ސިޓީއަށް ލީގުގެ ކޮންޓްރޯލް ގެއްލިއްޖެ: ޕެޕް ގާޑިއޯލާ

އެވަޓަންއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމާ ގުޅިގެން، ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަމިއްލަ ބާރުގެ ދަށުން ގެއްލިފައިވާ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެއެވެ.

"މިހާރު މިއޮތީ އަހަރެމެންގެ އަތްމަތީގައެއް ނޫން؛ ކުރިން އޮތީ އަހަރެމެންގެ އަތްމަތީގައި، އެކަމަކު މިހާރު އެހެނެއް ނޫން،" ހޯމަ ދުވަހުގެ މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

"ޕްރިމިއާ ލީގުގައި އަދި އަހަރެމެންނަށް ބާކީ ހަތަރު މެޗު އެބައޮތް. އެ މެޗުތައް ވެސް ދާނީ ދާދި އެއްގޮތަކަށް، ދެން ވާގޮތެއް ބަލަމާ ހިނގާ."

ހޯމަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗާއި، އޭގެ ފަސް ދުވަސް ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ސިޓީއަށް އޮތެވެ.

ނަމަވެސް، މިހާރު އެ ޓީމު އޮތީ އާސެނަލްއަށްވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ. ސިޓީއަށް ބާކީ އެއް މެޗު އޮތް ނަމަވެސް، ލީގު ހޯދުމަށްޓަކައި މިހާރު ބޭނުންވަނީ އާސެނަލްގެ ނަތީޖާތައް ދަށްވުމެވެ.

ލިވަޕޫލްގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ތިން ޕޮއިންޓް ކާމިޔާބުނުވުމުން، ގާޑިއޯލާ ބުނީ ލިބުނު އެއް ޕޮއިންޓާމެދު ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ބަލިވުމަށްވުރެ މިއީ ރަނގަޅު ގޮތެއް،" އޭނާ ބުންޏެވެ. "އަހަރެމެން ބޭނުންވީ މޮޅުވާން. އަހަރެމެން ކުޅުނީ އެކަމަށްޓަކައި، އަދި އަހަރެމެންނަކީ ކޮންކަހަލަ ޓީމެއްކަން ދައްކައިދީފިން. ހުރިހާ މަސައްކަތެއް ކުރިން. ކުޅުންތެރިން ފެނުނީ ވަރަށް ވަރުގަދަކޮށް."

ލީގު ކާމިޔާބުކުރުމުގެ އުންމީދަށް ބޮޑު ހުރަހެއް އެޅުނު ނަމަވެސް، ސިޓީއަށް އަދިވެސް ތިން މުބާރާތް (ޑޮމެސްޓިކް ޓްރެބަލް) ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން ވަނީ މާޗް މަހު އާސެނަލް ބަލިކޮށް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަދި މެއި 16 ގައި އެފްއޭ ކަޕް ފައިނަލްގައި އެ ޓީމު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ