުނު އިންގްލެންޑްގެ ވިންގަރ އެނބުރި އައީ އެންމެ ބޭނުންވި ވަގުތުގައެވެ. އޭނާ ނެތް ފަސް މެޗުގެ ތެރެއިން ތިން މެޗުން އާސެނަލް ބަލިވިއިރު، އޭނާގެ މޮޅު ކުޅުމުން އާސެނަލްއަށް އޭނާގެ މުހިންމުކަން ވަނީ ހާމަވެފައެވެ.

ފަހަކަށް އައިސް އާސެނަލްގެ ކުޅުން އެހާ އިތުބާރު ހުރި ގޮތަކަށް ނުފެނެއެވެ. ސިޓީ އާއި ބޯންމައުތު އަތުން ބަލިވުމުން ތާވަލުގެ ކުރީގައި އޮތް ބޮޑު ލީޑު ވަނީ ގެއްލިފައެވެ.

މިދިޔަ ހަފުތާގައި ނިއުކާސަލް އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދުމުންވެސް އެޓީމުގެ ހާސްކަން ކެނޑުނު ކަމަކަށް ނުބެލެވުނެވެ. އެހެންކަމުން އާޓެޓާ ވަނީ މި ނުތަނަވަސް ލީގު ރޭހުގައި ކުޅުންތެރިންގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް އިރުޝާދު ދީފައެވެ.

މިވަގުތަށް އާސެނަލްއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާއިރު، ދެން އެންމެންގެ ސަމާލުކަން ހުއްޓޭނީ ސިޓީން އެވަަޓަންއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ